ދީނަކީ ލުއި އެއްޗެއް
ޙައްޤު ބުރަ ކަމެއް ކަމުގައި ވިޔަސް އެއީ ތެދުމަގަށް ތަބާވާ ނަފްސަކަށް ލޮބުވެތި އެއްޗެކެވެ. ޙައްޤު ބުރަ ކަމަކަށް ވިޔަސް ކޮންމެ ބުރަ ކަމަކީ ޙައްޤެއް ނޫނެވެ. އަދި ކޮންމެ ލުއިފަސޭހަ ކަމަކީ ބާޠިލު ކަމެއްވެސް ނުމެނޫންމެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. " ތިމަންކަލޭގެފާނު ނަބީކަމާއިގެން ފޮނުއްވުނީ ލުއިފަސޭހަ ތެދު ދީނާއިގެންނެވެ. "
މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވިއެވެ. ދުނިޔެއިން ތިބާގެ ނަފްސަށް ޙާޞިލުކޮށް ދެވުނު އެންމެ ބޮޑު ކަމަކީ ލައްޒަތެއްގެ މީރުކަން ޙާޞިލުކުރުން ނުވަތަ ރުޅިވެރި ކަމަކުން ޝިފާ ހޯދުން ކަމުގައި ނަހަދާށެވެ. އެހެނެއް ކަމަކު އެއީ ބާޠިލުކަމެއް ނިއްވައިލުމެއް ކަމުގައި ، ނުވަތަ ޙައްޤެއް ދިރުވުން ކަމުގައި ހަދާށެވެ.
އެހެންކަމުން ޙައްޤަކީ ކޮބައިތޯ ބަލައިލަން އެބަ ޖެހެއެވެ. ދުނިޔޭގައި ޙައްޤު ލިބޭތޯ ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ. އާޚިރަތުގައި މަތިވެރި ﷲ އެންމެންނަށް ޙައްޤު ދެއްވާނެތެވެ. އެދުވަހު އެއްވެސް މީހަކަށް އެއްވެސް ކަހަލަ އަނިޔާއެއް ތަޙައްމުލު ކުރާކަށް ނުޖެހޭނެއެވެ. އަރަހުށި ﷲގެ ބަސްފުޅަކީ ((يَوْمَ نَدْعُو كُلَّ أُنَاسٍ بِإِمَامِهِمْ فَمَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَأُولَـٰئِكَ يَقْرَءُونَ كِتَابَهُمْ وَلَا يُظْلَمُونَ فَتِيلًا[1] - ކޮންމެ ބަޔަކަށްމެ، އެބަޔެއްގެ އިމާމުގެ ނަމުން ތިމަންރަސްކަލާނގެ ގޮވައިލައްވާނޭ ދުވަސް ހަނދުމަކުރާށެވެ! ފަހެ، އެމީހެއްގެ ފަތް އެމީހެއްގެ ކަނާތަށް ލިބިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެން، އެއުރެންގެ ފަތް ކިޔާނެތެވެ. އަދި އެއުރެންނަށް ކިތަންމެ ކުޑަ މިންވަރަކުންވިޔަސް، ބޭއިންސާފެއް ނުކުރައްވާނެތެވެ.))
ޙައްޤަކީ ޞަޙީޙު ސާބިތު ގޮތެވެ. ބާޠިލަކީ ސާބިތުނޫން ކުށް ގޮތެވެ. އެހެންކަމުން ޙައްޤަކީ ފިކްރީ ޙަޔާތާއި ޢިލްމީ ޙަޔާތުގެ ހުރިހާ ކަމެއް އޭގައި ޝާމިލުވާ އެއްޗެކެވެ. ޙައްޤު ފިކްރާއި ބާޠިލު ފިކްރު ވެއެވެ. ޙައްޤު ބަހާއި ބާޠިލު ބަސް ވެއެވެ. ޙއްޤު ޢަމަލާއި ބާޠިލު ޢަމަލު ވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވަނީ "މި ދުނިޔެ މަތީގައި ޙައްޤާއި ބާޠިލު ވާތީ ، އެއިން ކޮންމެ ކަމަކަށް ވެސް އަހްލުންތަކެއް ވެއެވެ."
