ބަދްރު ހަނގުރާމަ: އިސްލާމީ އުއްމަތުގެ ފެށުން

ތަންތަނަކީ ބަސްމޮށުންތެރިކަން ލިބިގެންވާ މަޚްލޫޤެއްނަމަ ބަދްރުގައި ހިނގި މަތިވެރި ހަނގުރާމައިގެ ތަފާތުފަރުދާތައް މިއަދުވެސް އަޅުގަނޑުމެންނަށް ކިޔާދެމުންދާނެތެވެ. ބަދްރުހަނގުރާމައަކީ  އިސްލާމީއުއްމަތުގެ އަދި ކީއްތޯއެވެ! ދުނިޔޭގެ ތާރީޚުގެވެސް މަލަތައް ބަދަލުކޮށްލި ވަރުގަދަ ހާދިސާއެކެވެ. އެއީ އެތައް މުޢުޖިޒާތްތަކެއް ހިމެނޭ ހާދިސާއެކެވެ. މި ހަނގުރާމައާއެކު އިންސާނިއްޔަތުގެ ރާސްތާއަށް ހެޔޮބަދަލުތަކެއް އަންނަން ފެށްޓެވެ. ހިޖްރައިން 2ވަނަ އަހަރުގެ ރަމަޟާންމަހުގެ 17ވީ ހުކުރުދުވަހު ހެނދުނު ހިނގި މި ހަނގުރާމައިގެ  ސަބަބުން އިސްލާމީ ދުނިޔޭގެ ޗާޓު ކުރެހެން ފެށުނެވެ. އަދި ހަމަ އެއާ އެކު  މުޅިދުނިޔޭގެ ޗާޓުވެސް އަލުން ކުރެހެން ފެށުނެވެ. ކީރިތިޤުރްއާން ބުނާގޮތުގައި އެއީ "يَوْمَ الْفُرْقَانِ [1] " އެވެ. ނުވަތަ އެއީ "يَوْمَ الْتَقَى الْجَمْعَانِ [2] އެވެ. ތާރީޚު ފޮތްތައް ބުނާގޮތުގައި އެއީ "غَزْوَةُ بَدْرِ الكُبْرَى" [3] އެވެ.

ހަނގުރާމައިގެ ކުރި

ކީރިތިރަސޫލާ صلى الله عليه وسلم މަދީނާއިން ނުކުމެވަޑައިގަތީ ހަނގުރާމައެއް ކުރައްވާކަށް ނޫނެވެ. އެކަލޭގެފާނުގެ އަރިހުގައި ތިބީ 314 މީހުންނެވެ. މުސްލިމުންގެ ލަޝްކަރަކީ މާއްދީގޮތުން ބަލާއިރު، ޢަދަދުގެ ގޮތުންނާއި ހަތިޔާރުގެ ގޮތުން ބަލާއިރު، މުޝްރިކުންގެ ލަޝްކަރަށްވުރެ މާނިކަމެތި  ލަޝްކަރެކެވެ. މުޝްރިކުން މައްކާއިން ނުކުތީ ހަނގުރާމައަށް ރަނގަޅަށް ތައްޔާރުވެގެން ހަނގުރާމަ ކުރުމަށްޓަކައެވެ. އެހެންކަމުން ރަސޫލުﷲގެފާނަށް ވަރަށް މުހިއްމު ޤަރާރެއް ކަނޑައަޅުއްވަން ޖެހިވަޑައިގަތެވެ. މުސްލިމުންގެ ޢަދަދު މުޝްރިކުންގެ ޢަދަދަށްވުރެ ތިންގުނަ މަދެވެ. މުސްލިމުންގެ އަތުގައި ހުރި ހަތިޔާރަކީ ހަނގުރާމައެއް ކުރުމަށް އެކަށީގެންވާ ވަރަށްވުރެ މާ ދެރަ ހަތިޔާރުތަކެކެވެ. އެހެންކަމުން އެކަލޭގެފާނު، އެކަލޭގެފާނުގެ އަޞްޙާބުންނާ މަޝްވަރާ ކުރެއްވިއެވެ.  ޝޫރާއަކީ އިސްލާމީ ދައުލަތް، އިސްލާމީ މުޖްތަމަޢު އޭގެމަތީގައި ކީރިތިރަސޫލާ ބިނާކުރެއްވި އަސާސުތަކުގެ ތެރެއިން އެއް އަސާސެވެ. ކީރިތި ރަސޫލާ ޞަޙާބީންނާއެކު މަޝްވަރާ ކުރެއްވީ ހަނގުރާމަކުރުމާ ބެހޭގޮތުންނެވެ. އެކަލޭގެފާނުގެ އަޞްޙާބުންގެ ކިބައިން ލިބިވަޑައިގެން ޖަވާބަކީ އެކަލޭގެފާނާމެދު އެބޭކަލުން ކުރައްވާ އިތުބާރުގެ ބޮޑުކަން ހާމަކޮށްދިން ޖަވާބެކެވެ. އެކަލޭގެފާނު އެކަމާމެދު ހިތްޕުޅު ހަމަޖެހުނު ޖަވާބެކެވެ.

