ޤައުމީ އިނާމް ޤައުމީދުވަހު ދެއްވާ ގޮތަށް ހަމަޖައްސަވައިފި

ސަރުކާރުން ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ ޤައުމީ އިނާމު، މި އަހަރުން ފެށިގެން ޤައުމީ ދުވަހު ދެއްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފި  ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މިގޮތަށް ހަމަޖެއްސެވީ، ޤައުމީ އިނާމަކީ ޤައުމަށް ތަފާތު އެކި ރޮނގު ރޮނގުން ޚިދުމަތް ކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެއްވާ އިނާމަކަށްވާތީ، މި އިނާމު ދެއްވުން އެންމެ އެކަށީގެންވާ މުނާސަބަތަކީ ޤައުމީ ދުވަހުގެ މުނާސަބަތު ކަމަށް ރައީސަށް ފެނިވަޑައިގަންނަވާތީއެވެ.

މިއީ 1979 ވަނައަހަރުން ފެށީގެން ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ދެއްވަން ފެއްޓެވި އިނާމެކެވެ. މި އިނާމު ދެއްވަމުން ގެންދަވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ފަހުން ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މި އިނާމު ދެއްވާގޮތަށް ހަމަޖެއްސެވީއެވެ.

ޤައުމީ ދުވަހު ޤައުމީ އިނާމު ދެއްވާގޮތަށް ހަމަޖެއްސެވުމުން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުތައް ދެއްވާނީ، މިހާރެކޭވެސް އެއްގޮތަށް ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތު، އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހު، ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުއްވައިލައްވާގޮތަށް މިހާރުވަނީ ނިންމަވާފައެވެ. ޤައުމީ އިނާމު މިހާރު ދެވޭ މައިގަނޑު ދާއިރާތަކާއި، ރޮނގުތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ ޚިޔާލު، އެ ކޮމިޓީން މިހާރުވަނީ ހޯއްދަވާފައެވެ. އަދި ޤައުމީ އިނާމުގެ އުޞޫލުތަކަށް ގެންނަވަންޖެހޭ އިތުރު ބަދަލުތައް ގެންނެވުމުގެ މަސައްކަތް، އެ ކޮމިޓީން މިހާރު ގެންދަވަނީ ކުރައްވަމުން ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.