ފަތުރުވެރިކަން ޤާއިމްވެފައި ނުވާ ސަރަހަދުތަކުގައި އެވިޔަފާރި ތަރައްޤީ ކުރަން އިސްކަން ދޭނަން: ރައީސް

 ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ގާއިމުވެފައި ނެތް ސަރަހައްދު ތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މުލަކަތޮޅު ކޮޅުފުށި ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކައުންސިލްގެ މެމްބަރުން ހުށަހެޅުއްވި ބައެއް ކަންކަމަށް ޖަވާބު ދެއްވަމުންނެވެ.

ކައުންސިލް މެންބަރުން ވިދާޅުވީ އެރަށް ހިމެނޭ ސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤީކޮށްދެއްވައި ރަށުގެ ޒުވާނުންނަށް ރަށާއި ކައިރިން ވަޒީފާ ލިބުމަށް މަގުފަހިކޮށްދެއްވުމަށެވެ. އޭގެއިތުރަށް އެ ރަށަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަމަށް  ހައްލެއް ހޯއްދަވައިދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ. ރަށުގެ މަގުތަކުގައި މަގުބައްތި ޖެހުމަށް ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކަށް ހުރި ގޮންޖެހުންތައް ވސް އެ ބޭފުޅުންވަނީ ރައީސަށް ދަންނަވައިފައެވެ.

މިބައްދަލުވުމުގައި ކައުންސިލުގެ މެންބަރުން ވަނީ ދިއްގަރާއި، މުލަކާއި ކޮޅުފުއްޓަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން ނާލާފުށީގެ ބަނދަރު ފުންކޮށްދެއްވުމަށްވެސް މެންބަރުން ވަނީ އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ކޮޅުފުށި ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު ވެސް ރައީސަށް އެރުވިއެވެ.

ރައީސް ވިދާޅުވީ މި ކޮޅުފުށީ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.