ރޯދަ ހިފުމަށްޓަކައި ނިޔަތް ގަތުން

ކުރާ ކޮންމެ ކަމެއްގެ މިންގަނޑަކީ ނިޔަތް

މިއީ ކޮންމެ އަހަރަކު ވެސް  ރަމަޟާން މަސް އައުމުން ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. ކޮންމެ އަހަރަކުވެސް ފަށްކުރަންޖެހޭ ސުވާލެކެވެ. މިކަމުގެ ސަބަބަކީ ހިފާ ރޯދަ ރަނގަޅު ރޯދައަކަށް ވުމަށް ކޮންމެ މީހަކުވެސް ޝައުޤުވެރިވާ ޝައުޤުވެރިވުމެވެ. މުޅިދުވާލު ނުކައިނުބޮއި ހުރި ހުރުން ބޭކާރުވެދާނެތީ ގަންނަ ބިރުގެ ބޮޑުކަމެވެ. މަތްﷲ އަމުރުކުރެއްވި ކަންތައް ، އެކަލާނގެ ޤަބޫލުކުރައްވާ ގޮތަށް ހިފަން ބޭނުންވާލެއް ބޮޑުކަމެވެ.

ނިޔަތަކީ ހުރިހާ ޢިލްމުވެރީން ވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ރޯދައިގެ ރުކްނެކެވެ. ނިޔަތެއް ނެތި ކުރާ އެއްވެސް އަޅުކަމެއް ޞައްޙައެއް ނުވާނެއެވެ. ހައިހޫނުކަމުގެ ހަޅުތާލެއް ކުރާމީހަކާ ، ހިކެންވެގެން ( ނުވަތަ ޑައެޓްކުރަންވެގެން ) ނުކައިނުބޮއި ހުންނަމީހަކާ މާތްﷲ ގެ އަމުރުފުޅަށް ކިޔަމަންގަތުމަށްޓަކައި ރޯދަހިފާމީހާ ވަކިކޮށްދޭ އެއްޗަކީ އެމީހާގެ ނިޔަތެވެ.އެ ދެ ބައިމީހުން ވެސް ތިބެނީ ނުކައި ނުބޮޔެވެ. މި ދެ ބައިމީހުންގެ ޢަމަލު ތަފާތުކޮށް ދެނީ އެ ދެބައިމީހުންގެ ނިޔަތެވެ

ގައިން ތާހިރުވުމަށް ފެންވަރާ މީހަކާ ޖުނުބުވެރިވެގެން ނުވަތަ  ޙައީޟުގެ ލޭ ކެނޑުމުން ފެންވަރާ ފެންވެރުމުގެ ތަފާތަކީ ނިޔަތެވެ. އެ ދެބައިމީހުން ވެސް ވަރަނީ ފެނެވެ. ތާހިރު ވަނީ ގައިންނެވެ.

އަދާއަށް ކުރާ ނަމާދަކާ ޤަޟާއަށް ކުރާ ނަމާދެއް ތަފާތު ވަނީ ނިޔަތުންނެވެ. ފަރްޟު ނަމާދަކާ ސުންނަތް ނަމާދެއް ތަފާތު ވަނީ ނިޔަތުންނެވެ. އެ ދެ ނަމާދު ވެސް ކުރަނީ ހަމަ އެއްގޮތަށެވެ.

ނިޔަތަ ނުލައި ރޯދަ ޞައްޙައެއް  ނުވާނެ

ނިޔަތާނުލައި ރަމަޟާންމަހުގެ ރޯދަ ޞައްޙަ ނުވާނެކަމަށް ޖުމްހޫރުން އެއްބަސްވެ ވަޑައިގަންނަވައެވެ. އެހެނީ އެއީ އަޅުކަމެކެވެ. ނިޔަތެއްނެތި އެއްވެސް އަޅުކަމެއް ޞައްޙައެއް ނުވާނެއެވެ. މާތްﷲ ވަޙީކުރައްވަނީ وَمَا أُمِرُ‌وا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ [1] - "ބާޠިލުމަގުން އެއްކިބާވެ ތިބެ، ﷲއަށް އަޅުކަން ޚާލިޞްކުރާ ޙާލު ﷲއަށް އަޅުކަންކުރުމަށް މެނުވީ އެބައިމީހުންނަށް އަމުރުކުރެއްވިގެން ނުވެއެވެ." ކީރިތިރަސޫލާގެ ސުންނަތަށް ބަލައިއިރު އެކަލޭގެފާނު ޙަދީޘްކުރައްވަނީ إِنَّمَا الأَعْمَالُ بِالنِّيَّات، وإَنمَا لكل امْرِئٍ مَا نَوَى [2] - "ހަމަކަށަވަރުން ޢަމަލުތައް އޮތީ ނިޔަތުގެ މަތީގައެވެ. އަދި ހަމަކަށަވަރުން ކޮންމެ މީހަކަށް އެމީހަކު ނިޔަތްގަންގޮތަކަށް އެކަމެއް ލިބިގެންވެއެވެ." ނިޔަތް ގަންނަންޖެހޭނީ ހިތުންނެވެ. ދުލުން ކިޔުމަކީ ޝަރްޠެއް ނޫނެވެ. ޖުމްހޫރުން ވިދާޅުވާ ގޮތުގައި ދުލުންކިޔުމަކީ ސުންނަތެކެވެ.

