ގިނަ ދުވަސްތަކަކަށް ދުނިޔެ ދެން އޮވެދާނެ ކަމަށް ނުދެކެން: ރައީސް ނަޝީދު

ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުގެ ސަބަބުން ދުނިޔެ ދެން މާގިނަދުވަހަކު އޮވެދާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުމާ ދެކޮޅަށް ސްކޫލްތަކުގެ ދަރިވަރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ޤަރާރާ ބެހޭގޮތުން އެންވަޔަރުމެންޓް އެންޑް ކުލައިމެޓް ޗޭންޖު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސްކޫލްތަކުގެ ދަރިވަރުން ހުށަހެޅި ޤަރާރާ ޙަވާލުވެ ވަޑައިގެންނެވުމަށްފަހު އެމަނިނުކުފާނު ވިދާޅުވީ އެއީ ވަރަށް މުހިންމު ޤާރާރެއް ކަމަށެވެ. މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން އެޤަރާރު ގެންދަވަންޖެހޭ ހިސާބަށް ގެންގޮސް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މާޙައުލަށް ނުވަތަ ތިމާވެއްޓަށް ލިބެމުންމިދާ ގެއްލުމާއި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެން މިދަންނަ ދުނިޔެ މިގޮތަށް ގިނަ ދުވަސްތަކަކަށް ދެން އޮވެދާނެ ކަމަށް މިހާރަކު ނުދެކެން،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އިންސާނުން ވަނީ ދުނިޔެއަށް ވަރަށް ވަރު ކޮށްފައިކަމާއި އޭގެ ސަބަބުން މިހާރު ދުނިޔެ މިއޮތްވަރުގައި ހިފެހެއްޓިދާނެ ކަމަށް ސައިންސްވެރިން ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް ވެސް އެކަން ޤަބޫލު ނުކުރެއްވޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންވީމާ ދުނިޔެ ބަދަލުވެގެންދާއިރު ދިވެހީން އުޅެން ވިސްނަންވީ ގޮތާމެދުވެސް އެމަނިކުފާނު ވާހަކަފުޅު ދެއްވިއެވެ.

ސައިންސްގެ މަޢުލޫމާތަށް ބަލާއިރު ކަނޑުގެ ދިޔަ ބޮޑުވާނެ ކަމަށާއި، ވައިބާރުވާނެކަމަށާއި ހޫނު މޫސުން ދިގުވެ ވާރޭވެހޭއިރު އެއްފަހަރާ ވަރަށްބޯކޮށް ވެހި ފެންބޮޑުވުން ގާތްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެ ބަދަލުތަކަކީ ފާއިތުވި 100 އަހަރުގެ ތެރޭގައި ފެނިފައިވާ ކަންކަން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންވީމާ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގަވާއިރު މިފަދަ ކަންކަމަށް ވިސްނެވުމަށްފަހު ކުރައްވުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގެދަބުޅި މަދުކޮށް ތަރައްޤީ ކުރެވިދާނެ ގޮތްތައް ހޯދިދާނެ ކަމަށެވެ. ދިވެހިރާއްޖޭގެ ރަށްރަށަކީ އޮޔާވައި ހުރި ގޮތަކަށް އެރަށެއް ވަށައި ވެލި އެނބުރޭ ރަށްތަކެއް ކަމަށް ވެސް ވިދާޅުވިއެވެ. ގުދުރަތީ ގޮތުން ރަށުގެ ހަމަޖެހުން އޮންނަނީ އެގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. "މިހެން އޮއްވާ އަޅުގަނުމެން މިނިންމީ ކޮންމެ ރަށެއް ކަނޑާލައިފައި ހުރަސްކޮށްފައި ފިތުރަތުގެ އުސޫލު އެރަށްރަށުން ކަނޑާލަން. އެހެންވީމާ މިހާރު ފެންނާނެ ކޮންމެ ރަށެއްގެ ގޮނޑުދޮށް އެންމެރީތި ދިމާގައި ބަނދަރެއް ހަދާފައި އޮތްތަން. އެބަނދަރު ހަދާފައި އޮތީމާ އެރަށްވަށައިގެން ވެއްޔެއް ނޭނބުރޭނެ. އެހެންވީމާ ކޮންމެ ރަށެއްވެސް ދާނީ ގިރަމުން،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެހެން ކަމުން ކޮންކްރީޓުން މިހާރު ހަދަމުންދާ ބަނދަރު ހެދުން ދޫކޮށްނުލައި ފަރަކު ނުޖެއްސޭނެ ކަމަށެވެ. ބޭނުންވަނީ އޮޑިދޯނުފަހަރު އަމާން ކަމާއި އޮމާން ކަމާއެކު ސަލާމަތުން ބާއްވާނެ ބަނދަރެއް ކަމަށާއި، އެކަމަށްޓަކައި މިހާރު ބޭނުންވަނީ "ނަލަ ބަނދަރެއް" ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ބަނދަރަކީ ގުދުރަތީ ވަސީލަތް ބޭނުންކޮށްގެން (އެހެންނަމަވެސް) އިންސާނާގެ އުންމީދު ޙާސިލް ކުރެވޭ ގޮތަށް ހެދޭ ބަނދަރެއް ކަމަށް ވެސް ވިދާޅުވިއެވެ. އެ ފަދަ ބަނދަރެއް ހެދެންވާނީ "ބޭރުގައި ފަރެއްހަދާފައި އެތާގައި ފަލެއް ހަދައިގެން" ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ތަރައްޤީގެ މަޝްރޫޢުތަކަކީ ކުރިއަށް ގެންދަންޖެހޭ ކަމެއް ކަމަށާއި އެހެންނަމަވެސް ގުދުރަތީ ރޭވުމާ ޚިލާފަށް ހިނގާ މަސައްކަތްތަކަށް ވާންނުޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.