މުހާޖިރުންގެ ފަރާތްޕުޅުން އަލްމިޤްދާދު ބްނު ޢަމްރު ތެދުވެވަޑައިގެން ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! ﷲ ކަލޭގެފާނަށް އަމުރުކުރެއްވި ގޮތަކަށް ކަންތައް ކުރައްވާށެވެ.  އަޅުގަނޑުމެން މި ތިބީ ކަލޭގެފާނާ އެކުގައެވެ."  އެހެން ބޭބޭކަލުންވެސް ހަމަ މިމޭރުމުން ވާހަކަފުޅު ދެއްކެވިއެވެ.  އެއަށްފަހު ސަޢުދު ބުން މުޢާޛު ވާހަކަފުޅު ދެއްކެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! އަޅުގަނޑުމެންގެ ބަހަކަށް ކަލޭގެފާނު އިންތިޒާރުކުރައްވާ ކަމަށް ފެނެއެވެ." އެހިނދު ރަސޫލުﷲގެފާނު އާއެކޭ ވިދާޅުވުމުން ސަޢުދުގެފާނު ދެންނެވިއެވެ. "އަޅުގަނޑުމެން މިތިބީ ކަލޭގެފާނަށް އީމާންވެގެންނެވެ. ކަލޭގެފާނު ތެދުކޮށްގެންނެވެ. ކަލޭގެފާނު އެކަންތަކަކާއިގެން ވަޑައިގެން ހުރިހާ ކަންތައްތަކަކީ ޙައްޤުކަމަށް އަޅުގަނޑުމެން ހެކިވަމުއެވެ. ކަލޭގެފާނުގެ ބަސްފުޅު އަޑުއަހައި ކިޔަމަން ގަތުމަށް އަޅުގަނޑުމެން މިތިބީ ވަޢުދުވެގެންނެވެ. ޢަހްދުކަށަވަރު ހިފައިގެންނެވެ. އެދިވަޑައިގަންނަވާ ގޮތަކަށް  ކުރިއަށްވަޑައި ގަންނަވާށެވެ! އަޅުގަނޑުމެން މިތިބީ ކަލޭގެފާނުގެ އަރިހުގައެވެ. ކަލޭގެފާނު ޙައްޤުގޮތުގައި ފޮނުއްވި ފަރާތް ގަންދީ  ދަންނަވަމެވެ. މިއޮތް ބޮޑު ކަނޑަށް އެރިވަޑައިގަތް ކަމުގައިވިޔަސް އަޅުގަނޑުމެން ކަލޭގެފާނު އަރިހުގައި އެކަނޑަށް އެރޭނޫއެވެ! " މިބަސްފުޅުތައް އިވިވަޑައިގަތުމުން ރަސޫލުﷲގެފާނު ވަރަށް އުފާފުޅުވިއެވެ. މޫނުފުޅު އަލިވެ އުޖާލާވިއެވެ. ރަސޫލުﷲގެފާނު  ވިދާޅުވިއެވެ. "ތިޔަބައިމީހުން ކުރިއަށްދާށެވެ! އުފާވެރިކަން ހުށްޓެވެ! ހަމަކަށަވަރުން މާތްﷲ ދެކަމުންކުރެ އެއްކަމެއް  ތިމަންކަލޭގެފާނަށް ދެއްވަންވަނީ ވަޢުދުވެ ވޮޑިގަންފައެވެ. ތިމަންކަލޭގެފާނުގެ ޤައުމުގެ ބޮޑުން  ހަނގުރާމައިގެ މައިދާނަށް ވެއްޓެމުންދާތަން ފެނިވަޑައިގަންނަވާ ކަހަލައެވެ." ކީރިތިރަސޫލާގެ ޤަރާރަކީ މިއީއެވެ.