އިންސާނާގެ މައްޗަށް ވާޖިބުވެގެން ވަނީ ކޮންމެ ކަމެއްގައި ވެސް ޙައްޤަށް ތަބާވުމެވެ. ބާޠިލު ފިކްރަށް އަޅުވެތިނުވުމެވެ. އެއީ އޭނާގެ ނަފްސަށް އޮޅުވައިލެވޭ ކަމަކަށްވާތީއެވެ. ކާފިރުން އެމީހުންގެ އަމިއްލަ ނަފްސަށް އޮޅުވައިލާ އާޚިރަތް ދުވަހަކީ އޮތް ދުވަހެއް ނޫންކަމަށް ބުންޏެވެ. އެމީހުން އަލުން ދިރޭނޭ ދުވަހެއް އޮތްކަމެއް ބަލައެއް ނުގަތެވެ. އެމީހުން މި ދުނިޔޭގައި ކުޅަ ޢަމަލުތަކުގެ ޙިސާބު ބެލެވޭނޭ ދުވަހެއް އަންނާނޭ ކަން ޤަބޫލެއް ނުކުރިއެވެ. އެމީހުންގެ ބާޠިލު ޢަޤީދާ ދޫކޮށް ނުލައި ކުރިއަށް ދިޔައެވެ. އެމީހުންނަށް ކުއްލިއަކަށް ޙައްޤާ ކުރިމަތިލާން ޖެހޭނެއެވެ. އޭރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَيَوْمَ يُعْرَضُ الَّذِينَ كَفَرُوا عَلَى النَّارِ أَلَيْسَ هَـٰذَا بِالْحَقِّ ۖ قَالُوا بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْفُرُونَ[2] - ކާފިރުވިމީހުން ނަރަކަޔަށް ހުށަަހަޅުއްވާދުވަހު (އެއުރެންނަށް އަންގަވާނެތެވެ.) މިއީ ޙައްޤު ތެދުކަމުގައި ނުވޭހެއްޔެވެ؟ އެއުރެން ބުނާނެތެވެ. އެހެންނަކުންނޫނެވެ! އަހަރެމެންގެ ވެރިރަސްކަލާނގެ ގަންދީބުނަމެވެ. (މިއީ ޙައްޤު ތެދެވެ.) އެކަލާނގެ ވަޙީ ކުރައްވާނެތެވެ. ފަހެ، ތިޔަބައިމީހުން ކާފިރުވެ އުޅުނުކަމަށްޓަކައި ވޭންދެނިވި އަޒާބުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!))
ޙައްޤުގެ މިންގަނޑު
ޙައްޤަކީ ކޮބައިކަން އެނގެން ޖެހޭއިރު ޙައްޤު ވަކިކޮށް ދެނެގަނެވޭނެ މިންގަނޑަކީ ކޮބައި ބާވައެވެ! އެންމެން ވެސް ނުވަތަ ގިނަ ބަޔަކު ޙައްޤަށް ތަބާވާން ބޭނުން ވެއެވެ. ޙައްޤަށް ލޯބި ކުރެއެވެ. މަސްއަލައަކީ ޙައްޤު ދެނެގަތުމުގެ މަގު ނޭނގޭކަމެވެ. ޙައްޤު ދެނެގަންނާނެ ގޮތްތައް ނޭނގޭކަމެވެ. ލޭގެ ޕްރެޝަރު ބަލާނެ ގޮތް އެނގެއެވެ. ލޭގައި ހަކުރު ހުންނަ މިންވަރު ދެނެގަނެވޭނެ ލޭގެ ތަޙްލީލުތައް އެބަ ހުށްޓެވެ. ނަމަވެސް ޙައްޤާ ބާޠިލު ވަކިކޮށްދޭނެ ކަށިގަނޑެއް ނުވަތަ އާލަތެއް ނެތެވެ. ޙައްޤާއި ބާޠިލު އެނގޭނީ މާތް ﷲގެ ބަސްފުޅުތަކުންނެވެ. އެހެނީ އެކަލާނގެއަކީ ޙައްޤެވެ. ﷲގެ މިންގަނޑުތަކާ ދުރުހެލިވެ ގިނަ ބަޔަކު ބޭނުން ކުރަނީ ނުބައި މިންގަނޑުތަކެކެވެ. އެމީހުން ޤަބޫލު ކުރާ ގޮތުގައި އެމީހުންގެ ގޮތަކީ ރަނގަޅު ގޮތެވެ. އެކަމަކު ކީރިތި ޤުރްއާން ސިފަކުރާ ގޮތުގައި އެއީ ގެއްލެނިކަން އެންމެ ބޮޑު މީހުންނެވެ. ﷲ ޢައްޒަ ވަ ޖައްލަ ވަޙީ ކުރެއްވިއެވެ. ((قُلْ هَلْ نُنَبِّئُكُم بِالْأَخْسَرِينَ أَعْمَالًا ﴿١٠٣﴾ الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا [3]- ކަލޭގެފާނު ވިދާޅުވާށެވެ! ޢަމަލުތައް އެންމެބޮޑަށް ގެއްލެނިވެގެންވާ މީހުންގެ ޚަބަރު، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައިދެއްވަން ހެއްޔެވެ؟ އެއުރެންނަކީ ދުނިޔަވީ ޙަޔާތުގައި، އެއުރެންގެ ޢަމަލުތައް ބާޠިލްވެ، ގެއްލިފައިވާ މީހުންނެވެ. އަދި އެއުރެން ރަނގަޅަށް ކަންތައްކުރާކަމަށް އެއުރެން ހީކުރެތެވެ.))
