ސިމާގެ މައްސަލަ މަރުކޮމިޝަނުން ނުބޭލޭނެކަމަށް ބުނުމުން ގިނަބައެއްގެ ސުވާލު އުފެދިއްޖެ

މިއަހަރުގެ ފެބުރުއަރީ މަސްތެރޭގައި ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލިގެން ހޯދަމުން އަންނަ އައިމިނަތު ސިމާގެ މައްސަލަ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މެންޑޭޓުގައި ނުހިމެނޭ ކަމަށް އެކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވުމާ ގުޅިގެން ގިނަބައެއްގެ ސުވާލު އުފެދިއްޖެއެވެ.

https://twitter.com/hsuood/status/1172516482812530688?s=20

ވީނުވީނޭނގި ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދައިފައިވާ ރިޔާސީ ކޮމިޝަނުން ސިމާގެ ގެއްލުނު މައްސަލަ، ބަލާނެ ކަމަށް އުއްމީދު ކުރާކަމަށް ބުނެ މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުން ސުއޫދު ވިދާޅުވީ ޝިމާގެ މައްސަލައަކީ އެކޮމިޝަންގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫންކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މެންޑޭޓުގައި ހިމެނެނީ، 2012 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 2018 ވަނައަހަރުގެ ނޮވެމްބަރ 17 އާ ދޭތެރޭގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ތަޙްޤީޤު ކުރުމެވެ. ސިމާގެ މައްސަލަ މަރު ކޮމިޝަންގެ މެންޑޭޓުގެ ތެރޭގައި ނުހިމެނުނީ އޭނާ ގެއްލިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށްވާތީއެވެ.

ސިމާ ގެއްލުނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރެއެވެ. މިހާތަނަށް ސިމާގެ އެއްވެސް ހަބަރެއް ވެފައެއް ނުވެއެވެ. ސިމާ ގެއްލުނީ ލ.ކައްދޫއިން ފުރައިގެން އެ އަތޮޅު މާމެންދޫއަށް ޑިންގީ އެއްގައި ދަތުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައިގެން ކަމަށް އެ ޑިންގީގައި އޭނާއާއި އެކު ދަތުރު ކުރި އިބްރާހީމް ފަޒީލު ވަނީ ބުނެފައެވެ.

ނޫސްވެރިޔާ ރިޟްވާން ޢަބްދުﷲގެ މަރާ ގުޅޭ ގޮތުން ދާދި ފަހުން ބޭއްވި ނޫސްކޮންފަރެންސެއްގައި ކޮމިޝަންގެ ރައީސް ސުޢޫދު ވިދާޅުވީ ، ގޮތް ނޭނގޭ މަރުތަކާ ބެހޭ 27 މައްސަލަ އެއް އެކޮމިޝަނުން ބަލަމުންދާކަމަށެވެ. މަސަކަތް ނިންމާ ނުލެވި ވަނީ ހަތަރު ފަސް މައްސަލައެއްކަމަށް، ސުޢޫދު ފާހަގަކުރެއްވިއެވެ. ނުވަމަސް ދުވަސް ތެރޭގައި ކުރެވިފައިވާ މަސައްކަތްޕުޅާމެދު ހިތް ހަމަ ޖެހިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

" ނުވަ މަސް ދުވަހުގެ ތެރޭގައި ކުރެވުނީ ކާމިޔާބު މަސައްކަތް ތެކެއް. ނުވަމަސް ދުވަސް 27 ން ގެއްލައިފިނަމަ، މިމައްސަލަ ބެލުމަށް ހޭދަވި ވަގުތަކީ ކުޑަވަގުތެއްކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑުމެންގެ (ކޮމިޝަންގެ) މަސައްކަތް ލަހެއް ނޫން. މި ސަރުކާރުން ޢަދުލު އިންސާފު ހޯދައި ދިނުމަށް އަޅުގަނޑުމެންނާ ޙަވާލުކޮށްފައިވާ މަސައްކަތް އަޅުގަނޑުމެނަށް ކާމިޔާބު ކަމާއެކީ ކުރެވޭ" ރިޔާސީ ކޮމިޝަންގެ މަސައްކަތާ ބެހޭގޮތުން އެކޮމިޝަންގެ ރައީސް ޙުސްނު ސުޢޫދު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.