މެލޭޝިޔާ ފުލުހުން ޒާކިރު ނައިކު ހާޒިރުކޮށް ސުވާލުކުރަނީ

މެލޭޝިޔާގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ، ދީނީ ތަޤްރީރުކުރެއްވުމަށް މަޝްހޫރު ޑރ. ޒާކިރު ނައިކު ފުލުހަށް ހާޒިކޮށް ސުވާލުކުރަން އެގައުމުން ނިންމައިފިއެވެ. އިންޑިޔާ ސަރުކާރުން ހައްޔަރުކުރަން ބޭނުންވެފައިވާ، އެގައުގެ ރައްޔިތެއް ކަމުގައިވާ ޒާކިރު ނައިކަށް މެލޭޝިޔާގެ ކުރީގެ ސަރުކާރުން ވަނީ އެގައުމުގެ ދާއިމީ ވަޒަންވެރިކަން ދީފައެވެ.

ފުލުހުން ޒާކިރު ނައިކާ ސުވާލުކުރަނީ 'ނަސްލީގޮތުން ހައްސާސު' ވާހަކަފުޅު ދައްކަވައި، މެލޭޝިޔާ މުޖުތަމައު ބައިބައިވާފަދަ ކަމެއް ކުރައްވާފައިވާތީއެވެ.

ދާދި ފަހުން ކެލަންޓާން ސްޓޭޓުގައި ދެއްކެވި ވާހަކަފުޅެއްގައި ޒާކިރު ނައިކު ވަނީ މެލޭޝިޔާގެ ޗައިނާ ދަރިކޮޅު މީހުންނަކީ ބޭރުން އެގައުމަށް އައިސްތިބި މެހުމާނުންތަކެއް ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައި ވަނީ އޭނާ ފަދަ 'ފަހުގެ މެހުމާނަކު' އަނބުރާ ފޮނުވާލުމުގެ ކުރިން 'ކުރީގެ މެހުމާނުން' (ޗައިނާ މީހުން) ފޮނުވާލުން މާ ރަނގަޅު ކަމުގައެވެ.

މީގެ އިތުރަށް، މެލޭޝިޔާގެ އިންޑިޔާ ދަރިކޮޅުގެ ހިންދޫންނަށް އިޝާރާތްކުރައްވައި، މެލޭޝިޔާގެ ހިންދޫން ޑރ. މަހާތީރަށް ވުރެ ބޮޑަށް ނަރެންދްރަ މޯދީއަށް ވަފާތެރިވާނެކަމަށް ބުނެ އެމީހުންގެ ގައުމީ ލޯތްބާ މެދުވެސް ސުވާލު އުފައްދަވާފައެވެ.

އޭނާގެ މިވާހަކަފުޅުތަކާ ގުޅިގެން ޑރ. ޒާކިރު ނައިކް މެލޭޝިޔާއިން ބޭރުކުރުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ. ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހަތަރު ވަޒީރަކުވެސް ވަނީ މިކަމަށް ގޮވައިލައްވާފައެވެ.

"ހުރިހާ ފަރާތަކަށް، މެލޭޝިޔާގެ ރައްޔިތުން ނޫން މީހުންވެސް ހިމެނޭހެން، ގޮވާލަން އަހަރެން ބޭނުންވަނީ، އާއްމު މަސްލަހަތާއި ސުލްހަ ނަގާލަން މަސައްކަތްކުރާ އެއްވެސް ފަރާތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް، އަހަރެންގެ ވުޒާރާގެ ދަށުގައިވާ އެއްވެސް ތަންފީޒީ އިދާރާއަކުން ދެވަނަ ވިސްނުމަކަށް ނުދާނެކަން." ޑރ. ޒާކިރު ނައިކް ފުލުހަށް ހާޒިރުކުރުމާ ގުޅޭގޮތުން ނެރެއްވި ބަޔާނެއްގައި ހޯމް މިނިސްޓަރު މުހްޔިއްދީން ޔާސީން ވިދާޅުވެފައި ވެއެވެ.

ޒާކިރު ނައިކަށް ތާއީދުކުރައްވައި މީގެ ކުރިން ވާހަކަފުޅުދައްކަވާފައިވާ ބޮޑުވަޒީރު މަހާތީރުވެސް ހުންނެވީ ޒާކިރު ނައިމާމެދު ހިތްޕުޅު ހަމަނުޖެހިފައެވެ. ޒާކިރާ ބެހޭގޮތުން އޭނާ ވިދާޅުވީ "އަހަރުމެންނަށް ފޮނުވާލެވެންނެތް، މަރުހަބާ ކިޔަން ބޭނުންނުވާ މެހުމާނަކަށް" އޭނާ ވެފައިވާ ކަމުގައެވެ. މަހާތީރު ވިދާޅުވީ އިންޑިޔާއަށް ޒާކިރު ނައިކް ފޮނުވާނުލެވޭނީ، އިންޑިޔާގައި އޭނާގެ ފުރާނައަށް ނުރައްކާ އޮތުމުން ކަމަށެވެ. އެހެންނަމަވެސް، އެހެން ގައުމަކުން ޒާކިރުއަށް މަރުހަބާ ކިޔަން ތައްޔާރަށް އޮތްނަމަ، މެލޭޝިޔާއިން އެގައުމަކަށް އޭނާ ފޮނުވާލާނެ ކަމަށެވެ.

މެލޭޝިޔާގެ އާބާދީގެ %60 އަކީ މެލޭ ދަރިކޮޅުގެ މުސްލިމުންނެވެ. ދެން ގިނައިން ތިބެނީ ޗައިނާ ދަރިކޮޅުގެ ބުޑިސްޓުންނާއި، އިންޑިޔާ ދަރިކޮޅުގެ ހިންދޫންނެވެ. އެހެންކަމުން، ނަސްލީ އަދި ދީނީ މައްސަލައަކީ މެލޭޝިޔާގައި ވަރަށް ހައްސާސު މައްސަލައެކެވެ. ޑރ. ޒާކިރު ނައިކަށް ހެއްދެވުނު ގޯހަކީ އެނގިވަޑައިނުގެން ނަމަވެސް، މި ހައްސާސު މައްސަލައިގެ ތެރެއަށް ވެދެވަޑައިގަތުމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.