ޙައްޤު ދެނެގަތުމުގެ މިންގަނޑަކީ ވޯޓު ގިނަވުންތޯއެވެ ؟ ނުވަތަ ތަބާވާ މީހުން ގިނަވުންތޯއެވެ؟ ގިނަ ބަޔަކު މިއަދު ޤަބޫލު ކުރާ ގޮތުގައި ޙައްޤު އޮންނާނީ އަޣުލަބިއްޔަތާއެކުގައެވެ. ނަމަވެސް އިސްލާމްދީން މި މިންގަނޑު ޤަބޫލެއް ނުކުރެއެވެ.މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَأَكْثَرُهُمْ لِلْحَقِّ كَارِهُونَ[4] - އަދި އެއުރެންކުރެ ގިނަމީހުންނީ، ޙައްޤަށް ނުރުހޭބަޔެކެވެ.)) އެހެން އާޔަތެއްގައި އެންގެވިއެވެ. ((وَمَا أَكْثَرُ النَّاسِ وَلَوْ حَرَصْتَ بِمُؤْمِنِينَ[5] - އަދި ކަލޭގެފާނު ކިތަންމެވަރަކަށް ޝަވްޤުވެރިވެވަޑައިގަތަސް، މީސްތަކުންކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައެއް ނުވެތެވެ.)) އަދި ވެސް ވަޙީ ކުރެއްވިއެވެ. ((وَإِن تُطِعْ أَكْثَرَ مَن فِي الْأَرْضِ يُضِلُّوكَ عَن سَبِيلِ اللَّـهِ[6] - އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން اللَّه ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ.)) އަބޫ ޛައްރިލް ޣިފާރީއަށް އަލްވަދާޢު ދަންނަވަމުން ޢަލީގެފާނު ވިދާޅުވިއެވެ. "ޙައްޤުގެ މަގުގައި އޭގެ އަހްލުވެރީން ކިތަންމެ މަދުވިޔަސް ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ!"
ޙައްޤު ދެނެގަތުމުގެ މިންގަނޑަކީ މުޖްތަމަޢުގެ ބޮޑުންނާއި ޤައުމުގެ އިސްވާރުންގެ ރައުޔު ތޯއެވެ؟ މި ޒަމާނަށް ބަލާއިރު ކުރިމަތިވި މަސްއަލައެއްގައި ޙައްޤަކީ ކޮބައިތޯ ބަލަން ވެއްޖެނަމަ އަޅުގަނޑުމެން ދާނީ މުޖްތަމަޢުގެ ބޮޑުންގެ އަރިހަށެވެ. ޕާޓީގެ ޒަޢީމުގެ އަރިހަށެވެ. އޮފީހުގެ ވެރިޔާގެ އަރިހަށެވެ. އެ ކަމުގައި އެ ބޭފުޅުން ވިދާޅުވާ ބަސްފުޅަކީ ޙައްޤެވެ. އެއީ ރަނގަޅު ގޮތެވެ. އެކަމަކު މިއީ ވެސް ރަނގަޅު މިންގަނޑެއް ނޫނެވެ. އެއީ އެކަމުގެ ޙަޤީޤަތް ނުބައްލަވައި އެ ޒަޢީމުގެ ނުވަތަ ޕާޓީގެ މަޞްލަޙަތާ އެއްގޮތަށް ބަސްވިދާޅުވެ ދާނެތީއެވެ. މާތް ﷲ ކީރިތި ޤުރްއަނުގައި ވަޙީ ކުރެއްވިއެވެ. ((يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّـهَ وَأَطَعْنَا الرَّسُولَا ﴿٦٦﴾ وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا[7] – އެއީ، އެއުރެންގެ މޫނުތައް، ނަރަކައިގައި ފުރޮޅަފުރޮޅައި ތިބޭ ދުވަހެވެ. އެއުރެން ބުނާނެތެވެ. ތިމަންމެން اللَّه އަށް ކިޔަމަންވެ، އަދި (އެކަލާނގެ) ރަސޫލާއަށް ކިޔަމަންވީނަމަ ކިހާރަނގަޅު ހެއްޔެވެ! އަދި އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެންގެ ސާހިބުންނަށާއި، އަޅަމެންގެ ބޮޑުންނަށް، އަޅަމެން ކިޔަމަންވީމުއެވެ. ފަހެ، އެއުރެން އަޅަމެން މަގުފުރެއްދީއެވެ.))
