(18 ޖުލައި 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ޖަލާލް އަހަރެން އިސްލާމް ދީން ޚިޔާރުކޮށްފިން." އިމާމާ ވައި އަޑުން ބުނެލިއެވެ.
"އަހަރެންގެ ކުރިމަތީގައި އަހަންނަށްޓަކައި ދީން ބަދަލުކުރީ." މަލާމާތުގެ ރާގަށް ޖަލާލް ބުންނެވެ.
"ޖަލާލްއަށް ޓަކައެއް ނޫން... އަހަންނަށް އެ މަގު ދައްކައިދިން މީހެއް ތީ. އަހަރެން ދީން ބަދަލުކުރީ މީގެ އެތައް މަހެއް ކުރިން. ގަބޫލު ނުކުރަންޏާ އަހަންނާ އެކީ ހިނގާ. ހެކި ދައްކާނަން."
"އަހަރެމެންގެ ގުޅުމަށް އިސް ނެގީ އަހަރެން. އެކަން ގަބޫލުކުރަން. ޖަލާލްގެ ބަހުރުވައިން ނަމަ މަޅީގަ ޖެއްސީ ވެސް އަހަރެން. އެކަމަކު ހުރިހާ ކަމެއް ހިނގައިދިޔައީ އަހަރެންގެ އިޚްތިޔާރުން ބޭރުން... އެއީ ޖަަލާލްގެ އަޑު. ޖަލާލް މަދަހަ ކިޔާ އަޑު ފުރަތަމަ އިވުނު ދުވަހު އަހަންނަށް ކުރެވުނު އިހުސާސްތައ ކިޔައިދިނިން. އަހަންނާ ބެހޭ ގޮތުން ތި އެނގުނު އެއްޗެއް އެ ދުވަހު އެނގުނު ނަމަ ކަންތައް ކުރީހީ ތިހެންތަ؟ މިއީ އަހަރެން ބިރުގަތް ކަންތައް. އެހެންވީމާ އެ ވާހަކަ ބުނަން ގިނަ ދުވަސް ނެގީ. އަމިއްލަ އިޚްތިޔާރުން ބޭރުގައި ވާ ކަންކަމާ ކުރިމަތިވާނެ. އަހަންނަށް ދިމާވި ކަމަކީ ތީ (ޖަލާލް)."
"އިމާމާގެ އާއިލާ އަށް މި ވާހަކަ އެނގޭތަ؟"
"ނޫން... ނޫން... އާއިލާ މީހުން ގާތު މި ވާހަކަ ނުބުނެވޭނެ. އަހަރެން ވަނީ އެންގޭޖު ވެފައި. މިއީ ވެސް ޖަލާލް ގާތު ނުބުނެ އޮތް ވާހަކައެއް." ފުން ނޭވައެއް ލާފައި ވާހަކަ ކުރިއަށް ގެންދިޔައެވެ. "އެ އާއިލާ މީހަކާ އިންނާކަށް ބޭނުމެއް ނޫން... އަހަރެން އިންނަން ބޭނުންވަނީ ޖަލާލް އާ. އަހަރެން މަޑު މިކުރަނީ ކިޔަވައި ނިމި އަމިއްލަ ފައި މައްޗަށް ތެދުވެވެންދެން. އޭރުން ޖަލާލް އާ އިންނާނީ. ހަތަރު އަހަރުފަހުން އަހަރެން ޑޮކްޓަރަކަށް ވުމުން، އަހަރެންގެ ނިންމުމަށް މައިންބަފައިން ދެކޮޅު ނުހަދަފާނެ. އިސްލާމް ދީން ޚިޔާރުކުރި ވާހަކަ މިހާރު ބުނެފިއްޔާ ކޮލެޖުން ކަނޑާފައި އަސްޖަދާ ކާވެނި ކުރުވާނެ." އޭނާ ޖެހިލުންވާ ސަބަބު ޖަލާލަށް ކިޔައިދިނެވެ.
