އިންޑިއާގެ އިންތިޚާބު 2019: ރަސްމީ ނަތީޖާ މާދަމާ

އިންޑިއާގައި މިދިޔަ މަހުގެ 11ގައި ފެށި އާއްމު އިންތިހާބު (ލޮކްސަބާ)ގެ ވޯޓު ގުނައި ރަސްމީ ނަތީޖާ އިއުލާނުކުރުން  އޮންނާނީ މާދަމާ (ބުރާސްފަތިދުވަހު) އެވެ. ހަތް މަރުޙަލާއަކަށް ބަހާލައިގެން ބޭއްވި އިންތިޚާބުގެ ވޯޓު ގުނުމާއި ނަތީޖާ އިއުލާނުކުރުން މާދަމާ ރަސްމީގޮތުން ބޭއްވިކަމަށްވިޔަސް އިންތިޚާބުގެ ފަހު މަރުޙަލާ އާދީއްތަދުވަހު ނިމުމާއެކު އެކި ފަރާތްތަކުން ހެދި  އެގްޒިޓް ޕޯލް، ދިރާސާތަކުން ދައްކަނީ މި ފަހަރުގެ އިންތިޚާބު ވެސް ކާމިޔާބު ކުރާނީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ)ގެ އިއްތިހާދު ކަމަށެވެ. އޭގެ މާނައަކީ ދެވަނަ ދައުރަކަށް މޯދީއަށް ބޮޑު ވަޒީރުކަން ލިބިވަޑައިގަތުމެވެ.

އެކަމަކު ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މާޒީއަށް ބަލާއިރު އެގްޒިޓް ޕޯލްތަކުން ދައްކާ ނަތީޖާ ދިމާނުވެ ވެސް ހިނގައިދާނެއެވެ. އިންޑިއާ އާއި ދުނިޔޭގެ އެހެން ގައުމުތަކުންވެސް އެކަމުގެ ހެކި ފެންނަން އެބަހުއްޓެވެ.

އާދީއްތަދުވަހު ނިމިގެންދިޔަ އިންތިޚާބަށްފަހު ހެދި 11 އެގްޒިޓް ޕޯލުން މޯދީގެ އިއްތިހާދަށް އިންތިޚާބު ފަތަހަކުރެވިފައިވާކަމަށް ދައްކާތީ ބީޖޭޕީގެ އިއްތިހާދުން ވަނީ އުފާފާޅުކުރުންތައް ބާއްވާފައެވެ. އަދި އައު ސަރުކާރެއް އެކުލަވާލުމުގެ ތައްޔާރީތައް ދަނީ ކުރަމުންނެވެ.

އެގްޒިޓް ޕޯލްތައް ހެދި ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި މޯދީގެ އިއްތިހާދު، ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އަށް ޕާލަމެންޓުގެ 543 ގޮނޑީގެތެރެއިން މަދުވެގެން 280 ގޮނޑިންފެށިގެން 300 އަށް ވުރެ ގިނަ ގޮނޑި ލިބޭނެއެވެ.

ޕާލަމެންޓުގެ އަޣުލަބިއްޔަތު ލިބޭނީ 543 ގޮނޑީގެތެރެއިން 272 ގޮނޑި ލިބޭ ފަރާތަކަށެވެ.

ހުޅަނގު ބެންގާލުގެ ޗީފް މިނިސްޓަރ އަދި އޯލް އިންޑިއާ ތުރިނަމޯލް ކޮންގްރެސްގެ ލީޑަރ މަމްތާ ބެނަޖީއަކީ އެގްޒިޓް ޕޯލްގެ ނަތީޖާ ގަބޫލުކުރައްވާ ބޭފުޅެއްނޫނެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެފަދަ ދިރާސާތަކުގެ ބޭނުމަކީ ވޯޓުގެ ނަތީޖާ އޮޅުވާލުމެވެ.

"އަޅުގަނޑު އިދިކޮޅު ހުރިހާ ޕާޓީތަކަށް އިލްތިމާސްކުރަން. އެއްބައިވެ ވަރުގަދަވެ ބިރުނުގަނެ ތިބުމަށް. އަޅުގަނޑުމެން މި ހަނގުރާމަ ކުރާނީ ގުޅިގެން." މަމްތާ ވިދާޅުވިއެވެ. "އަޅުގަނޑު އެގްޒިޓް ޕޯލްއަކަށް އިތުބާރެއް ނުކުރަން."

ކޮންގްރެސް ޕާޓީގެ ވަރަށް ގިނަ ބޭފުޅުން ވެސް ވަނީ އެގްޒިޓް ޕޯލްގެ ނަތީޖާ ގަބޫލުނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ރަސްމީކޮށް ވޯޓު ގުނުގެ މަސައްކަތް ފަށާނީ ބުރާސްފަތި ދުވަހު ހެނދުނު އަށެއްޖަހާއިރުއެވެ. މެންދުރުވުމުގެ ކުރިން ބައެއް ސަރަހައްދުތަކުގެ ނަތީޖާތައް އެނގެން ފަށާނެއެވެ.

އެންމެ ފަހުން ބޭއްވި ލޮކްސަބާ އިންތިޚާބުގައި ބީޖޭޕީ އިއްތިހާދުން ހޯދީ ހައިރާންވާވަރުގެ ބޮޑު ކާމިޔާބެކެވެ. އެކަމަކު ދިރާސާތަކުން ދައްކާގޮތުގައި މިފަހަރު ބީޖޭބީ އިއްތިހާދަށް އެވަރުގެ ބޮޑު ކާމިޔާބީއެއް ނުލިބޭނެއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.