ޙައްޤު ދެނެގަތުމުގެ މިންގަނޑަކީ ކާބަފައިން ހެއްޔެވެ؟ ގިނަ ބަޔަކު ކޮޕީ ކުރާނީ މައިންބަފައިން އުޅޭ ގޮތެވެ. މައިންބަފައިން ތަބާވާ ކޮންމެ ތަބާވުމަކީ ޙައްޤު ބާވައެވެ؟ ބައްޕައާއި މަންމައަކީ މުސްލިމެއް ކަމުގައިވާނަމަ އެ ދެމީހުންގެ ދަރިން މުސްލިމުންނަށް ވާނެހެއްޔެވެ؟ މިއީވެސް ޙައްޤު ދެނެގަތުމަށް އޮތް މިންގަނޑެއް ނޫނެވެ. މާތް ﷲ ކޮންމެ އިންސާނަކަށް ވަނީ ބުއްދިއާއި ހަމަވިސްނުން ދެއްވައިފައެވެ. މާތް ﷲ ކީރިތި ޤުރްއާނުގައި ވަނީ ލޯމަރާލައިފާ މައިންބަފައިންނާ ތަބާ ނުވުމަށް އަންގަވައިފައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((إِنَّا وَجَدْنَا آبَاءَنَا عَلَىٰ أُمَّةٍ وَإِنَّا عَلَىٰ آثَارِهِم مُّقْتَدُونَ[8] - ހަމަކަށަވަރުން، ތިމަންމެންގެ ކާބަފައިން ދީނެއްގެ މަތީގައި ވަނިކޮށް ތިމަންމެން ދުށީމުއޭ އަދި ހަމަކަށަވަރުން، އެއުރެންގެ އަސަރުތަކުގެ މަތީގައި ތިމަންމެން ތަބަޢަ ވެގެން ހިނގަމުއޭ ނުބުނާ އެއްވެސް ރަށަކަށް އިންޒާރު ކުރެއްވުމަށް ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ އެއްވެސް ރަސޫލަކު ނުފޮނުއްވަމެވެ.)) އިސްލާމީ ދަޢުވަތުގެ ކުރީކޮޅަށް ބަލާއިރު އަޅުގަނޑުމެންނަށް ފެންނަނީ ރަސޫލާގެ މިތުރު ޞަޙާބީން އެބޭކަލުންގެ މައިންބަފައިންގެ ރައުޔާ ދެކޮޅު ހެއްދެވި ތަން އެކަންޏެއް ނޫނެވެ. އޭގެއިތުރަށް އެބޭކަލުން ރަސޫލާގެ އަރިހުގައި ކާބަފައިންނާއި އަޚުންނާއި ބޮޑުބޭބެއިންނާ ދެކޮޅަށް ޖިހާދު ކުރައްވައި ހަނގުރާމަ ވެސް ކުރައްވާފައިވާ ތަން ފެނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّـهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ [9] - اللَّه އަށާއި، އާޚިރަތްދުވަހަށް އީމާންވާ މީހުންނީ، اللَّه އާއި، އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ އަޚުންން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ.))