"މިހާރު އަހަރެންގެ ދެ އަތް މިހިރީ ބަނދެވިފަ. ދިރިއުޅެނީ އާއިލާއަށް ބަރޯސާ ވެގެން. މި ދިރިއުޅުމުން ނިކުމެވޭން އޮތް ހަމައެކަނި އުއްމީދަކީ ތިއީ. އަހަރެން ޖަލާލް ދެކެ ވަރަށް ލޯބިވޭ. އެެހެން ނޫންނަަމަ އިންނާކަށް ނާހާނަން. އަހަރެން އުޅެން ޖެހިފައިވާ ގޮތެއް، އަހަރެންގެ މައްސަލަތަކެއް ޖަލާލް ހިތަށް ވެސް ނުގެނެވޭނެ. އެކަން އެނގޭނަމަ ހަގީގަތް ފޮރުވުން ނޫން ގޮތެއް އަހަންނަށް ނެތްކަން ގަބޫލުކުރެވޭނެ."
ކައިރީގައި ހުރި ގޮނޑިގައި އިށީނދެލައިގެން ޖަލާލް އިނެވެ. އޭނާ އިނީ ވަރަށް ފިކުރު ބޮޑުވެފައެވެ. އިމާމާ ކަރުނަ ފޮހެލަމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. "ޖަލާލްގެ ހިތުގައި އަހަންނަށް އެއްވެސް ލޯތްބެއް ނެތްތަ؟ އަހަންނާ ވާހަކަ ދެއްކީ އަހަރެން ޖަލާލް ދެކެ ލޯބިވާތީ އެކަނިތަ؟"
"އިށީނދޭ އިމާމާ." ޖަލާލް ބުނެލިއެވެ. "ހުރިހާ ކަމެއް މިއޮތީ އެނގި ހާމަވެފަ. އަހަންނަށް އިމާމާގެ ހާލަތު ނޭނގޭ ގޮތަށް އިމާމާއަށް ވެސް އަހަރެންގެ ހާލަތެއް ނޭނގޭނެ. އަހަރެންގެ އިހުސާސް ކޮންމެ ގޮތަކަށް ހުއްޓަސް، މުސްލިމް ނޫން މީހަކާ އަހަރެން އިންނަން އަހަރެންގެ އާއިލާ އިން އެއްބަސްވާނެ އެއްގޮތެއްވެސް ނޯންނާނެ."
"ޖަލާލް، އަހަންނަކީ މުސްލިމު ނޫން މީހެއް ނޫން." އަޑަށް ބާރުލާފައި އިމާމާ ބުނެލިއެވެ.
"މިހާރު ނޫނަސް، ކުރިން ތީ މުސްލިމެއް ނޫން. ތި އާއިލާ ވެސް..."
"އެއީ އަހަންނަށް ބާރުފޯރުވޭނެ ކަމެއް ނޫން." ބަލިކަށި ރާގަކަށް އިމާމާ ބުންޏެވެ. ސިމެންތި ގޮނޑިއެއްގައި ޖަލާލް އާއި އިމާމާ އިށީނދެގެން ތިއްބެވެ. މުޅި ތަނަށް އޮތީ ހިމޭންކަން ވެރިވެފައެވެ. އިރުކޮޅެއް ފަހުން އިމާމާ ޖަލާލް އާ ދިމާއަށް އެނބުރިލިއެވެ. "މައިންބަފައިންގެ ހުއްދަ އާ ނުލާ އަހަންނާ ނީނދެވޭނެތަ؟"
"ތި ވާނީ ވަރަށް އުނދަގޫ ކަމަކަށް." ޖަލާލް ބޯ ހޫރައިލަމުން ބުންޏެވެ. "އަހަރެން ކުރަން ބޭނުންވިޔަސް އަދި ނުކުރެވޭނެ. އަހަރެން ވެސް މިއުޅެނީ މައިންބަފައިންނަށް ބަރޯސާ ވެގެން."
"އެކަމަކު މިހާރު މަސައްކަތް ކުރަމެއްނު؟ އަދި ދުވަސްކޮޅަކުން ވަޒީފާ މުޅިން ހަމަޖެހޭނެއެއްނު؟"
"މިތަނުގެ ކޮންޓްރެކްޓް ހަމަވީމަ އަހަރެން ބޭނުންވަނީ ސްޕެޝަލައިޒްވާން. މައިންބަފައިންގެ އެހީ އާ ނުލާ އަހަންނަށް ސްޕެޝަލައިޒެއް ނުވެވޭނެ. އެކަމަށް ބޭނުންވާ ފައިސާ އަހަރެން އަތަކު ނެތް. ސްޕެޝަލައިޒް ވުމަށްފަހު ހުރިހާ ކަމެއް ހަމަޖެހެން ތިނެއް ނުވަަތަ ހަތަރު އަހަރު ބޭނުންވާނެ."
