އާޖެންޓީނާއާއި އުރުގުއޭއިން ކަރަންޓު ކެނޑި ދެ ގައުމު އަނދިރީގައި

މިއަދު ފަތިހު އާޖެންޓީނާގެ ބުއެނަސް އައިރެސްއިން ކަރަންޓު ކެނޑިފައި

އާޖެންޓީނާއާއި އުރުގުއޭގެ ގުޅިފައިވާ ޕަވަރ ގްރިޑަށް ދިމާވި މައްސަލައަކާ ގުޅިގެން ދެ ގައުމުގެ ބޮޑު ބަޔަކުން ކަރަންޓުގެ ކެނޑިފައިވާކަމަށް އާޖެންޓީނާގައި ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިން ބުނެފިއެވެ. ލަފާކުރެވޭ ގޮތުގައި ދެ ގައުމުގެ 48 މިލިއަން މީހުން ވަނީ މިކަމުގެ ސަބަބުން ކަރަންޓުން މަހުރޫމުވެފައެވެ. މިއީ މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރު ކަމަށް ވެއެވެ.

އާޖެންޓީނާގައި ކަރަންޓުގެ ޚިދުމަތްދޭ އެޑެސޫރު އާޖެންޓީނާއިން ކުރި ޓުވީޓެއްގައި ބުނީ "އާޖެންޓީނާއާއި އުރުގުއޭ ގުޅުވައިދޭ އިންޓަރަކަނެކްޝަން ސިސްޓަމްގެ ފެއިލްވުމާ ގުޅިގެން އާޖެންޓީނާއާއި އުރުގުއޭއިން ކަރަންޓު ކެނޑިފައިވާ" ކަމަށެވެ.

އާޖެންޓީނާގެ ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނި ގޮތުގައި ކަރަންޓު ދިޔައީ މިއަދު ހެނދުނު 7 ޖެހިއިރު (ރާއްޖޭ ގަޑިން މެންދުރު ފަހު 3 ޖެހިއިރު) އެވެ. މި ދުވަސްވަރު އާޖެންޓީނާއަށް އިރު އަރަނީ ގާތްގަނޑަކަށް ހެނދުނު 8 ޖަހާއިރު އެވެ. އެހެންކަމުން ކަރަންޓު ދިއުމުން ގައުމުގެ ބޮޑު ބައެއް އޮތީ ކަނު އަނދިރީގައެވެ.

އާޖެންޓީނާގެ ކޮރްޑޯބާ ޕްރޮވިންސާއި އިތުރު ބައެއް ޕްރޮވިންސްތަކުގައި ކަރަންޓުގެ ޚިދުމަތްދޭ ޕްރޮވިންޝަލް އެނާޖީ ކޮމްޕެނީ އޮފް ކޮރްޑޯބާ (އެޕެކް) އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ "އެޕެކްގެ އިޚްތިޔާރުން ބޭރުން ދިމާވި މައްސަލައަކާ ގުޅިގެން، ކޮރްޑޯބާއާއި، ސާންތާ ފޭ އާއި، އިއްތިހާދީ ވެރިރަށާއި، ބުއެނަސް އައިރސް ޕްރޮވިންސް ހިމެނޭހެން ގައުމުގެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ކެނޑިފައެވެ."

"މި ވަގުތު އަހަރުމެން މިދަނީ މިކަން ދިމާވި ސަބަބު ދެނެގަނެ، ވީ އެންމެ ކުރު މުއްދަތެއްގައި ކަރަންޓު ދެވޭތޯ މަސައްކަތްކުރަމުންނެވެ." އެޕެކްއިން ބުނެފައި ވެއެވެ.

ކަރަންޓު ނެތުމުގެ ސަބަބުން ގިނަ ސަރަހައްދުތަކެއްގައި ރޭލުގެ ޚިދުމަތްތަކަށް ވެސް ވަނީ ހުއްޓުން އައިސްފައެވެ. ޓްރެފިކް ސިގްނަލްތައް މަސައްކަތްނުކުރުމުގެ ސަބަބުން ޓްރެފިކަށް ވަނީ މައްސަލަ ޖެހިފައެވެ.

ބީބީސީން ޚަބަރުދޭ ގޮތުގައި ބްރެޒީލާއި، ޕެރެގުއޭގެ ބައެއް ހިސާބުތަކުންވެސް ވަނީ ކަރަންޓު ކެނޑިފައެވެ.

ފުރަތަމަ ބެލި ބެލުންތަކުން އެނގުނު ގޮތުގައި މައްސަލަ ދިމާވި ސަބެއްކަމަށް ބެލެވިފައިވަނީ ކަރަންޓުގެ ޑިމާންޑަށްވުރެ ސަޕްލައި ދަށްވުންކަމަށް ވެއެވެ.

2009 ވަނަ އަހަރު ބްރެޒިލްގެ ހައިޑްރޯއިލެކްޓްރިކް އިންޖީނުގެއަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެގައުގެ ބޮޑު ބަޔަކުންވެސް ކަރަންޓު ކެނޑުނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.