ޙައްޤު ދެނެގަތުމަށް އޮތް މިންގަނޑެއްކަމުގައި މި ކަންކަން ނުވާއިރު ޙައްޤު ދެނެގަތުމަށް ލިބިގެންވާ ޞައްޙަ މިންގަނޑަކީ ކޮބައި ހެއްޔެވެ؟ މާތް ﷲ ބަޔާން ކުރައްވާފައިވާ ގޮތުގައި ޙައްޤު ދެނެގަތުމަށް ޝަރްޢުގައި އޮތް ދެ މިންގަނޑަކީ ﷲގެ ވަޙީ ބަސްފުޅާއި ، ﷲ މީސްތަކުންނަށް ދެއްވި ހަމަބުއްދިއާއި ވިސްނުމެވެ. ޙައްޤު މަގު ދެނެގަތުމަށް ޓަކައި ބުއްދީގެ ބޭނުން ކުރުމަށް މާތް ﷲ ކީރިތި ޤުރްއާނުގައި ގޮވައިލައްވާފައި ވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ރިސާލަތާމެދު ޝައްކުކުރަމުން ދިޔަ މީހުންނަށް ވިސްނައި ފިކްރުކޮށް އެކަލޭގެފާނުގެ ނަބީކަމުގެ ތެދުދޮގު ބެލުމަށް މާތް ﷲ ގޮވައިލެއްވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ((قُلْ إِنَّمَا أَعِظُكُم بِوَاحِدَةٍ أَن تَقُومُوا لِلَّـهِ مَثْنَىٰ وَفُرَادَىٰ ثُمَّ تَتَفَكَّرُوا مَا بِصَاحِبِكُم مِّن جِنَّةٍ إِنْ هُوَ إِلَّا نَذِيرٌ لَّكُم بَيْنَ يَدَيْ عَذَابٍ شَدِيدٍ[10] - ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން، ތިޔަބައިމީހުންނަށް ނަސޭހަތްތެރިވާކަން ކަށަވަރީ، އެންމެކަމަކަށެވެ. (އެއީ) ތިޔަބައިމީހުން ދޭދޭމީހުންނާއި، ވަކިވަކިން اللَّه އަށްޓަކައި (ޙައްޤު މަގު ހޯދުމުގައި) ޤާއިމްވެ ތިބުމަށެވެ. ދެން ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށެވެ. ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: މުޙައްމަދުގެފާނު) ގެ ކިބައިގައި އެއްވެސް މޮޔަކަމެއްނެތެވެ. ގަދަވެގެންވާ އެ ޢަޒާބެއްގެ ކުރިން އެއާމެދު ތިޔަބައިމީހުންނަށް ބިރުވެރިކަމުގެ ޚަބަރު ދެއްވާ ރަސޫލަކުކަމުގައި މެނުވީ އެކަލޭގެފާނު ނުވެތެވެ.))
ވަޙީއަކީ ޙައްޤު މިންގަނޑު
ޙައްޤު ދެނެގަތުމަށް ލިބިގެންވާ އެންމެ މުހިއްމު މިންގަނޑަކީ ވަޙީއެވެ. ނުވަތަ ﷲގެ ބަސްފުޅުތަކެވެ. ﷲ ގެ ބަސްފުޅުތައް މީސްތަކުންނާ ހަމައަށް އަންނާނީ ރަސޫލުބޭކަލުން މެދުވެރި ކުރައްވާ ބާވައިލައްވައި ވަޙިގެ ޒަރީޢާއިންނާއި މާތް ﷲ އިލްހާމު ކުރައްވާ އިލްހާމުގެ ތެރެއިންނެވެ. ﷲގެ ޙަޟްރަތުން މި އަންނަ ވަޙީ ބަސްފުޅަކީ ޙައްޤެވެ. މާތް ﷲގެ ބަސްފުޅަކީ ((الْحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ الْمُمْتَرِينَ[11] - (އެއީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުންވާ ޙައްޤު ތެދުބަސްފުޅެވެ. ފަހެ، ޝައްކުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!))
ރަސޫލާއާ ބެހޭގޮތުން މާތް ﷲ ވަޙީ ކުރެއްވިއެވެ. ((يَا أَيُّهَا النَّاسُ قَدْ جَاءَكُمُ الرَّسُولُ بِالْحَقِّ مِن رَّبِّكُمْ [12] - އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ޙައްޤު ދީނާއިގެން ރަސޫލާ ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ.))