ރޭގަނޑު ނިޔަތްގަތުމަށްފަހު ކައިފިނަމަ ނުވަތަ ރޯދަ ގެއްލޭފަދަ ކަމެއްކޮށްފިނަމަ އަލުން ނިޔަތްގަންނަން ޖެހޭނެ ހެއްޔެވެ؟ ޝާފިޢީން ވިދާޅުވާގޮތުގައި އަލުން ނިޔަތް ގަންނާކަށް ނުޖެހޭނެއެވެ. މާލިކީންވެސް ބުރަވެވަޑައިގަންނަވަނީ މިގޮތަށެވެ.

ރޭގަނޑުގެ ވަގުތެއްގައި ނިޔަތް ގަތުން

މި މަސްއަލާގައި ޢިލްމުވެރިން ރައުޔު ތަފާތެވެ.

ހ- ވާޖިބު ރޯދައަކަށް ވިޔަސް، ސުންނަތް ރޯދައަކަށް ވިޔަސް، ނަދުރުރޯދައަކަށް ވިޔަސް، ޤަޟާކުރާ ރޯދައަކަށް ވިޔަސް އަނެއްދުވަހު ރޯދަ ހިފުމަށްޓަކައި ރޭގަނޑު ނިޔަތްގަތުމަކީ ރޯދަ ޞައްޙަވުމުގެ ޝަރްޠެކެވެ. މިބޭކަލުން ވިދާޅުވާގޮތުގައި، ރޭގަނޑު ނިޔަތް ނުގަންނަމީހާގެ ރޯދަ ޞައްޙަވާނެކަމަށް ބުނާ ނައްޞެއްނެތެވެ.

ށ- ފަރްޟުރޯދަ ހިފާއިރު ރޭގަނޑު ނިޔަތްގަންނަން ޖެހޭނެއެވެ. އެކަމަކު ސުންނަތް ރޯދައެއް ހިފާއިރު ރޭގަނޑު ނިޔަތްގަތުން ލާޒިމެއް ނޫނެވެ. މިއީ ޝާފިޢީންނާއި ޙަންބަލީންގެ ރައުޔެވެ. މިއީ އަބުއްދަރްދާއާއި އިބްނު މަސްޢޫދާއި ޙުޛައިފާއާއި ސަޢީދު ބުނިއްމުސައްޔަބާއި ސަޢީދުބްނިލްޖުބައިރާއި ނަޚްޢީގެ ރައުޔެވެ. މިބޭކަލުންގެ ދަލީލަކީ: مَنْ لَمْ يُبَيِّتِ الصِّيَامَ مِنَ اللَّيْلِ فَلاَ صِيَامَ لَهُ [3] - "ރޭގަނޑުގެ ވަގުތެއްގައި ނިޔަތާއެކު ރޭނުކުރިމީހާއަށް، ފަހެ ރޯދައެއްނެތެވެ." މިބޭކަލުން ވިދާޅުވާ ގޮތުގައި ސުންނަތް ރޯދަހިފާއިރު ރޭގަނޑު ނިޔަތްގަންނާކަށް ނުޖެހޭނެއެވެ. އަދި ޢައްޔަން ކުރާކަށްވެސް ނުޖެހޭނެއެވެ. އެދުވަހުގެ މެންދުރުވުމުގެ ކުރިން ރޯދައަށް ހުރުމަށް ނިޔަތް ގަނެވިދާނެއެވެ. މިކަމުގެ ދަލީލަކީ، އެއްދުވަހަކު ރަސޫލުﷲގެފާނު ޢާއިޝަތުގެފާނަށް ވިދާޅުވިއެވެ. "ނާސްތާކުރައްވާނެ އެއްޗެއް ކަމަނާގެ އަތްޕުޅުގައި އެބަހުރި ތޯއެވެ؟ އެކަމަނާ ނެތޭ ދެންނެވުމުން ވިދާޅުވިއެވެ. އެހެންވިއްޔާ ތިމަންކަލޭގެފާނު މިހުންނެވީ ރޯދަފުޅަށެވެ." [4]