"ދެން؟" އިމާމާ މުޅިން މާޔޫސް ވެއްޖެއެވެ.
"ދެން އަހަންނަށް ވަގުތުކޮޅެއް ދީ، ގޮތެއް ހޯދަން. އަހަންނަށް އިމާމާ ވެސް މުހިއްމު، ވަޒީފާ ވެސް މުހިއްމު. އަމިއްލައަށް އުޅެވޭނެ ފުދުންތެރިކަމެއް އަދި އަހަރެންގެ ނެތް. ހުރިހާ ކަމެއް ކޮށްދެނީ މައިންބަފައިން. އެ މީހުން ފަހަށް ރައްކާ ކުރި ހުރިހާ ފައިސާއެއް އަހަންނަށް ޚަރަދުކުރަނީ އަހަރެންގެ ފަރާތުން އުއްމީދުތަކެއް ކުރާތީ." ފުން ނޭވާއެއް ލާފައި ޖަލާލް ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަހަންނާ އިމާމާ އާ އިންނަން އިމާމާގެ އާއިލާ އިން ގަބޫލު ނުވާނެތަ؟ އޭރުން އިމާމާ އާ އަހަރެން އިނީ އިމާމާގެ އާއިލާގެ ނުރުހުމުގައި ނޫންކަން އަހަރެންގެ އާއިލާއަށް އެނގޭނެ އެއްނު؟"
ނާއުއްމީދުން ފުރިގެންވާ ގޮތަކަށް އިމާމާ ޖަލާލަށް ބަލައިލިއެވެ. "އަހަންނަކަށް ނޭނގޭ. އެއްބަސްވާނެ ކަމެއް ވެސް ނުވަތަ ނޫން ކަމެއް އަހަންނަކަށް ވެސް." އޭނާ ވާހަކަ ދެއްކީ ލަސްލަހުންނެވެ. "މިހާތަނަށް އެއްވެސް އަންހެން ކުއްޖަކު އާއިލާއިން ބޭރު މީހަކާ އަދި ކާވެންޏެއް ނުކުރޭ. އިންނަން އުޅުނަސް އޭގެ ނަތީޖާ އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. އަހަރެންގެ މައިންބަފައިން އަހަރެން ދެކެ ވަރަށް ލޯބިވޭ. އެކަމަކު އާއިލާ އިން ބޭރުން މީހަކާ އިންނާކަށް އެއްބަހެއް ނުވާނެ. އަހަންނާ ހެދި އެ މީހުންގެ ފިކުރެއް ބަދަލެއް ނުކުރާނެ. އާއިލާއިން އެހީތެރިކަން ލިބޭނެ ކަމުގެ ކުޑަވެސް އުއްމީދެއް އޮތް ނަމަ އަހަރެން ޖަލާލްގެ އެހީތެރިކަމަކަށް ނޭދޭނެ." މަޑުމަޑުން އިމާމާ ބުންޏެވެ.
"އިމާމާ، އަހަރެން އިމާމާއަށް އެހީވާނަން. އަހަރެން އެދޭ ކަމަކަށް އަހަރެންގެ މައިންބަފައިން އިންކާރެއް ނުކުރާނެ. އެކަމަކު އެ މީހުން ރުއްސަން ދުވަސްކޮޅެއް ނަގާނެ. އިމާމާ ތިބުނީ ރަނގަޅު ވާހަކައެއް. އަހަރެން އިމާމާއަށް އެހީވާން ވާނެ." އުނދަގޫ ވެފައި އިން ނަމަވެސް އޭނާ ވާހަކަ ދެއްކީ ވިސްނުންތެރިކަމާއެކު އެވެ.