ޙައްޤު ހޯދުމަށް މަސައްކަތް ކުރުން
އިންސާނާއަށް ދުނިޔެއާއި އާޚިރަތުގެ އަމާންކަން ހޯދުމަށް ޓަކައި ޙައްޤު ދެނެގަންނަން ޖެހެއެވެ. ޙައްޤު ހޯދުމަށް މަސައްކަތްކުރަން ޖެހެއެވެ. އަދި ޙައްޤު އެނގުމުން އެ ޙައްޤަށް ތަބާވަން ޖެހެއެވެ.
ޙައްޤާއި ބާޠިލާ ދެމެދުގައި ހިނގަމުންދާ އަރާރުމަށް ނިމުމެއް ނެތެވެ. މި ހަނގުރާމައިގައި ކިތަންމެ ވަރަށް ބާޠިލަށް ކާމިޔަބު ލިބުނަސް އާޚިރުގައި ކާމިޔާބު ލިބޭނީ ޙައްޤަށެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((إِنَّا لَنَنْصُرُ رُسُلَنَا وَالَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا وَيَوْمَ يَقُومُ الْأَشْهَادُ [13] - ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ރަސޫލުންނަށާއި، އީމާންވި މީހުންނަށް، ދުނިޔޭގެ ޙަޔާތުގައްޔާއި، ހެކިންތައް ތެދުވާ ދުވަހުގައި (އެބަހީ: ޤިޔާމަތްދުވަހުގައި) ނަޞްރު ދެއްވާހުށީމެވެ.))
ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހު މުރްތައްދުވި މީހުންނާ ދެކޮޅަށް ކުރެވުނު ހަނގުރާމަތަކުގައި އެންމެ ފަހުން ކާމިޔާބު ލިބުނީ މުސްލިމުންނަށެވެ. ފާރިސީންނައި ރޯމަނުން އިސްލާމްދީން ފުހެލުމަށް ޓަކައި މުސްލިމުންނާ ދެކޮޅަށް ކުރި ހަނގުރާމަތައް ނިމިގެން ދިޔައީ މުސްލިމުންނަށް ލިބުނު ބޮޑު ނަޞްރަކާއި ކާމިޔާބީއަކުންނެވެ. އެ ހިސާބުން އިސްލާމީ ދައުލަތް ދުނިޔޭގެ އެންމެ ބާރުގަދަ ދައުލަތަށް ވެ އިސްލާމީ ޙަޟާރަތާއި ރަށްވެހިކަމުގެ އަލިގަދަ ދަންމަރުން މުޅި ދުނިޔެ އަލިވެގެން ދިޔައެވެ.
ބައެއްފަހަރަށް ބާޠިލު ކަމުގެ ރިދާއިން ޙައްޤު ވަންހަނާ ކުރެވިގެން މީސްތަކުންގެ ތެރެއަށް ނުކުމެއެވެ. މިއަދު މިނިވަންކަމާއި އެއްބައިވަންތަކަމާއި ޢަދްލުއިންޞާފުގެ ނަމުގައި އުފުލިފައިވާ ވަރަށް ރީތި ޝިޢާރުތައް ފެނެއެވެ. މި ޝިޢާރުތަކުގެ އަމާޒަކީ ވަރަށް މާތް އަމާޒުތަކެކެވެ. ނަމަވެސް މި ޝިޢާރުތައް އުފުލާމީހުން މިޝިޢާރުތައް އުފުލަމުން ދަނީ ބާޠިލު ލަނޑުދަނޑިތަކަކަށް ޓަކައެވެ. މި ފަދަ ޝިޢާރުތަކުގެ ބެބުޅުމުގެ ތެރޭގައި ހެއްލެނިވެގެން ނުގޮސް ވޭތޯ މަސައްކަތް ކުރަން ޖެހޭނެއެވެ. އިސްލާމީ އުއްމަތް ދުށް ބޮޑެތި ފިތުނަތަކުގެ ތެރެއިން އެއް ފިތުނައަކީ ޚަވާރިޖުންގެ ފިތުނައެވެ. އެމީހުން އުފުއްލި ޝިޢާރަކީ ((لاَ حُكْمَ إِلَّا لِلَّهِ – ﷲގެ ޙުކުން މެނުވީ އެހެން ޙުކްމެއް ނުވެއެވެ.)) މި ބައިމީހުން މި ޝިޢާރު އުފުލުމުން ޢަލީގެފާނު ވިދާޅުވީ ((كلمةُ حقٍ ُيَرادُ بِهَا باطلٌ – އެއީ ބާޠިލު ކަމަކަށް އެދި އުފުލުނު ޙައްޤު ބަހެކެވެ.))
