ރާއްޖެތެރޭގެ ފުރަތަމަ ފުޓްބޯޅަ މުބާރާތުގެ ދުވަސްވަރެވެ. އެ މުބާރާތް ރޭވިފައި އޮތް ގޮތުން ފުރަތަމަ އޮތީ އަތޮޅު ބުރެވެ. އެ ބުރުގައި ކުޅެނީ އަތޮޅު ގެ އެކި ރަށް ރަށުގެ ޓީމު ތަކެވެ. ދެވަނަ ބުރަށް ދަނީ އަތޮޅުން އެއް ވަނަ ހޯދާ ޓީމެވެ. ދެވަނަ ބުރު ރޭވިފައި އޮތީ މުޅި ރާއްޖެ ފަސް ޒޯނަކަށް ބަހާލައިގެން ކުޅޭ ގޮތަށެވެ.
މި ދެންނެވި ޒޯން މެޗްތައް ކުޅުވަން އަޅުގަނޑު ދިޔައީމެވެ. އަޅުގަނޑު މި ދަންނަވާ ހާދިސާ ހިނގީ އޭގެ ތެރެއިން އެއް ޒޯނު ގެ މެޗެއް ކުޅުނު ދުވަހަކު އެވެ. ޕްރޮގްރާމް ހަމަޖެހިފައި އޮންނަ ގޮތުން ކޮންމެ މެޗަކަށް އަޅުގަނޑުމެން ހަމަ ޖެއްސީ ވަކި ޝަރަފުވެރި މެހްމާނެކެވެ. އެ ދުވަހު ކުޅުނު މެޗުގެ ޝަރަފުވެރި މެހްމާނަކަށް ހަމަ ޖެއްސީ އަޅުގަނޑުމެންގެ ޓީމުގެ މެމްބަރެކެވެ. އެއީ މާލެއަށް މަޝްހޫރު ބޭކަލެކެވެ. އޭރުގެ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އިސް ބޭފުޅެކެވެ. ސަމާސާ މިޒާޖުގެ، ހިތް ހެޔޮ ބޭފުޅެކެވެ.
ޝަރަފުވެރި މެހްމާނު ކުރައްވަން ޖެހޭ ކަމަކީ މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް އިނާމު ދެއްވުމެވެ. ފުޓުބޯޅަ މެޗު ކުޅެމުން ދިޔަ އިރު އަޅުގަނޑު އިނީ ޝަރަފުވެރި މެހްމާނު އިންނެވި ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގަ އެވެ.
މެޗުގެ ދެވަނަ ހާފް ނިމެން ދިހަ ވަރަކަށް މިނިޓަށް ވީތަނާ ޝަރަފުވެރި މެހްމާނު އަޅުގަނޑުގެ ކަންފަތް ދޮށުގައި ވިދާޅު ވެއްޖެ އެވެ. "އޭތް- ވަރަށް ބޮޑަށް އަތިރިއަކަށް ދާން ޖެހިއްޖެ- މިހާރު މި ޙާލުގައި އިންނަތާ ލައްކަ ގިނަ އިރު ވެއްޖެ- ދެނެއް ކެތެއް ނުކުރެވޭނެ-"
މެޗް ނިމެން ކުޑަ އިރުކޮޅަކަށް ވެފައި ވުމާއެކު ޝަރަފުވެރި މެހްމާނު ހިފެހެއްޓޭތޯ އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރީމެވެ. އެކަމަކު އޭނާ އިންނެވީ މަޑު ކުރެއްވޭ ވަރަށް ވުރެ ޙާލުކޮޅު ބޮޑު ވެފައެވެ. އެންމެ ފަހުން ވިދާޅު ވެއްޖެ އެވެ. "ކަލޭ ނުދާށޭ ބުންޏަސް ދެނެއް ނުހުރެވޭނެ- އަހަރެން ވަރަށް އަވަހަށް އަންނާނަން- މެޗް ނިމޭ އިރު ހުންނާނީ މި ތާނގައި-"
ދެން ފެނުނީ ޝަރަފުވެރި މެހްމާން އަތިރި މައްޗަށް ހިންގަވައިގަތް ތަނެވެ. ދަނޑު އޮންނަނީ އަތިރިމައްޗާ ވަރަށް ކައިރީގައި ކަމަށް ވާތީ ވަރަށް އަވަހަށް ވަޑައިގެންނެވިދާނެކަން އަޅުގަނޑަށް ވެސް އެނގެ އެވެ. އެހެންވީމާ މާ ބޮޑު ފިކުރެއް ނެތެވެ.