***
ތިންވަނަ ބާބު
"ތި މޮޔަ ލަފަޔަކީ އަސްޖަދުގެ ލަފައެއް. އޭނަ ނޫން މީހަކު ތިކަހަލަ ޚިޔާލު ނުދޭނެ. އޭނައަކަށް ނޭނގޭތަ އަހަރެން އަދި ކިޔަވާ ނުނިމޭ ކަމެއް؟" ރުޅި އައިސް ރަތްވެފައި ހުރެ އިމާމާ ފަހަރި އާ ވާހަކަ ދެއްކިއެވެ.
"ނޫން، އަސްޖަދުގެ ޚިޔާލެއް ނޫން. އެއީ ބައްޕަގެ ޚިޔާލެއް." ފަހަރި ޖަވާބު ދިނެވެ.
"ބައްޕަގެ ޚިޔާލޭ؟ ތިވާހަކަ ގަބޫލެއް ނުކުރެވޭ. އަހަރެން ކޮލެޖަށް ވެއްދިިއިރު ތި ކަަހަލަ ރޭވުމެއް މަގުކޮޅުންވެސް ފެންނާކަށް ނެތް. އަޢުޒަމްބެ ގާތު ބައްްޕަ ބުނެފައި އޮތީ އަހަރެންގެ އިންޓަރންޝިޕް ނުނިމެނީސް ކާވެނި ނުކުރުވާނެ ކަމަށް. މިހާރު ކިހިނެއްވީ؟" އިމާމާ އިނީ ޙައިރާންވެފައެވެ.
"ކޮންމެވެސް ކަމެއް ވީ ކަމަށް ވެދާނެ. އަހަރެން ގާތު މަންމަ ބުނި ބައްޕަ މިހާރު ބޭނުންވަނީ އެގޮތް ކަމަށް." ފަހަރި އޮޅުންފިލުވައިދިނެވެ.
"މަންމަމެން ގާތު ބުނޭ އަހަރެން ކާވެނި ކުރާނީ އިންޓަރނޝިޕް ނިމުނީމައޭ."
"އެންމެ ރަނގަޅު. އެކަމަކު ރަނގަޅުވާނީ އިމާމާ އަމިއްލައަށް ބައްޕަ އާ ވާހަކަ ދެއްކިއްޔާ." އިމާމާ އަށް ލަފާދދީފައި ފަހަރި ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.
ފަހަރީގެ ވާހަކަ އަޑު އަހާފައި އިމާމާ ވަރަށް ކަންބޮޑު ވެއްޖެއެވެ. ކުއްލިއަކަށް މި ލިބުނު ޚަބަރުން އޭނާ އިނީ ޙައިރާންވެފައެވެ. އޭނާ ކުރިން ވިސްނައިގެން ހުރީ އިންޓަރންޝިޕް ނިންމައި ވަޒީފާ އެއްް ހޯދާށެވެ. އޭރުން އާއިލާއަށް ބަރޯސާ ނުވެ ޖަލާލް އާ ކާވެނި ކުރެވޭނެއެެވެ. އެހައިތަނަށް ޖަލާލު ވެސް ހުންނާނީ ވަޒީފާ ލިބި ދިރިއުޅުން ހަމައަކަށް އެޅިފައެވެ. އެކަމަކު މިހައި ކުއްލިއަކަށް ކާވެނީގެ ވާހަކަ މިއައީ ކީއްވެބާވައެވެ؟
"އަސްޖަދުގެ އާއިލާއިން ބުނެގެނެއް ނޫން. ބައްޕަ އަމިއްލައަށް އެ މީހުންނާ ވާހަކަ ދެއްކީ." ހާޝިމް މުބީން އޯގާތެރިކަމާއެކު އިމާމާ އަށް އޮޅުންފިލުވައިދިނެވެ. އިމާމާ އިނީ ހާޝިމްގެ ކޮޓަރީގައެވެ. އޭނާ ބޭނުންވީ އެހައި އަވަސް އަރުވާލައިގެން އޭނާގެ ކާވެނި ކުރުވަން ނިންމި ސަބަބެއް އޮޅުން ފިލުވާށެވެ.
"އަހަރެން ގާތު އަހާވެސް ނުލާތަ ބައްޕަ އެ މީހުންނާ ވާހަކަ ދެއްކީ؟ ކީއްވެ އެހެން ހެދީ؟" އިމާމާ އަށް އަދިވެސް ގަބޫލެއް ނުކުރެވެއެވެ.
