ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފުގެ މައްޗަށް 7 އަހަރުގެ ޖަލު ހުކުމެއް ފާއިތުވި އަހަރުގެ ޑިސެންބަރު މަހު އިއްވި ފަނޑިޔާރު މަގާމުން ވަކިކޮށްފިއެވެ.
ލޯ މިނިސްޓަރު ފާރޫޤު ނަސީމު އިއްޔެ ހާމަކުރެއްވި ގޮތުގައި ކޮރަޕްޝަންގެ މައްސަލައެއްގައި ނަވާޒު ޝަރީފުގެ މައްޗަށް "ފިއްތުންތަކެއް ކުރިމަތިވެފައިވާ ހާލަތުގައި" ހުކުމް އިއްވިކަމަށް ތުހަމަތުކުރެވޭ، އެކައުޓެބިލިޓީ ކޯޓުގެ ފަނޑިޔާރު އަރްޝަދު މަލިކު މިހާރު ވަނީ މަގާމުން ދުރުކޮށްފައެވެ.
ފަނޑިޔާރު މަގާމުން ދުރުކުރިކަން އިއުލާންކުރުމާއެކު ނަވާޒު ޝަރީފުގެ ޕާޓީ ޕާކިސްތާނު މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން) އިން ވަނީ ނަވާޒު ޝަރީފު ވަގުތުން ދޫކޮށްލުމަށް ގޮވައިލާފައެވެ.
"ނަވާޒު ޝަރީފާ ދެކޮޅަށް ނިންމި ނިންމުން އުވާލައި، އޭނާ ވަގުތުން ދޫކޮށްލަން ޖެހޭ." ޕީއެމްއެލް-އެންގެ ތަރުޖަމާން މަރްޔަމް އައުރަންގްޒޭބް ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ޝަރީފުގެ މައްޗަށް ކުރި ހުކުމް ބާޠިލުކަމަށް ކަނޑައަޅަން ޖެހެއެވެ.
ނަވާޒު ޝަރީފުގެ ދަރިކަނބަލުން މަރްޔަމް ނަވާޒު ވަނީ، ނަވާޒު ޝަރީފުގެ މައްޗަށް ހުކުމް ކުރީ ބަޔަކު އޭނާ (ފަނޑިޔާރު މަލިކު) ބްލެކްމޭލްކޮށް ފިއްތުންތައް ކުރިމަތިކުރުމުން ކަމަށް ބުނެ ފަނޑިޔާރު އަރްޝަދު މަލިކު ބަޔަކާ ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ހާމަކުރައްވާފައެވެ.
ވީޑިއޯ އާއްމުވުމަށް ފަހު އާއްމުންގެ ފަރާތުން ކުރިމަތިވި ފިއްތުންތަކުގެ ސަބަބުން އިސްލާމްއާބާދު ހައިކޯޓުން ވަނީ ފަނޑިޔާރު އަރްޝަދު މަލިކު މަގާމުން ވަކިކުރުމަށް ލޯ މިނިސްޓްރީއަށް އަންގާފައެވެ.
ފަނޑިޔާރުގެ މައްޗަށް ކުރެވުނު ތުހަމަތުތަކަށް އިންކާރުކޮށް އޭނާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަވާޒު ޝަރީފާ ދެކޮޅަށް ހުކުމްކުރުމަށް އޭނާއަށް އެއްވެސް ފިއްތުމެއް ކުރިމަތިވެފައި ނުވާކަމުގައެވެ. އޭގެ ބަދަލުގައި ނަވާޒު ޝަރީފާ އެއްކޮޅަށް ހުކުމްކުރުމަށް އެދި އޭނާއަށް ބަޔަކު ރިޝްވަތު ހުށަހެޅިކަމުގައެވެ.
"ފަނޑިޔާރު އަރްޝަދު މަލިކު (ފަނޑިޔާރެއްގެ ގޮތުގައި) މަސައްކަތްކުރުން ހުއްޓާލަން އެންގީ (އޭނާގެ މައްޗަށް) ތުހުމަތުކުރާ ވީޑިއޯއާއި، އޭނާ ނެރުނު ބަޔާން ބެލުމަށްފަހު." ލޯ މިނިސްޓަރު ފާރޫޤް ނަސީމް ވިދާޅުވިއެވެ.