އިންސާނާއަށް ޙައްޤު އެނގިއްޖެނަމަ އެ ޙައްޤަށް ތަބާވުން އޭނާގެ މައްޗަށް ވާޖިބުވާނެއެވެ. މިހެންވެ ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޝަރީޢަތުގައި ޤާޟީގެ ކުރިމަތީގައި ހެކިބަސް ދެވުނަސް އެ ހެކި ބަހަކީ ޤާޟީއަށް އެނގިފައިވާ ޙައްޤު ގޮތާ ޚިލާފު ކަމެއް ކަމުގައިވާނަމަ އެ މަސްއަލައިގައި އެ ހެކިބަހާ އެއްގޮތަށް ޤާޟީ ޙުކުންކޮށް ނިޔާ އިއްވައިގެން ނުވާނެއެވެ.އެއީ އޭނާއަށް އެނގިހުރެ ޙައްޤާ އެއްކިބާވެވޭތީއެވެ. މިސާލަކަށް އަންހެނަކާއި ފިރިހެނަކު ކާވެނިކުރަން އުޅޭއިރު އެ ދެމީހުންނަކީ އެއްކިރުވުމުގެ ސަބަބުން ކާވެނި ޙަރާން ދެމީހުން ކަން ޤާޟީއަށް އެނގޭނަމަ އޭނާ އެ ކާވެނިކޮށްދީގެން ނުވާނެއެވެ.
ފަރްދުންގެ ޒިންމާ
މި ވާހަކަތަކުން އެނގޭގޮތުގައި ޙައްޤަށް ތަބާވުމުގައި ކޮންމެ ފަރްދަކު އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކެއް ވެއެވެ، އެއީ
- ޙައްޤު ހޯދުމަށް ޓަކައި މަސައްކަތް ކުރުން ވާޖިބު ވުން
- ޙައްޤު އެނގުމަށް ފަހު ޙައްޤަށް ތަބާވުން
- ޙައްޤާއެކު ޙައްޤުގެ މައިދާނުގައި ސާބިތުކަމާއެކު ހުރުން. ޙައްޤާ ބާޠިލާ ދެމެދުގައި އަރައިރުންތައް ހިނގަމުންދާއިރު ކުޅި ބަލަން ހުރެގެން ނުވާނެއެވެ.
މަޤާމާއި އިމްތިޔާޒުތަކަކީ ޙައްޤު ޙާޞިލުކުރުމަށް އެހީވެދޭ ވަސިލަތްތަކެކެވެ. މި ވަސީލަތްތައް އަމާޒަކަށް ވެއްޖެނަމަ އެއީ އިންސާނާގެ ހަލާކެވެ. އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބުނުލް ޢައްބާސުގެފާނު އެއްދުވަހަކު ، ޢަލީގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. އެ ވަގުތު ޢަލީގެފާނު ހުންނެވީ އެކަލޭގެފާނުގެ ފައިވާންޖޯޑުކޮޅު މަރާމާތު ކުރައްވާށެވެ!އެކަލޭގެފާނު ތިމަންކަލޭގެފާނަށް ވިދާޅުވިއެވެ. މި ފައިވާންޖޯޑުގެ އަގަކީ ކިހާވަރެއް ތޯއެވެ؟ ތިމަންކަލޭގެފާނު ދެންނެވީމެވެ. އެއްވެސް އަގެއް ނެތެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. މާތްﷲ ގަންދީ ވިދާޅުވަމެވެ. ޙައްޤު ޤާއިމު ނުކުރެއްވޭނަމަ ނުވަތަ ބާޠިލު ދިފާޢު ނުކުރެއްވޭނަމަ، ތިޔަބައިމީހުންގެ މި ވެރިކަމަށްވުރެ މިފައިވާންޖޯޑުގެ ލޮބުވެތިކަން ތިމަންކަލޭގެފާނަށް މާ ބޮޑެވެ.
[1] - الإسراء : 71
[2] - الأحقاف : 34
[3] - الكهف : 103- 104
[4] - المؤمنون : 70
[5] - يوسف : 103
[6] - الأنعام : 116
[7] - الأحزاب : 66-67
[8] - الزخرف : 23
[9] - المجادلة : 22
[10] - سبأ : 46
[11] - البقرة : 147
[12] - النساء : 170
[13] - غافر: 51