ހާޝިމް އިމާމާ އާ ދިމާއަށް ބަލައިލިއެވެ. "މި ކާވެންޏަށް އެއްބަސްވީ އިމާމާގެ ރުހުމާއެކު. ހަނދާން ނެތުނީތަ؟" ހާޝިމް ހުރީ ހިތް ހަމަނުޖެހިފައެވެ.
"އެންގޭޖްމަންޓަކީ ވަކި އެއްޗެއް. ކާވެންޏަކީ ވަކި އެއްޗެއް. އިންޓަރންޝިޕް ނިމުމުގެ ކުރިން ކާވެނި ނުކުރުވާނެ ކަމަށް ބައްޕަ އޮތީ ކުރިން އެއްބަސްވެފައި." އިމާމާ ބައްޕަ އަށް ހަނދާންކޮށްދިނެވެ.
"ދަރިފުޅު ކީއްވެ ކާވެންޏަށް އިންކާރު ތި ކުރަނީ؟ އަސްޖަދު ކަމުނުދަނީތަ؟"
"މައްސަލައަކީ އަސްޖަދު ކަމުދޭތޯ ނުވަތަ ނޫންތޯ އެއް ނޫން. ކިޔެވުމުގެ މެދުތެރެއިން މީހަކާ އިންނާކަށް އަހަރެން ބޭނުމެއް ނޫން. ބައްޕައަށް ވަރަށް ރަނގަޅަށް އެނގޭނެ އަހަރެން ބޭނުންވަނީ ލޮލުގެ ޚާއްޞަ ޑޮކްޓަރަކަށް ވާންކަން. މިހާރު މީހަކާ އިނީމަ އަހަރެންގެ ހުވަފެން ދުވަހަކުވެސް ހަގީގަތަކަށް ނުވާނެ."
"ވަރަށް ގިނަ އަންހެން ކުދިން ކާވެންޏަށް ފަހު ކިޔެވުން ކުރިއަށް ގެންދޭ. މި އާއިލާއިން ވެސް އޭގެ ހެކި ފެންނަން އެބަހުރި..." ހާޝިމް ބެލީ އިމާމާ ރުއްސޭތޯއެވެ. ވާހަކަ ނުނިމެނީސް އިމާމާ ވާހަކަ ފެށިއެވެ.
"އެ ކުދިންނަކީ ވަރަށް ތޫނުފިލި ކުދިން ކަމަށް ވާނީ. އަހަރެން އެހާ ތޫނުފިއްޔެއް ނޫން. އަހަންނަށް ކުރެވޭނީ ފަހަރަކު ކަމެއް."
"ބައްޕަ މިހަރު އަޢުޒަމްބެ ގާތު ވެސް ބުނެފިން. ކާވެނީގެ ތާރީޚު ކަނޑައަޅަން އެ މީހުން އެބަ އާދޭ." ހާޝިމް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.
'އަހަރެންގެ މިއޮއްހައި ދުވަހު ކުރި މަސައްކަތް ބައްޕަ ތިޔަ ބޭކާރު ކުރަނީ." އިމާމާ ގޮތުގައި ހިފަހައްޓާލިއެވެ. "ބައްޕަ ބޭނުންވަނީ މިގޮތް ނަމަ، އެއްވެސް ވައުދެއް ނުވިނަމަ މާ ރަނގަޅެއްނު."
"އޭރުގެ ހާލަތަ މިހާރު މި އޮތް ހާލަތާ ތަފާތު..."
ބައްޕަގެ ވާހަކަ ނުނިމެނީސް އިމާމާ އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ. "ކީއްވެ؟ މިހާރު ކޮން ކަމެއް ބަދަލުވެގެންތަ ބައްޕަ އަހަންނާ މެދު ތިގޮތަށް ކަންތައް ކުރަން ނިންމީ؟"
"ދަރިފުޅު ކިޔެވުން ނިންމަން އަސްޖަދުގެ ފުރިހަަމަ އެއްބާރުލުން ލިބޭނެ. ދަރިފުޅުގެ ކިޔެވުމަށް އޭނާ ހުރަހެއް ނާޅާނެ." ހާޝިމް ބުންޏެވެ.
