އީރާނުން ނިއުކުލިޔާ ހަތިޔާރު އުފެއްދުން ހުއްޓާލުމަށް 2015 ވަނަ އަހަރު ދުނިޔޭގެ ނިއުކުލިޔާ ބާރުތަކާ ވެފައިވާ އެއްބަސްވުމުގެ ބައެއް ބައިތަކަށް އަމަލުކުރުން އީރާނުން ހުއްޓާލައިފިއެވެ.
މިއަދު އީރާނުގެ ގައުމީ ޓީވީން ފޮނުވި ޚިޠާބެއްގައި އީރާނުގެ ރައީސު ޙަސަން ރޫޙާނީ ވިދާޅުވީ އެ އެއްބަސްވުމާ އެއްގޮތަށް އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލާފައި އޮތް އޮތުން މިއަދުން ފެށިގެން ނިމުމަކަށް އައީ ކަމުގައެވެ.
އެމެރިކާ ވަކިވުމުން ދެން އީރާނުގެ އިތުރަށް އެ އެއްބަސްވުމުގެ ބައިވެރިންގެ ގޮތުގައި ތިބީ ފްރާންސާއި، ޖަރުމަނާއި، އިނގިރޭސިވިލާތާއި، ޗައިނާއެވެ. ޙަސަން ރޫޙާނީ މިއަދު ވަނީ އެމެރިކާއިން އީރާނުގެ ބޭންކުތަކާއި، ތެލުގެ ސިނާއަތާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނު ރައްކާތެރިކުރުމަށް އެ 4 ގައުމުން ވެފައިވާ ވައުދާ އެއްގޮތަށް އަމަލުކުރުމަށް 60 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.
ޔުރޭނިއަމް މުއްސަނދިކުރުމުގައި %3.67 ގައި ހިފެހެއްޓުމަށް އީރާނުން އެ އެއްބަސްވުމުގައި ވައުދުވެފައި ވިޔަސް، މިއަދުން ފެށިގެން 60 ދުވަހަށް ފަހު އެ ވައުދާ އެއްގޮތަށް އަމަލުކުރުން އީރާނުން ހުއްޓާލާނެކަމުގެ އިންޒާރުވެސް ރޫޙާނީ ވަނީ ދެއްވާފައެވެ.
ފަސް ގައުމުން މަޝްވަރާގެ މޭޒުދޮށަށް އައިސް، އަހަރުމެންނާއެކު އެއްބަސްވުމަކަށް އަތުވެއްޖެނަމަ، އަދި ތެލުގެ ސިނާއަތާއި، ބޭންކުތަކުގެ ވިޔަފާރީގެ ދާއިރާގައި އަހަރުމެންގެ މަސްލަހަތު ރައްކާތެރިކުރަން އެ ގައުމުތަކުން އެއްބަސްވާނަމަ، އާ ފެށުމަކުން ފަށައި، އަހަރުމެން އަމަލުކުރަން ޖެހޭ ކަންކަމަށް އަމަލުކުރަން އަހަރުމެން މިތިބީ ތައްޔާރަށް." ރައީސު ޙަސަން ރޫޙާނީ ވިދާޅުވިއެވެ.
އީރާނުގެ ނާއިބު ރައީސު އަދި އީރާނުގެ ނިއުކުލިޔަ އެނާޖީ އެޖެންސީގެ ވެރިޔާ ޢަލީ އަކްބަރު ޞާލިޙީ ވިދާޅުވީ، ނިއުކުލިއާ އެއްބަސްވުމުގެ ކުރިން އޮތް މިންވަރަށް، ޔުރޭނިއަމް %20 އަށް މުއްސަނދި ކުރެވޭ ފެންވަރަށް، 4 ދުވަހުގެ ތެރޭގައި އަނެއްކާ ދިއުމުގެ ކުޅަދާނަކަން އީރާނަށް ލިބިގެންވާ ކަމުގައެވެ.
އީރާނުގެ ނިންމުން އައިސްފައި މިވަނީ ނައުކުލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވިތާ އެއް އަހަރު ފަހުންނެވެ.
ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް އީރާނުން ފެށި ޚަބަރު ލިބުމާއެކު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ "ނިއުކުލިޔަ ހަތިޔާރެއް ލިބިގަތުމުގެ ފުރުސަތު އަހަރުމެން އީރާނަށް ދީގެންނުވާނެ" ކަމުގައެވެ.
އީރާނުގެ ނިންމުމަށް ރައްދުދެއްވަމުން ފްރާންސްގެ ޚާރިޖީ ވަޒީރު ފްލޮރެންސް ޕާލީ ވިދާޅުވި ގޮތުގައި ނިއުކުލިޔާ އެއްބަސްވުން ދެމެހެއްޓޭ ޔޫރަޕުގެ ބާރުތަކަށް ކުރެވުނު މަސައްކަތެއް ކުރާނެއެވެ. އެހެންނަމަވެސް އެއްބަސްވުމަށް ބޯނުލަނބައިފިނަމަ، އެކަމުގެ ނަތީޖާ ފެންނާއެވެ. އަދި ދަތިކުރުމުގެ ފިޔަވަޅު އެޅުންވެސް އެކަށީގެން ވެއެވެ.