ބަރަކާތްތެރި ރަމަޟާންމަހަކީ އެމަހުގައި އަޅުކަމާއިގެން ވީހާވެސް ބޮޑަކަށް މަޝްޣޫލުވާން ޖެހޭ މައްސަރެކެވެ. އެމައްސަރަށްޓަކައި ކުރީއްސުރެ ތައްޔާރުވެ، ކުރަންޖެހޭ ދުނިޔަވީ މަސައްކަތްތައް މަދުކޮށް އަޅުކަމަށް ބޮޑަށް ވަގުތު ހުސްކުރުމަކީ އެދެވިގެންވާ ކަމެކެވެ. މިމައްސަރުގެ ފަހު ދިހައިގައި އެހެން ދުވަސްތަކާ ޚިލާފަށް އަޅުކަމަށް އިސްކަންދިނުމަކީ ވަކީން ބޮޑަށް އެދެވިގެންވާ ކަމެކެވެ. ކީރިތި ރަސޫލު صلى الله عليه وسلم ޢަމަލުކުރައްވާފައި ވަނީ މިގޮތަށެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ އަރިއަހުން މުސްލިމް ރިވާކުރައްވާފައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. أن النبي صلى الله عليه وسلم كان يجتهد في العشر الأواخر ما لا يجتهدُ في غيره (ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم (ރަމަޟާންމަހުގެ) ފަހު ދިހައިގައި އެހެން އެއްވެސް ދުވަހަކު މަސައްކަތް ނުކުރައްވާ ވަރަށް (އަޅުކަމަށް) މަސައްކަތް ކުރައްވައެވެ.) އިތުރު އެކަލޭފާނު އަޅުކަމަށް އިތުރަށް މިކުރައްވާ މަސައްކަތުގެ ތެރޭގައި އިޢުތިކާފަށް އިންނެވުން ހިމެނެއެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ އަރިއަހުން އަލްބުޚާރީއާއި މުސްލިމް ރިވާކުރައްވާފައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. أن النبي صلى الله عليه وسلم كان يعتكف العشر الأواخر من رمضان حتى توفاه الله عز وجل (ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ސުވަރުގެ ވަޑައިގަންނަވަންދެން (ކޮންމެ އަހަރަކު) ރަމަޟާންމަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިންނެވުންމަތީ ދެމިހުންނެވިއެވެ.)
އިޢުތިކާފަށް އިނުމަކީ އަޅުކަން ކުރުމުގެ ނިޔަތުގައި، ވަކި ދުވަހަކަށް ކޮންމެހެން ދާންޖެހޭ ޙާލަތުގައި ނޫނީ ބޭރަށް ނުގޮސް، މިސްކިތުގައި އިނުމެވެ. މިސްކިތް ނޫން އެހެންތަނެއްގައި އިނދެގެން އިޢުތިކާފު ޞައްޙަ ނުވާނެއެވެ. މިއީ ޞައްޙަ ޙަދީޘުތަކުން ސާބިތުވާ ސުންނަތެކެވެ. މިކަން އަހަރުގެ ކޮންމެ ދުވަހަކުވެސް ކުރެވިދާނެއެވެ. އެކަމަކު ރަސޫﷲ صلى الله عليه وسلم ގެ ޢަމަލުފުޅުތަކުން އެނގޭގޮތުގައި ރަމަޟާންމަހުގެ ފަހުދިހައިގައި މިކަން ކުރުން ވަކީން އިތުރުކަން ބޮޑުވެގެން ވެއެވެ.
މިގޮތަށް ފަހުދިހައިގައި އިޢުތިކާފަށް އިނުމުގެ އެންމެ ބޮޑު މަޤްޞަދަކީ ލައިލަތުލްޤަދްރި ލިބޭތޯ ބެލުމެވެ. އެހެނީ ޞައްޙަ ޙަދީޘުތަކުން އެނގޭ ގޮތުގައި ލައިލަތުލްޤަދްރި އައުން އެންމެ ގާތީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރެއެއްގައެވެ. ވަކި ރެއެއް ޔަޤީންކޮށް ނޭނގޭ ގޮތަށެވެ. އެހެންކަމުން އެ ދިހަދުވަހުގެ ހުރިހާ ރެއެއްގައި އަޅުކަމުގައި މަޝްޣޫލުވުމުން ލައިލަތުލްޤަދްރި ލިބުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެއެވެ. މިކަމުގެ މަޤްޞަދުތަކުގެ ތެރޭގައި ﷲއަށް އަޅުކަން ކުރުމަށް ހިތް ޚަލާޞްކޮށް ދުނިޔަވީ ހުރިހާ ކަމަކުން ވީހާވެސް ދުރުހެލިވެ، ގުނަވަންތައް ފާފައަށް އަރައިގަތުމުގެ ފުރުޞަތު ވީހާވެސް ކުޑަކޮށް، ރޯދައަށް އުނިކަން ލިބިދާފަދަ ހުރިހާ ކަމަކުން ދުރުހެލިވުން ހިމެނެއެވެ.