"ބައްޕާ، އަހަރެން ބޭނުންވަނީ އަސްޖަދުގެ އެއްބާރުލުމެއް ނޫން. ބައްޕަގެ އެއްބާރުލުން." އޭނާ އާދޭސް ކުރަމުން ދިޔައެވެ. "އަހަރެންގެ ކިޔެވުން ނިންމިޔަ ދީ."
"އިމާމާ، ބޮޑާ ނަހާކާ، އަހަރެން ނިންމާފަ އޮތްގޮތަށް މިކަން ކުރިއަށް ދާނެ." ހަރުކަށި ރާގަކަށް ހާޝިމް ބުންޏެވެ. "އެންގޭޖް ވެގެން އުޅޭތާ މިހާރު ހަތަރު އަހަރު ވެއްޖެ. އެއީ ކުރު މުއްދަތެއް ނޫން. އެ މީހުން އެންގޭޖްމަންޓް ބާޠިލުކޮށްފިއްޔާ ކިހިނެއް ހަދާނީީ؟"
"ބާޠިލު ކުރިޔަދީ. މިހާރުވެސް ކުރަންވީ. މާދަމާ އަށް މަޑުކުރަނީ ކީއްކުރަން؟ ދުނިޔެ ހުސްވަނީތަ؟"
ހާޝިމް ރުޅި އަތުވެއްޖެއެވެ. "ތިބުނާ ވާހަކައެއް އެބަ އެނގޭތަ؟ ލަދުގަންނަންތަ ބޭނުމީ؟ މީހުން ބުނާނީ ކީކޭ؟"
"ކޮން ލަދެއް؟ އެއީ އެ މީހުންގެ އަމިއްލަ ކަމެއް. އަހަރެމެންގެ މައްސަލައެއް ނޫން. އެއްވެސް ކަމެއް ނުވާނެ. ދުވަސްކޮޅަކުން އެ ވާހަކަ އޮބޭނެ. ބައްޕަ ތި ވިސްނަނީ ބޭކާރު ކަންކަމާ." ބައްޕައަށް ވިސްނައިދެވޭތޯ އިމާމާ ބެލިއެވެ.
"ދަރިފުޅު ތިހިރީ ހަމަ ހޭގަތަ؟ މޮޔަ ވާހަކަ ނުދައްކާ މިތަނުން ދޭ." ހާޝިމް މުބީން ތަންކޮޅެއް ބާރަށް ބުންޏެވެ.
ކުދިކުދިވެފައިވާ ހިތަކާއިގެން އިމާމާ ކޮޓަރިން ނުކުމެއްޖެއެވެ. އެރޭ އޭނާ ލޮލު ފިޔައެއް ޖަހައިނުލައެވެ. ޖެހިގެން އައި ދުވަހު އޭނާ ލާހޯރަށް ހިނގައްޖެއެވެ. އެ ދުވަހުގެ ފަހުން އޭނާގެ ބައްޕަ ކާވެނީގެ ވާހަކައެއް ނުދައްކައެވެ. ނަމަވެސް އިމާމާގެ ސިކުނޑިން އެ ވާހަކައެއް ނުފިލައެވެ. ކުރިއަށް އޮތް އިމްތިހާނަށް ތައްޔާރުވާން ވެސް އޭނާ ޖެހެއެވެ.
ކާވެނީގެ ވާހަކަ އިމާމާ ގާތު ނުދެއްކިޔަސް ހާޝިމްގެ ނިންމުން ބަދަލެއް ނުކުރެއެވެ. އިމާމާ އާ ތަޙްރީމާ ޖެހުނު މައްސަލައިގެ ސަބަބުން ހާޝިމް ފިކުރު ބޮޑުވިއެވެ. އަސްޖަދާ ކާވެނި ހަމަޖެއްސީ ވެސް އެ ސަބަބާ ހެދިއެވެ. ހާޝިމަށް ގަބޫލުކުރެވުނު ގޮތުގައި އެހެން ދީނަކާ މެދު ވިސްނައި މައުލޫމާތު ހޯދުމުގެ ފިކުރާ އިމާމާ ދުރުވާނެ ކަމަށެވެ. ކަން ވީ ވެސް އެހެންނެވެ. އަސްޖަދާ ގާތް ގުޅުމެއް އުފެދި ދީނީ ބައެއް ހަރަކާތްތަކުގައި ވެސް އޭނާ ބައިވެރިވާން ފެށިއެވެ. ނަަމަވެސް ވަސީމް ބުނި ވާހަކައިން ލިބުނު ހައިރާންކަން އަދިވެސް ނުފިލައެވެ. އިސްލާމް ދީނާ ބެހޭ ގޮތުން އިމާމާ އަށް އެނގެނީ ކިހައިވަރަކަށް ކަމެއް ހާޝިމަކަށް ނުހޯދެއެވެ. މިއީ އޭނާގެ އިތުރުން މުޅި އާއިލާގެ ވެސް ކަންބޮޑުވުމެކެވެ.