އެކަމަކު މެޗް ނިމެން ކައިރި ވީ ވަރަކަށް އަޅުގަނޑުގެ ހާސްކަން ދިޔައީ ބޮޑު ވަމުންނެވެ. ޝަރަފުވެރި މެހްމާނު ވަޑައެއް ނުގަތެވެ.
މެޗް ނިމިއްޖެ އެވެ. އެންމެ މޮޅު ކުޅުންތެރިޔާ އަށް އިނާމު ދެއްވުމުގެ ވަގުތު ޖެހުނީއެވެ. ނަންވެސް ގޮވައިފިއެވެ. އިނާމު ދެއްވާނޭ ބޭފުޅެއްގެ ނަންވެސް އިޢުލާނު ކޮށްފިއެވެ. ޝަރަފުވެރި މެހްމާނުގެ ޚަބަރެއް ނުވިއެވެ.
އެންމެ ފަހުން ކުރާނޭ ކަމެއް ނެތިގެން އަތޮޅު އޮފީހުގެ ސެކްރެޓަރީ ވަގުތީ ޝަރަފުވެރި މެހްމާނަކަށް ހެދީއެވެ. އިނާމު ދެއްވީ އޭނާއެވެ.
ހުރިހައި ކަމެއް ނިމިގެން އަޅުގަނޑުމެން ގެއަށް (އަތޮޅުގެއަށް) ދާން ތައްޔާރުވެފައި، ޝަރަފުވެރި މެހްމާނު ކޮބައިތޯ ބަލައިލާން އަޅުގަނޑާއި، އަޅުގަނޑުމެންގެ ބައިވެރިން ގޮނޑުދޮށަށް ފައިބައިފީމެވެ. މާ ދުރަކަށް ދާކަށް ނުޖެހުނެވެ. ޝަރަފުވެރި މެހްމާނު ފެނިއްޖެ އެވެ. އެކަމަކު ފެންނާން ހުރީ މޭ ކަށިގަނޑުން މައްޗެވެ. އޭނާ ހުންނެވީ މަގޫ ގަސްތަކެއްގެ ތެރޭގައެވެ.
"ބަލަ ތިޔަ ތާނގައި ހުންނެވީ ކީއްވެގެންތޯ-؟ މިހާރު މެޗް ނިމިގެން އަޅުގަނޑުމެން މި ދަނީ ގެއަށް ދާން- އިނާމު ދެއްވާކަށްވެސް ވަޑައެއް ނުގެންނެވީމެއް ނޫންތޯ-؟
ޝަރަފުވެރި މެހްމާނު ރުންކުރު ރާގަކަށް ވިދާޅުވިއެވެ. "އިނާމު ދޭން ދެވޭތަ-؟ އަހަރެންގެ ފޫޅުން ތިރިއަކު އެންމެ ފޮތިކޮޅެއްވެސް ނެތް-"
އަޅުގަނޑުމެންނަކަށް ހޭކަށް ނުކެރުނެވެ. އެކަމަކު ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވައިލާ ހިތުން އަހައިލީމެވެ. "ކިހިނެއްވީތޯ-؟ ގައިމު އެ ތާނގައި އިންނެވި އިރު..."
އޭނާ އަޅުގަނޑުގެ ވާހަކަ މެދު ކަނޑުއްވައި ލެއްވިއެވެ. "އަހަރެން ކުޑަ ކަމު ދާންވެގެން ފަޓުލޫނު ބައިލާފައި ބޭއްވީ އެހެރަ ގަސްބުޑުގެ މަތީގައި- ގޮނޑުދޮށުގައި އަހަރެން އިންދާ މި ތަނަށް އައި ނުލަފާ ކުދި ބަޔަކު ފަޓުލޫނު ހިފައިގެން ދުވެ ފިލައިފި-"
އެ ދުވަހު ޝަރަފްވެރި މެހްމާނަށް ގެއަށް ވަޑައިގެންނެވުނީ އަޅުގަނޑުމެން ގެއަށް ގޮސް މުންޑެއް ހިފައިގެން އައީމައެވެ.