މުސްލިމުންގެ ލަޝްކަރުގޮސް ބަދްރުގެ ފެންގަނޑާ ކައިރި ހިސާބަކަށް ފޭބުމުން އަލްޙުބާބު ބުނުލް މުންޛިރު[4] ދެންނެވިއެވެ. މިއީ މާތްﷲ އަންގަވައިގެން ފައިބާވަޑައިގަން ތަނެއްތޯއެވެ؟ ނުވަތަ މިއީ މަޝްވަރާކުރުމާއި ޚިޔާލުފާޅުކުރުން އޮތްކަމެއްތޯއެވެ؟ ހަނގުރާމައަކީ މަކަރާއި ޙީލަތް އެކަމުގައި ހިމެނޭ ކަމެއް ތޯއެވެ؟  ރަސޫލުﷲގެފާނު މިއީ ޚިޔާލު ފާޅުކުރުމާއި މަޝްވަރާކުރުން އޮތްކަމެއް ކަމުގައި ވިދާޅުވުމުން، މިއީ ފައިބާތިބުން ރަނގަޅު މަންޒިލެއް ނޫންކަމަށް ދަންނަވާ ބަދްރުގެ ފެންގަނޑުގެ އެހެން ހިސާބެއް ދެއްކެވިއެވެ. އެހިސާބަށް ފައިބައިފިނަމަ މުސްލިމުންނަށް ފެންލިިބި، މުޝްރިކުންނަށް ފެންނުލިބޭނެގޮތް ހަދައިލެވިދާނެކަމަށް ޙުބާބު ދެންނެވިއެވެ. ކީރިތިރަސޫލާ އަލްޙުބާބުގެ  ޚިޔާލުފުޅު ރަނގަޅު ޚިޔާލެއްކަމަށް ދެކެވަޑައިގެން އެގޮތަށް ޢަމަލުކުރެއްވިއެވެ.[5] މިއީ ޝޫރާގެ މުހިއްމުކަން ހާމަކޮށްދިން ހާދިސާއެކެވެ. އަދި މިހާދިސާއިން މަޝްވަރާކުރެވޭނެ ކަންތައްތަކާ މަޝްވަރާ ނުކުރެވޭނެ ކަންތައްތައް ހާމަވިއެވެ.

ކީރިތި ރަސޫލާއާއި މުސްލިމުން ރަމަޟާންމަހުގެ 16ވީ ބުރާސްފަތި ދުވަހު ބަދްރުގައި  ހަމަޖެހިއްޖެއެވެ. އެދުވަހު ހަވީރު ކީރިތި ރަސޫލާ މާތްﷲއަށް ނަޞްރު ދެއްވުމަށް އެދިވަޑައިގެން ދުޢާ ކުރައްވަން ފެށްޓެވިއެވެ. މިއިން އެގެނީ ހަނގުރާމައަށާއި އެހެނިހެން ކަންތައްތަކަށް މާއްދީގޮތުން ތައްޔާރު ވާންޖެހޭ މިންވަރަށް ތައްޔާރުވުމަށްފަހު ކާމިޔާބީއަށް އެދި މާތްﷲގެ ޙަޟްރަތަށް ދުޢާކުރަން ޖެހޭނެކަމެވެ.  ނަޞްރަކީ އެކަލާނގެ ދެއްވާ އެއްޗަކަށް ވާތީއެވެ.

ހުކުރުދުވަހު ހެނދުނު (އެއީ ރަމަޟާންމަހުގެ 17 ވަނަ ދުވަސް) ދެ ލަޝްކަރު  ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލައިފިއެވެ. އެއްލަޝްކަރަކީ މުސްލިމުންގެ ލަޝްކަރެވެ. މި ލަޝްކަރު ދިފާޢުކުރަނީ ޙައްޤެވެ. އަނެއް ލަޝްކަރަކީ މުޝްރިކުންގެ ލަޝްކަރެވެ. އެއީ ޝައިޠާނާ ދިފާޢުކުރާ ލަޝްކަރެވެ. ހަނގުރާމަ އެންމެ ގަދަވި ވަގުތު މުސްލިމުންނަށް ހިތްވަރުދެއްވުމަށާއި މަދަދު ދެއްވުމަށްޓަކައި މާތްﷲ މަލާއިކަތުންގެ ފައުޖެއް ފޮނުއްވިއެވެ.