ހާޝިމް ބޭނުންވީ އެހެން އަންހެން ދަރިން ހައި މޮޅު ކުއްޖަކަށް އިމާމާ ހަދާށެވެ. އަސްޖަދު ވެސް ބޭނުންވީ އެގޮތެވެ. ކާވެނި ކުރެވެންދެން އިމާމާގެ ކިޔެވުން މެދުކަނޑައެއް ނުލެވުނެވެ. އެފަދަ ކަމެއް ނިންމަން ޖެހުނު ސަބަބު އަސްޖަދުގެ އާއިލާއަށް އޮޅުންފިލުވައި ނުދެވޭނެތީއެވެ. އަދި ދީނާ މެދު އިމާމާގެ ހިތުގައި ޝައްކު އުފެދިފައިވާކަން އެނގިއްޖެނަމަ ކައިވެންޏަށް އެ އާއިލާއިން އިންކާރު ކޮށްފާނެތީއެވެ.
އެ މައުޟޫއާ ގުޅޭގޮތުން އާއިލާތެރޭގައި ވެސް ވާހަކަ ދެއްކުން އޭނާ މަނާކުރިއެވެ.
އިމާމާ ޞަބީހާގެ ދަރުސްތަކަށް ދާ ކަމެއް ނުވަތަ ޖަލާލް އާ ބައްދަލުކުރާ ކަމެއް އޭނާގެ އާއިލާއަކަށް ނާންގައެވެ. އެކަން އެގޮތަށް ކުރެވުނީ އޭނާގެ އެކުވެރި ޖުވައިރިއްޔާ އާއި ރާބިޔާ އަށް ވެސް އެކަން ފޮރުވައިގެން އުޅުނީތީއެވެ. އެހެން ނޫން ނަމަ ތުންތުންމަތިން ކިޔަމުން ގޮސް އޭނާގެ ބައްޕަ ހާޝިމަށް އެ ޚަބަރު ލިބުނީހެވެ. އިމާމާ އާ މެދު ހާޝިމް ހުރީ ހިތް ހަމަ ޖެހިފައެވެ. ނަމަވެސް އޭނާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވުމުން އީމާމާގެ ކާވެނި އަވަސްކުރުމަށް ހާޝިމް ނިންމީއެވެ.
***
"ޖަލާލް. އަހަރެން އަސްޖަދާ ކާވެނި ކުރުވަން އަހަރެންގެ މައިންބަަފައިން ނިންމައިފި." ޖަލާލް ގާތު އިމާމާ ބުންޏެވެ. އޭނާ ލާހޯރުން އައިސް އެންމެ ފުރަތަމަ ބައްދަލުކުރި މީހަކީ ޖަލާލް އެވެ.
"ކާވެނި ހަމަޖައްސާފަ އޮތީ އިންޓަނރޝިޕް ނިމުނީމައެއްނު؟"
"ކުރިން ބުނީ އެހެން. މިހާރު ބުނަނީ ކާވެންޏަށް ފަހު ކިޔެވުން ނިންމާށޭ. ކާވެންޏަށް ފަހު އަސްޖަދު ލާހޯރަށް ބަދަލުވާނީއޭ." އިމާމާ މާޔޫސްވެފައި އިންވަރު ޖަލާލަށް އިހުސާސް ކުރެވެއެވެ. "އަހަންނަށް އަަސްޖަދާ ކާވެނި ކުރެވޭނެ އެއްގޮތް ވެސް ނެތް."
