ޝިމާ ގެއްލުނު މައްސަލާގައި ފަޒީލްގެ މައްޗައް އެއްވެސް ކަމެއް ސާބިތުވެފައެއްނެތް: ޕޮލިސް

ޝިމާ ގެއްލުނު މައްސަލައާބެހޭ ގޮތުން ފައިރޫޝް މަޢުލޫމާތު ދެއްވަނީ: ފޮޓޯ ސަން

ޝިމާ ގެއްލުނު މައްސަލާގައި އިބްރާހީމް ފަޒީލްގެ މައްޗަށް މިހާތަނަށް އެއްވެސް ކަމެއް ސާބިތުވެފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަހަރު ފެބުރުއަރީ 22 ވަނަ ދުވަހުގެރޭ ލ. ކައްދޫއިން މާމެންދުއަށް ދަތުރުކުރި ޑިންގީ ސިކްސް ސެންސަސް ރިސޯޓު ކައިރިއަށް ބަންޑުންވެ އެއިން ދަތުރުކުރި ޝިމާ ނާފިޒު ވަނީ ގެއްލިފައެވެ. އޭނާ ގޮވައިގެން ދަތުރުކުރި އިބްރާހީމް ފަޒީލް ވަނީ ފަތާފައި ގޮސް ސިކްސް ސެންސް ރިސޯޓަށް އަރައިފައެވެ.

މި ކަމާބެހޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް ވިދާޅުވީ ޑީންގީ ބަންޑުން ވުމުން ފަޒީލު ފަތާފައި ގޮސް ރިސޯޓަށް އެރުމުން އެންމެ ފުރަތަމަ ދިމާވި ދެ ފަތުރުވެރިންނާ ވެސް ފުލުހުން ސުވާލުކޮށްފައިވާނެ ކަމަށެވެ. އޭރު ފަޒީލް ހުރީ ގިނައިރު ފެތުމުގެ ސަބަބުން ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށާއި ލައިގެންހުރީ ރަތް ބޮކްސާއެއް ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. އެގޮތަށް ހުރީ ފަތަން ފަސޭހައަކަށް ކަމަށް ވެސް އޭނާ ބުނެފައިވާ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.

ޝިމާ ގެއްލުނު މައްސަލާގައި 46 މީހުންނާ ސުވާލުކޮށް ސީސީ ޓީވީ ފުޓޭޖުތަކެއް ބަލައިފައިވާ ކަމަށް ވެސް ފައިރޫޝް ވިދާޅުވިއެވެ. އެ ފުޓޭޖުތަކުގެ ތެރޭގައި އޭނާ ރިސޯޓަށް އެރި މަންޒަރު ފެންނަ ފުޓޭޖުވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން ފަޒީލްގެ މައްޗަށް މިހާތަނަށް އެއްވެސް ކަމެއް ސާބިތު ނުވިޔަސް ފަތަން ނޭނގޭ އަންހެނަކު ގޮވައިގެން މޫސުން ގޯސް ދުވަހެއްގައި ކަނޑު މައްޗަށް ނުކުމެފައިވާތީ އޭނާއާ މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި އެދުވަހަކީ މޫސުން ވެސް ގޯސް ދުވަހެކެވެ.

އެޑިންގީ އަކީ އަނގަމަތި ހާސާ ކުޑަ އެއްޗެކެވެ. އޭގައި އެއްވެސް ކަހަކަ ސަލާމަތީ ކަމެއް ނެތެވެ.

މި މައްސަލާގައި ފުލުހުން ބެލި ފުޓޭޖުތަކުން ފެންނަ ގޮތުގައި ޝިމާ ފަޒީލާއެކު ގޮސްފައިވަނީ ރުހުމުގައި ކަން އެނގޭ ކަމަށެވެ. ފަޒީލަކީ ޝިމާގެ އާއިލާގެ ވަރަށް ގާތް މީހެއް ކަމަށާއި އޭނާއަކީ އެ ޢާއިލާއަށް ގިނަކަންތައްތަކެއް ކޮށްދޭ މީހެއްކަން އެނގިފައިވާ ކަމަށް ވެސް ފައިރޫޝް ވިދާޅުވިއެވެ. މި މައްސަލައިގެ ތަޙުޤީގު ކުރިއަށް ދިޔައިރު ފަޒީލް ދެއްކި ބައެއް ވާހަކަތައް ދިމާނުވާ ކަމަށް ވެސް ފައިރޫޝް މިއަދު ވިދާޅުވިއެވެ.

މި މައްސަލައިގެ ތަޙުގީގުގައި ފުލުހުން ފަޒީލާ ސުވާލުކުރިއިރު އޭނާގެ ހަރަކާތްތައް ހުރި ގޮތުން ފުލުހުންނަށް ޝައްކުތަކެއް އުފެދިގެން ވަނީ ރާއްޖެއިން ބޭރަށް ފޮނުވައިގެން "ބިހޭވިއަރަލް އެނަލިސިސް" ހަދައިފައެވެ. އޭގެ ރިޕޯޓުވެސް ވަނީ ފުލުހުންނަށް ލިބިފައެވެ. އެހެން ނަމަވެސް ބެހޭ ތަފްސީލެއް ނޭނގެއެވެ.

ޝިމާ ހޯދުމަށް ޚާއްސަ ޑައިވިންތަކެއް ވެސް ވަނީ ކޮށްފައެވެ. އަދި އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.