މާތްﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެފާނާއި ޙުޛައިފަތު ބުނުލް ޔަމާނުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. (( الحَقُّ ثَقِيلٌ وَهُوَ مَعَ ثِقَلِهِ مَرِيءٌ، والبَاطِلُ خَفِيفٌ وَهُوَ مَعَ خِفَّتِهِ وَبِيءٌ، وَتَرْكُ الخَطِيئَةِ أَيْسَرُ مِنْ طَلَبِ التَّوْبَةِ، وَرُبَّ شَهْوَةِ سَاعَةٍ أَوْرَثَتْ حُزْنًا طَوِيلًا [1] – ޙައްޤަކީ ބުރަ އެއްޗެކެވެ. އޭގެ ބުރަކަމާއެކުގައި ވެސް އެއީ ޢާފިޔަތެކެވެ. ބާޠިލަކީ ލުއި އެއްޗެކެވެ. އޭގެ ލުއިކަމާއެކުގައި ވެސް އެއީ ވަބާއެކެވެ. ތައުބާއަށް އެދުމަށްވުރެ ކުށް ފާފަތަކަށް އަރައިގަތުމާ ދުރުހެލިވުން ލުއިކަން ބޮޑު ވެގެން ވެއެވެ.))
- އަލްއިމާމުލް ޣަޒާލީގެ މަޝްހޫރު ފޮތެއް ކަމުގައިވާ " އިޙްޔާއު ޢުލޫމިއްދީނި" ގައި އައިސްފައިވާ ގޮތުގައި، މާތް ﷲ ރުއްސުންލެއްވި އަބޫބަކްރުގެފާނު ، މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނަށް ވަޞިއްޔަތް ކުރެއްވިއެވެ. (( الحَقُّ ثَقِيلٌ، وَهُوَ مَعَ ثِقَلِهِ مَرِيءٌ، والبَاطِلُ خَفِيفٌ، وَهُوَ مَعَ خِفَّتِهِ وَبِيءٌ - [2] – ޙައްޤަކީ ބުރަ އެއްޗެކެވެ. އޭގެ ބުރަކަމާއެކުގައި ވެސް އެއީ ޢާފިޔަތެކެވެ. ބާޠިލަކީ ލުއި އެއްޗެކެވެ. އޭގެ ލުއިކަމާއެކުގައި ވެސް އެއީ ވަބާއެކެވެ. ))
- އަލްމާވަރްދީ ގެމަޝްހޫރު ފޮތެއް ކަމުގައިވާ " އަދަބުއްދުންޔާ ވައްދީނި" ގައި ލިޔުއްވާފައި ވެއެވެ. މާތްﷲ ރުއްސުންލެއްވި ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވިއެވެ. ((إنَّ هَذَا الْحَقَّ ثَقِيلٌ مَرِيٌّ، وَإِنَّ الْبَاطِلَ خَفِيفٌ وَبِيٌّ، وَتَرْكُ الْخَطِيئَةِ خَيْرٌ مِنْ مُعَالَجَةِ التَّوْبَةِ، وَرُبَّ نَظْرَةٍ زَرَعَتْ شَهْوَةً، وَشَهْوَةِ سَاعَةٍ أَوْرَثَتْ حُزْنًا طَوِيلًا – ހަމަކަށަވަރުން މި ޙައްޤަކީ އެ ކަމުގައި ޢާފިޔަތު އޮތް ބުރަ އެއްޗެކެވެ. އަދި ހަމަކަށަވަރުން ބާޠިލަކީ އެ ކަމުގައި ބަލާވެރިކަން އޮތް ލުއި އެއްޗެކެވެ. ތައުބާއިން ފަރުވާކުރުމަށްވުރެ ކުށް ފާފަތަކަށް އަރައިގަތުމާ ދުރުހެލިވުން ހެޔޮކަން ބޮޑުވެގެން ވެއެވެ.ފަހަރެއްގައި ނަޒަރަކުން ފަޅާ ޝަހްވަތަކުން ، ގަޑިއެއްހާއިރުގެ ޝަހްވަތަކުން ދިގު ހިތާމައެއް ކުރަން ޖެހިދާނެއެވެ.))