ނ- ޛިއްމާއާ ގުޅިފައިވާ ރޯދައެއް ހިފާނަމަ (މިސާލަކަށް ނަދުރު ރޯދައެއް ނުވަތަ ކައްފާރާ ރޯދައެއް ނުވަތަ ރަމަޟާންމަހުގެ ޤަޟާ ރޯދައެއް ހިފާނަމަ) ރޭގަނޑު ނިޔަތްގަންނަން ޖެހޭނެއެވެ. އެކަމަކު ޛިއްމާއާ ގުޅިފައިނުވާ ޢައްޔަންވެގެންވާ ރޯދައެއްހިފާނަމަ (މިސާލަކަށް ރަމަޟާންމަހުގެ ރޯދައެއްނަމަ) ރޭގަނޑު ނިޔަތްގަންނާކަށް ނުޖެހޭނެއެވެ. [5] މިއީ ޙަނަފީ މަޛްހަބެވެ. ޢައްޔަން ވެގެންވާ ރޯދަތައް ހިފާއިރު ނިޔަތާއެކު ރޭކުރަން ނުޖެހޭނެކަމަށް ވިދާޅުވާ ބޭކަލުންގެ ދަލީލަކީ އިބްނު ޢައްބާސްގެފާނުގެ އަރިހުން ވާރިދުވެފައިވާ މިޙަދީޘެވެ. އިބްނު ޢައްބާސްގެފާނު ވިދާޅުވާގޮތުގައި ޝައްކު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރަށްފުށުގެ މީހަކު އައިސް ހަނދު ފެނުނުކަމަށް ހެކިބަސްދިނެވެ. އެހިނދު ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވިއެވެ. ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށާއި ތިމަން ކަލޭގެފާނަކީ ﷲގެ ރަސޫލާކަމަށް ތިބާ ހެކިވަން ހެއްޔެވެ؟ އޭނާ، އާދޭހޭ، ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. الله أكبر، މުސްލިމުންގެ ތެރެއިން އެކަކު ފުދެއެވެ. މިހެން، ޙަދީޘްކުރައްވައި  ރޯދަފުޅުހިއްޕެވިއެވެ. އަދި މުސްލިމުންނަށް ރޯދަ ހިފުމަށް އަމުރުކުރެއްވިއެވެ. އަދި ރަށު ތެރެއަށް ގޮވާމީހަކު ފޮނުއްވިއެވެ. އޭނާ ގޮވައިލިއެވެ. ކައިގެންހުރި މީހަކުނަމަ ބާކީ އޮތްބައިގައި ނުކާހުށިކަމެވެ. ނުކައިހުރި މީހެއްނަމަ ފަހެ ރޯދަހިފާށެވެ! [6]

ރ- ރަމަޟާންމަހުގެ ފުރަތަމަދުވަހުއްސުރެ ރޯދަ ހިފަމުން އަންނަ މީހަކަށް ނިޔަތް އައުކުރާކަށް ނުޖެހޭނެއެވެ. މިއީ ބައެއް ދަންނަ ބޭކަލުންގެ ރައުޔެވެ. އެކަމަކު ބަލިމީހަކު ނުވަތަ ދަތުރުވެރިއަކު ބައެއް ދުވަސްދުވަހު ރޯދަހިފާފައި އަނެއްބައި ދުވަސްދުވަހު ރޯދަ ނުހިފާނަމަ ރޯދަހިފާ ދުވަސްދުވަހަށް ރޯދަހިފުމަށް ނިޔަތް ގަންނަން ޖެހޭނެއެވެ.