"ތި ވާހަކަ ސާފުކޮށް ކިޔާދީ، އިމާމާ. ކާވެނި ކުރަން ބޭނުމީ އަހަންނާ ކަމަށް ބުނޭ." އަސްޖަދު ބުނެލިއެވެ.
"ޖަލާލަކަށް ނޭނގޭނެ އެ މީހުން ކަންތައް ކުރާނެ ގޮތެއް. ހުރިހާ ވާހަކައެއް ކިޔާދޭން އަހަންނަށް ޖެހޭނެ." އިރުކޮޅަކު ވިސްނަން އިނދެފައި އޭނާ ބުންޏެވެ. "ޖަލާލް، ޖަލާލްގެ މައިންބަފައިން ގާތު ބުނަންވީނު އަހަރެންގެ މައިންބަފައިންނާ ވާހަކަ ދައްކަން. އެ މީހުން ގާތު ބުނޭ އަހަރެންގެ ވާހަކަ. އަސްޖަދާ ކާވެނިކުރަން ބައްޕަ މަޖުބޫރު ކޮށްފިއްޔާ އަހަރެން ޖެހޭނީ ގެއިން ނިކުންނަން. އަހަންނަށް ޖަލާލްގެ އެހީތެރިކަން ބޭނުންވާނެ."
ޖަލާލް އެކަމަށް އެއްބަސްވިއެވެ. އޭނާގެ މައިންބަފައިން އޭނާގެ ނިންމުން ބަލައިގަންނާނެ ކަމުގެ ޔަގީންކަން ދިނެވެ. ފުރަތަަަަމަ ފަހަރަށް އިމާމާގެ މޫނުމަތިން ފަނޑު ހިނިތުންވުމެއް ފާޅުވިއެވެ. ޖެހިގެން އައީ އޭނާގެ އިމްތިހާނެވެ. އެހެންކަމުން އިމްތިހާނު ނިމެންދެން އޭނާއަށް ޖަލާލް އާ ބައްދަލުކުރާނެ ވަގުތެއް ނުލިބެއެވެ. އިމްތިހާނު ނިމުނު ދުވަހު އޭނާ ބަލައި ވަސީމު ލާހޯރަށް އައެވެ. އިމާމާއަށް ލިބުނީ ހައިރާން ކަމެކެވެ.
"ވަސީމް، އަހަންނަށް މިއަދަކު ނުދެވޭނެ. އަހަރެންގެ އިމްތިހާނު ނިމުނީ އަދި މިއަދު. ނިންމަން ޖެހޭ އެހެން މަސައްކަތެއް އެބައޮތް." އިމާމާ ބުންޏެވެ.
"އަހަރެން މާދަމާ ވަންދެން އުޅޭނަން. ކުރަން ހުރި މަސައްކަތެއް ވިއްޔާ ނިންމާލާ. އަހަރެން ހުންނަނީ ރައްޓެއްސެއްގެ ގޭގައި." ވަސީމަށް ދައްކާނެ އިތުރު ބަހަނާއެއް ދެން ނެތެވެ. އެހެން ކަމުން އިމާމާ ހިތާ ދެކޮޅަށް ވަސީމާ އެއްބަސްވިއެވެ.
"އެނބުރި ދާން އެއްޗެހި ފޮށްޓަށް އަޅާ." ދަމުން ވަސީމް ބުނެލިއެވެ. "މި ފަހަރު ޗުއްޓީ ނިމެންދެން ހުންނާނީ ގޭގައި."
އިމާމާ ބޯ ޖަހައިލިއެވެ. އެކަމަކު ހުރިހާ ސާމާނު ފޮށްޓަށް އެޅުމުގެ ވިސްނުމެއް ނުވަތަ ޗުއްޓީ ނިމެންދެން އިސްލާމްއާބާދުގައި މަޑުކުރުމުގެ ވިސްނުމެއް ނެތެވެ. އޭނާ ވިސްނައިގެން ހުރީ ކުޑަ ދުވަސްކޮޅެއް ފަހުން ލާހޯރަށް އެނބުރި އަންނާށެވެ. އެކަމަކު ކަންތައް ހިނގައި ދިޔައީ އެހެންނެއް ނޫނެވެ.
(ނުނިމޭ)