ހަނގުރާމަ ނިމިގެން ދިޔައީ މުސްލިމުންނަށް ވަރުގަދަ ނަޞްރަކާއި ކާމިޔާބީއެއް  ލިބިގެންނެވެ. މުޝްރިކުންގެ ބޮޑެތި ފަހުލަވާނުންތަކެއް ޤަތުލުވެ މަރުވެގެންނެވެ. އެމީހުންގެ ތެެރެއިން 70 މީހަކު މަރުވެ، 70 މީހަކު އަސީރުންގެ ގޮތުގައި ހައްޔަރުވެގެންނެވެ. މުސްލިމުންގެ ތެރެއިން 14 މީހަކު ޝަހީދުވެގެންނެވެ.

ހަނގުރާމަ ނިމުމުން މުޝްރިކުންގެ ތެރެއިން ހައްޔަރުކުރެވުނު އަސީރުންނާމެދު ކަންތައްކުރާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އެކަލޭގެފާނަކީ ލަޝްކަރުގެ ވެރިޔާ ކަމުގައި ވިޔަސް އަމިއްލަފުޅަށް ޤަރާރު ކަނޑައެއް ނާޅުއްވައެވެ. މިއީ އިސްލާމްދީނުގައިވާ ޝޫރާގެ އުޞޫލުތައް އުގަންނާދެއްވުމަށް އެކަލޭގެފާނުގެ މަދްރަސާގެ ދަރިވަރުންނަށް ދެއްވި ފިލާވަޅެކެވެ.

މުސްލިމުންނަށް ނަޞްރު ލިބުނީ ކީއްވެ؟

މުސްލިމުންނަށް މިފަދަ މަތިވެރި، މިފަދަ ބޮޑު ކާމިޔާބީއެއް ލިބުނީ ކިހިނަކުންތޯއެވެ؟ މި ސުވާލު އެތައް ސަބަބުތަކަކާ ހެދި ކުރަން އެބަޖެހެއެވެ. މުސްލިމުން ނުކުތީ ހަނގުރާއެއް ކުރާކަށް ނޫނެވެ. މުސްލިމުން ތިބީ ހަނގުރާއެއް ކުރަން ތައްޔާރުވެގެނެއް ނޫނެވެ. މުސްލިމުންގެ އަތުގައި ހަތިޔާރެއް ނެތެވެ. މުޝްރިކުންނާ އަޅައިބަލާއިރު މުސްލިމުންގެ ޢަދަދު ވަރަށް މަދެވެ. މީގެ އިތުރަށް ވަގުތަކީ މުސްލިމުންނަށް މުނާސަބު ވަގުތެއް ނޫނެވެ. ރަމަޟާންމަސް ކަމުގައިވާތީއެވެ. ރަމަޟާންމަހަކީ ޢާއްމުގޮތެއްގައި ޢަރަބިން ހަނގުރާމަކޮށް އުޅޭ މަހެއްނޫނެވެ. މިޒަމާނުގެ ޢަސްކަރީ މިންގަނޑުތަކުން ބަލާއިރު މުސްލިމުންނަށް ބަދްރުހަނގުރާމާގައި ކާމިޔާބު ލިބިގެން ނުވާނެއެވެ.

ނަމަވެސް ﷲގެ މިންގަނޑު ތަފާތެވެ. މާތްﷲ މިހަނގުރާމާގައި ސާފު ހެކިތަކުން  ބަޔާންކޮށްދެއްވި އެއްކަމަކީ ނަޞްރަކީ މާތްﷲ ދެއްވާ އެއްޗެއްކަމެވެ. މާތްﷲއަށާއި ﷲގެ ރަސޫލާއަށް  ނަޞްރު ދޭބަޔަކަށް މާތްﷲ ނަޞްރު ދެއްވާނެކަމެވެ.

މުސްލިމުން މި ހަނގުރާމަކުރީ ވަރުގަދަ ޢަޤީދާއަކާއި އިޚްލާޞްތެރިކަމަކާ އެކުގައެވެ. މޮޅުވެއްޖެނަމަ އެމީހުންނަށް އޮތީ މުޅިންވެސް ކާމިޔާބުކަން ދަނެތިބެއެވެ. ހަނގުރާމަކޮށް މޮޅުވެއްޖެނަމަ ނަޞްރާއި ޣަނީމާތަކެވެ. ހަނގުރާމަކޮށް ޝަހީދުވެއްޖެނަމަ ސުވަރުގެއެވެ.

