ޔަމަނުގެ ބައިނަލް އަގްވާމީގޮތުން ގަބޫލުކުރާ ސަރުކާރުގެ ވަގުތީ ވެރިރަށް އަދަންގައި ޙޫޘީން ދިން ދެ ހަމަލާއެއްގައި 30 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
ފުރަތަމަ ހަމަލާ ދީފައި ވަނީ އަލްޖަލާ އަސްކަރީ މަރުކަޒުގައި އޮތް އޮފސަރުން ދަސްވެނިމުގެ ރަސްމިއްޔާތުގައި ކުރިއަށް ދިޔަ ޕެރޭޑަކަށެވެ. ޙޫޠީން ބުނާ ގޮތުގައި ގޮވާ ތަކެތި ހަރުކޮށްފައިވާ ޑްރޯނެއްގެ އިތުރަށް ބެލިސްޓިކް މިސައިލަކުން ދިން މި ހަމަލާގައި 32 މީހުން މަރުވެފައި ވެއެވެ. މަރުވި މީހުންގެ ތެރޭގައި ސަޕޯޓް ފޯސަސްގެ ކޮމާޑެއް ކަމުގައިވާ ބްރިގޭޑިއާ ޖެނެރަލް މުނީރު އަލްޔާފިޢީވެސް ހިމެނިވަޑައިގަންނަވައެވެ.
ޙޫޘީންގެ އަލްމަސީރާ ޓީވީގައި ވާހަކަދައްކަމުން ޙޫޘީންގެ ތަރުޖަމާނު ބްރިގޭޑިޔާ ޖެނެރަލް ޔަޙްޔާ ސަރީޢު ބުނީ އެމީހުން ހަމަލާދިނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަދަދާއެކު ހަނގުރާމަކުރާ ސިފައިންނަށް ކަމުގައެވެ. ޙޫޘީން އިތުރަށް ބުނި ގޮތުގައި ހަމަލާދެވުނު އަސްކަރީ މަރުކަޒުގައި އަސްކަރީ ތަމްރީނު ދެނީ ޔަމަނުގެ އެކި ތަންތަނަށް ހަމަލާދިނުމަށެވެ.
ހަމަލާގައި ޑްރޯނެއް ބޭނުންކުރި ކަމަށް ޙޫޘީން ބުނި ނަމަވެސް ޔަމަނުގެ ސަރުކާރުން އެކަން ދޮގުކުރެއެވެ. ސަރުކާރުން ބުނަނީ ހަމަލާގައި ބޭނުންކޮށްފައި ވަނީ މިސައިލެއް އެކަނި ކަމުގައެވެ.
"މިސައިލް ގޮވީ އަސްކަރީ މަރުކަޒުގެ މެދުގައި އޮންނަ މައިދާނުގައި. އޭގެ ނަތީޖާއެއްގެ ގޮތުން 30 އަށްވުރެ ގިނަ އޮފިސަރުން މަރުވި. ހަމަލާދިނީ ޑްރޯނަކުން ނޫން." ޔަމަނު ސަރުކާރުގެ އަސްކަރީ މަސްދަރަކުން ބުނެފައި ވެއެވެ.
"ބްރިގޭޑިޔާ ޖެނެރަލް މުނީރު މަޙްމޫދ އަލްޔާފިއީ ހުންނެވީ އެހެން ބައެއް އޮފިސަރުންނާއެކު ޕޯޑިއަމްގައި ހުއްޓިވަޑައިގެން. މިސައިލް ވެއްޓުނީ ސީދާ އޭނާ ހުންނެވި ދިމާއަށް." އެ އޮފިޝަލް ވިދާޅުވިއެވެ.
ދެވަނަ ހަމަލާ ދީފައި ވަނީ ޕޮލިސް ސްޓޭޝަނަކަށެވެ. ގޮވާތަކެތި ބަރުކޮށްފައިވާ ކާރެއް ގޮއްވާލައިގެން އަދަންގެ ޝޭޚް އުސްމާން އަވަށުގެ ޕްލިސް ސްޓޭޝަނަށް ދިން މި ހަމަލާގައި 3 ފުހުލުން މަރުވެ 20 މީހުން ޒަޚަމްވެފައި ވެއެވެ.
ޔަމަނުގެ ސަރުކާރު ވައްޓާލަން އީރާނުގެ ތާއީދާއެކު ހަނގުރާމަކުރާ ޝީޢީ ޙޫޘީން ވަނީ ޔަމަނުގެ ބޮޑު ބައެއް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. ވެރިރަށް ސަންޢާވެސް އޮތީ އެމީހުންގެ އަތްދަށުގައެވެ.
ސަޢޫދީން އިސްވެ އޮވެ އެކުލަވާލި އަރަބި ކޯލީޝަނުން ޔަމަނުގެ ރައީސު ޢަބްދުރައްބުހް މަންސޫރު ހާދީގެ ސަރުކާރުގެ ދިފާއުގައި ހަނގުރާމަކުރި ނަމަވެސް އެދެވޭ ކުރިއެރުމެއް ހޯދިފައި ނުވެއެވެ.