ބ- މުޅި ރަމަޟާން މަހު ރޯދަހިފުމަށް ފުރަތަމަ ރޭ ނިޔަތް ގަތުން: މިއީ މާލިކީ މަޛްހަބުގައި ހުއްދަކަމެކެވެ.  އެބޭކަލުން ވިދާޅުވާ ގޮތުގައި ރަމަޟާންމަހުގެ ރޯދައަކީ އެންމެ އަޅުކަމެކެވެ. އެމަހުގެ އަޅުކަން އެތައްދުވަހަކަށް ދެމިގެންދިޔަސް އެއީ ހަމަ އެންމެ އަޅުކަމެކެވެ. މާތްﷲ ރޯދަހިފުން ފަރްޟު ކުރައްވާފައިވަނީ   ރަމަޟާންމަހުގައެވެ. އެއީ ޙައްޖުފަދަ އަޅުކަމެކެވެ. ޙައްޖުގެ ތަފާތު މަނާސިކުތައް އަދާކުރާއިރު ނިޔަތްގަންނާކަށް ނުޖެހެއެވެ. އެހެންކަމުން މުޅިމަހުގައި ރޯދަހިފުމަށް ފުރަތަމަރޭ ނިޔަތް ގަނެވިދާނެއެވެ. ނަމަވެސް ޝާފިޢީން ވިދާޅުވާގޮތުގައި ހިފާ ކޮންމެ ރޯދައަކަށް ނިޔަތްގަންނަން ޖެހޭނެއެވެ. އެހެނީ ކޮންމެ ރޯދައަކީ މުސްތަޤިއްލު ވާޖިބެކެވެ. އެބޭކަލުން ވިދާޅުވާ ގޮތުގައި ރަމަޟާން މަހުގައި ރޯދައެއް ގެއްލުމުން ޤަޟާކުރާނީ މުޅިމަހުގެ ރޯދަތަކެއް ނޫނެވެ. އެކަމަކު ގެއްލުނު ރޯދައަކަށް ރޯދައެކެވެ. މިތާނގައި ބުރަވެވޭ ރައުޔަކީ ޝާފިޢީންގެ ރައުޔެވެ.

ޅ- ރަމަޟާންމަހުގެ ރޯދައަށް ނިޔަތެއް ބޭނުމެއް ނުވެއެވެ. އައްޒުހްރީއާއި، ޢަޠާއުއާއި، ޒުފަރު ވިދާޅުވާގޮތުގައި ރަމަޟާންމަހު ރޯދަހިފުމަށްޓަކައި ނިޔަތަކަށް ބޭނުމެއް ނުވެއެވެ. ރޯދަގެއްލޭ ކަންތައްތަކުން ދުރުހެލިވެގެން ހުރުމުން އެ ރޯދަ ޞައްޙަވާނެއެވެ. 

ކ- ޑރ. ޤަރްޟާވީގެ ރައުޔު: ނިޔަތަކީ ދުލުން ކިޔަންޖެހޭ އެއްޗެއް ނޫނެވެ. އެހެންކަމުން ނިޔަތަކީ މަސްއަލައެއް ނޫނެވެ. އެއީ އެކަމާމެދު ހާސްވެ ކަންބޮޑުވަންޖެހޭފަދަ ކަމެއްނޫނެވެ. ހާރުކެއުމަކީ ނިޔަތެވެ. ހާރު ކެއްކެއްކުމަކީ ނިޔަތެވެ. ހާރުކާން އެއްޗެހި ހޯދުމަކީ ވެސް ނިޔަތެވެ. ހޭނުލެވިގެން ހާރުނުކެވުނަސް އަދި ނިޔަތް ނުގަނެވުނަސް ރޯދަ ޞައްޙަވާނެއެވެ. މާދަމާ  ރޯދަ ވީއްލުމަށްޓަކައި ކަންތައްތައް ތައްޔާރުކުރުމަކީވެސް ނިޔަތެވެ.


[1]- البينة: 5

[2]- متفق عليه

[3]- رواه البخارى و البيهقى والدارقطنى والدارمى و مالك والنسائى

[4]- رواه الدار قطنى

[5]-  އެކަމަކު ޙަނަފީ މަޛްހަބުގެ އިމާމެއްކަމުގައިވާ ޒުފަރު ވިދާޅުވާގޮތުގައި ރަމަޟާންމަހުގެ ރޯދަ ޞައްޙަވުމަށްޓަކައި ނިޔަތަކަށް ބޭނުމެއްނުވާނެއެވެ. އެއީ އެމަހުގެ ދުވަސްތަކުގައި ރޯދަހިފުން ޢައްޔަން ވާތީއެވެ.

[6]- އިބްނު މަވްދޫދުލް މޫޞަލީ

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.