މުސްލިމުން ހަނގުރާމަ ކުރީ އެމީހުންގެ އިސްވާރަށް ފުރިހަމައަށް ކިޔަމަންގަނެ އިތުބާރު ކޮށްގެންނެވެ. ކީރިތި ރަސޫލާ އެންގެވި ގޮތަށެވެ. އެކަލޭގެފާނުގެ އެއްވެސް ބަސްފުޅަކާ ޚިލާފު ނުވެއެވެ.

ކީރިތިރަސޫލާ صلى الله عليه وسلم ޤުރައިޝުންގެ ތެރެއިން ހައްޔަރުކުރެވުނު ކާފިރުންނާމެދު ކަންތައް ކުރެއްވިގޮތް ނިކަން ދެކެވަޑައިގެން ބައްލަވާށެވެ! އެމީހުންގެ ކިބައިން ބަދަލެއް ނުހިއްޕަވައެވެ. ފިދްޔަ އަތުލައްވާފައި އެމީހުން ދޫކޮށްލެއްވީއެވެ. މިއިން އެނގެނީ އިސްލާމްދީނުގެ ސަމާޙަތެވެ. ވީމާ މުސްލިމުންގެ ބުރިކަށިތަކުގައި ހަރުކަށި ޢަމަލުތަކުގެ  މަރުކާތައް  ތަތްކުރެވި ދާނެތޯއެވެ؟

ބަދްރު ހަނގުރާމައިން ދަސްކުރަންޖެހޭ ދަރްސުތައް ވަރަށްގިނައެވެ. ކާމިޔާބު ލިބޭނީ ވެރިންނަށް ކިޔަމަންވެގެންކަން އެގެއެވެ. ކާމިޔާބު ލިބޭނީ މަތިވެރި ޢަޒްމަކާއި އިޚްލާޞްތެރކަމާއެކު މަސައްކަތް ކޮށްގެންކަން އެނގެއެވެ. އަދި މުސްލިމުން އަބަދުވެސް މަސައްކަތްކުރަން ޖެހޭނީ ﷲގެ ބަސްފުޅު މަތިވެރި ކުރުމަށްކަންވެސް އެނގެއެވެ. ބަދްރު ހަނގުރާމައިގައި ހައްޔަރުކުރެވުނު އަސީރުންގެ ތެރޭގައި ތިބި މާލީ ތަނަވަސްކަންނެތް މީހުންގެ ފިދްޔައެއް ކަމުގައި ރަސޫލުﷲގެފާނު ލެއްވެވީ މުސްލިމުންގެ 10 ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށް ދިނުމެވެ. އިސްލާމްދީން ތަޢުލީމަށާއި ޢިލްމަށް ދޭ އަހައްމިއްޔަތާއި ޤަދަރު މިކަމުން ހާމަވެއެވެ. ތަޢުލީމަކީ މިނިވަންކަން ކަން އެނގެއެވެ. އަދި ޖާހިލުކަމަކީ އަޅުވެތިކަމާ އެއްފަދަ ކަމެއްކަންވެސް އެނގެއެވެ.


[1] -    سورة الأنفال : 41 މާނައަކީ ޙައްޤާ ބާޠިލު ވެގެންދިޔަ ދުވަހެވެ.

[2] -    سورة الأنفال : 41 މާނައަކީ ދެ ބައިމީހުން ބައްދަލުވި ދުވަސް

[3] -   ބަދްރުގެ ބޮޑުހަނގުރާމަ

[4] -   ތާރީޚީ ބައެއް ފޮތްތައް ބުނާ ގޮތުގައި އޭނާގެ ނަންފުޅަކީ ޚައްބާބެވެ.

[5]-    ބައެއް ރިވާޔަތްތައް ބުނާގޮތުގައި އެވަގުތު ޖިބްރީލުގެފާނު ފައިބާވަޑައިގެން ޙުބާބު ދެންނެވިގޮތަށް ޢަމަލުކުރެއްވުމަށް މާތްﷲ އެންގެވިކަމަށް ދެންނެވިއެވެ.

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.