ކިތަންމެ ބޮޑު އަގެއް ދައްކަން ޖެހުނަސް ފަނޑިޔާރުގެ އިސްލާޙު ކުރަންޖެހޭ: ޔައުގޫބު

ކިތަންމެ ބޮޑު އަގެއް ދައްކަން ޖެހުނަސް ރާއްޖޭގެ ފަނޑިޔާރުގެ އިސްލާޙު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މަޖިލީސް މެމްބަރު ޔައުޤޫބޫ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އެމަސައްކަތް މިހާރުވެސް ރައްޔިތުންގެ މަޖިލިސްތެރެއިން ވެސް ކުރަމުން ގެންދަވާ ކަމަށެވެ. ޖުޑިޝަރީ ކޮމިޓީއަކީ އެކަމަށް އަލަށް ތަޢާރަފްކުރި ކޮމިޓީއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޤައުމެއްގެ އެތެރޭގެ ހަމަޖެހުމާއި އަމާންކަން ބިނާފައިވަނީ ޢަދުލު އިންސާފުގެ މައްޗައްށް ކަމަށާއި ޢަދުލު އިންސާފު ހޯދައިދެވޭނީ އެކަންކޮށްދެއްވައި ހުރި ފަނޑިޔާރު ގެއާއި ފަނޑިޔާރުން އިޞްލާޙު ވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔަޢުޤޫބު ވިދާޅުވީ ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނެސް ރާއްޖެ ތަރައްޤީ ކުރުމަށް ބަލާއިރު އިތުބާރު ހިފޭ ފަނޑިޔާރުގެއެއް ނެތްކަމަށްވާނަމަ ރާއްޖޭގައި އިންވެސްޓްކުރަން އިންވެސްޓަރުން ދެކޮޅު ހަދާނެ ކަމަށެވެ. އެހެން ކަމުން އިންވެސްޓަރުންގެ އިތުބާރު ހޯދައި ރާއްޖޭގެ މޫނުމަތި ރީތިކުރުމަށް އޭނާ ވިދާޅުވިއެވެ.

"ޢަދުލު އިންސާފުގެ ދާއިރާއަކީ ރާއްޖެގެ މޫނުމަތިވެސްމެ. އެދާއިރާ ރަނގަޅުމުކޮށް ރާއްޖޭގެ މުސްތަޤުބަލް ވެސް ރަނގަޅެއް ނުވާނެ. އެހެންވީމާ މިދަންނަވަނީ ކިތަންމެ ބޮޑު އަގެއް ދައްކައިގެން ވިޔަސް އަދި ދައްކަންޖެހުނަސް އަންނަންއޮތް ޖީލު ތަކަށްޓަކައި ވެސް ފަނޑިޔާރުގެ އިސްލާޙު ކުރަންޖެހޭ. އެއީ އަދުގެ ޖީލަށް ވާޖިބުކަމެއް،" ޔަޢުޤޫބު ވިދާޅުވިއެވެ.

ފަނޑިޔާރު ގެއާއި ފަނޑިޔާރުން އިސްލާޙު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު ޤާނޫނީދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ އެކަން ކުރަން އެންމެފަސޭހަ މަގަކީ ރައްޔިތުންގެ މަޖިލީހުން ޤާނޫނު ޢަސާސީއާއި ޤާނޫނުތަކަށް ބަދަލު ގެނެސްގެން އެކަން ކުރުން ކަމަށެވެ. އެކަން އެގޮތަށް ކުރުމަކީ އެމްޑީޕީއަށް މިހާރު އުނދަގޫ ކަމަކަށް ނުވާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ތިޔަބޭފުޅާގެ ބޮލަށް ހަމައެކަނި ބަލާލުމުންވެސް އިސްލާހުކުރަންޖެހެނީ ކޮންބައެއްގެ ކޮންތަނެއްކަން ވަރަށް ރަގަޅަށް އެބައެނގޭ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.