އިޢުތިކާފަށް އިންނާނީ މިސްކިތުން ވަކިތަންކޮޅެއްގައި، އެތަންކޮޅު ފޮތިފަދަ އެއްޗެއް ދަމައި ބަންދުކޮށްގެންނެވެ. މިއީ ރަސޫލުﷲ صلى الله عليه وسلم ކަންތައް ކުރެއްވިގޮތް ކަމަށް ޙަދީޘުން ސާބިތުވެއެވެ. މާތްﷲ ރުއްސުންލެއްވި ޢާއިޝާގެ އަރިއަހުން އަލްބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. كان النبي صلى الله عليه وسلم يعتكف في العشر الأواخر من رمضان فكنت أضرب له خباء فيصلي الصبح ثم يدخله (ރަސޫލު صلى الله عليه وسلم ރަމަޟާންމަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިންނަވައެވެ. އެހިނދު ތިމަންކަމަނާ އެކަލޭގެފާނަށްޓަކައި ފޮތިން ކުޑަ ފޭލިގެއެއް ފަދަ އެއްޗެއް ޖައްސަވަމެވެ. ދެން އެކަލޭގެފާނު ފަތިސްނަމާދަށް ފަހު އެތަނަށް ވެދެވަޑައިގަންނަވައެވެ.)
އިޢުތިކާފަށް އިންނައިރު ވީހާވެސް ގިނައިން ކީރިތި ޤުރްއާން ކިޔަވައި، ސުންނަތް ނަމާދުކޮށް، ﷲ އަށް ތަސްބީޙާއި، ތަޙްމީދާއި، ތަކްބީރުކިޔައި، ރަސޫލުﷲ صلى الله عليه وسلمގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔަވައި، ވީވަރަކުން ދުޢާކޮށް ހަދަންވާނެއެވެ. އެހެނީ، އެހެން މީހުންނާ އެކަހެރިވެ މިސްކިތުގައި އިނުމުގެ ބޭނުމަކީ ވީހާވެސް ގިނަ ވަގުތު އަޅުކަމުގައި މަޝްޣޫލުވުމެވެ. ހަމަ އެހެންމެ އިޢުތިކާފަށް އިންނައިރު ދުނިޔަވީ ވާހަކަ ދެއްކުމާއި، ދުނިޔޭގެ ކަންކަމާއިގެން މަޝްޣޫލުވުމުން ދުރުހެލިވާން ވާނެއެވެ.
މިގޮތަށް މިސްކިތުގައި އިންނައިރު ކޮންމެހެން ޖެހޭ ޒަރޫރީ ބޭނުންތަކަށް މިސްކިތުން ބޭރަށް ދިއުމާއ،ި ފެންވަރައި، ނިޔަފަތި ކެނޑުން ފަދަ ސާފުތާހިރުވުމާ ގުޅޭ ކަންތައް ކުރުމާއި، ބޭނުން ޖެހިއްޖެ ހިނދެއްގައި އެހެން މީހުނާއި ވާހަކަ ދެއްކުމަކީ ހުއްދަ ކަމެކެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ އަރިއަހުން އަބޫދާވޫދު ރިވާކުރައްވާފައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. السنة على المعتكف أن لا يعود مريضا و لا يشهد جنازة ولا يمس امرأة ولا يباشرها ولا يخرج لحاجة إلا لما لا بد منه (އިޢުތިކާފަށް އިންނަ މީހާގެ މައްޗަށް ސުންނަތް ވެގެންވަނީ ބަލިމީހަކަށް ގޮވާލަން ނުދިއުމާއި، ޖަނާޒާއެއްގައި ބައިވެރިނުވުމާއި، އަންހެނެއްގެ ގައިގައި ނުބީހުމާއި، އަނބިމީހާއާއި އެއްދާން ނުކުރުމާއި، ކޮންމެހެން ބޭނުން ޖެހިއްޖެ ހިނދެއްގައި މެނުވީ އެއްވެސް ކަމަކު މިސްކިތުން ނުނިކުތުމެވެ.) އިޢުތިކާފަށް އިންނަ މީހާގެ ނިދުމާއި، ކެއިންބުއިމުގެ ކަންތައް ހަމަ ޖައްސާނީވެސް އޭނާގެ "ފޭލިގޭ"ގައެވެ. އެއީ މިސްކިތުގެ ހުރުމަތްތެރިކަމަށް ވިސްނައި މިސްކިތް ހަޑިމުޑުދާރު ނުވާނެ ގޮތަށެވެ.
އިޢުތިކާފަށް އިންނަމީހާ ކޮށްގެން ނުވާނެ ކަންކަމުގެ ތެރޭގައި ދުނިޔަވީ ކަންކަމާ މެދުގައި ވާހަކަ ދެއްކުމާއި، އަޅުކަން ކުރުމަކާ ނުލައި ގިނަ ވަގުތު ބޭކާރު ކުރުމާއި، ބާޒާރުކުރުން ފަދަ ކޮންމެހެން ކުރަން ނުޖެހޭ ކަމެއް ކުރަން ބޭރަށް ދިއުން ހިމެނެއެވެ.
މަތީގައި މިދެންނެވުނު ގޮތަށް ރަމަޟާންމަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިނދެއްޖެ މީހާއަށް ކީރިތި ރަސޫލުﷲ صلى الله عليه وسلم އާދަވެގެން އަދާ ކުރެއްވި ސުންނަތެއް އަދާ ކުރެވުނީ އެވެ. މިއީ މިކަމަށް ވަގުތު ތަނަވަސް ވެއްޖެ މީހާ ކުރުން އެދެވިގެންވާ ކަމެކެވެ.