މިއީ އެއް އާނގުއަކުން ނުކުމެފައިވާ ޙިކްމަތްތެރި ބަސްތަކެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ތަރްބަވީ މަދަރުސާއިން ތަޢުލީމު ޙާޞިލުކުރެއްވި މި ޚާއްޞަ ދަރިވަރުންގެ ޢިލްމީ ވިސްނުމާއި ފިކްރުގެ ތަނަވަސްކަން ހާމަކޮށްދޭ ބަސްފުޅުތަކެކެވެ. މިއަދުގެ މަޝްހޫރު ނަފްސާނީ ޢިލްމުވެރީންނަށާއި އިޖްތިމާޢީ ޢިލްމުވެރިންނަށް ވެސް މި ބޭކަލުންނަށް ސަނާ ވިދާޅުވަން ޖެހިވަޑައިގަންނަވާނެއެވެ.
މި ބަސްފުޅުތަކުގައި އައިސްފައިވާ ނުކުތާތަކާމެދު ވިސްނަލަމާ ތޯއެވެ؟ ޙައްޤަކީ ބުރަ އެއްޗެކެވެ. އެކަމަކު އެއީ މަޤްބޫލު އެއްޗެކެވެ. އެއީ އެ ހިސާބަށް ވާޞިލު ވުމަށް އެދެވޭ އެއްޗެކެވެ. އެކަމަށް ޓަކައި ނަފްސާއި މާލު ހޭދަ ކުރެވޭ އެއްޗެކެވެ. އިންސާނާގެ ޠަބީޢަތަށް ބަލާއިރު އޭނާގެ ޠަބީޢަތުގައި ވަނީ ރާހަތަށް އެދުމެވެ. ތަކްލީފުތައް ބުރަނުކުރުމެވެ. އޭނާގެ ޠަބީޢަތުގައި ވަނީ ޝަހަވާތްތަކަށް ލެނބުމުގެ ޣަރީޒާއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( زُيِّنَ لِلنَّاسِ حُبُّ الشَّهَوَاتِ مِنَ النِّسَاءِ وَالْبَنِينَ وَالْقَنَاطِيرِ الْمُقَنْطَرَةِ مِنَ الذَّهَبِ وَالْفِضَّةِ وَالْخَيْلِ الْمُسَوَّمَةِ وَالْأَنْعَامِ وَالْحَرْثِ ذَلِكَ مَتَاعُ الْحَيَاةِ الدُّنْيَا وَاللَّهُ عِنْدَهُ حُسْنُ الْمَآَبِ [3] - އަންހެނުންނާއި، ދަރިންނާއި، ރަނާއި، ރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި جمل އާއި، ދަނޑުބިމާއި، މިތަކެއްޗަށް އެދުމުގެ ލޯބި، މީސްތަކުންނަށް زينة ތެރި ކުރެއްވިއެވެ. އެއީ، ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭ ތަކެއްޗެވެ. ނަމަވެސް އެނބުރިދަނިވި ރިވެތިވެގެންވާ ތަންވަނީ اللَّه ގެ حضرة ގައެވެ. )) މިހެންވެ އިންސާނާއަށް އަބަދުވެސް ވަނީ ހަނދާންކޮށްދޭން ޖެހިފައެވެ. ހަވާނަފްސަށް ތަބާވުމާ އެއްކިބާވުމަށާއި، ޝަހަވާތްތެރިކަމުގެ ނުބައިކަމުން ދުރުހެލިވުމަށާއި ، ޙައްޤު މަގަށް އަނބުރާ ދިޔުމަށް ޓަކައެވެ. މިހެންވެ މާތް ﷲ ވަޙީ ކުރެއްވިއެވެ. (( وَذَكِّرْ فَإِنَّ الذِّكْرَىٰ تَنفَعُ الْمُؤْمِنِينَ [4]- ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، مؤمن ންނަށް މަންފާކުރާނޭ ކަމެކެވެ.))
މާތް ﷲ ރުއްސުންލެއްވި ޢައްބާސު ބުނު ޢަބްދުލްމުއްޠަލިބުގެފާނު ވިދާޅުވިއެވެ. (( ތިބާއަށް ދެ ކަމެއް އޮޅިއްޖެނަމަ އޭގެތެރެއިން ތިބާގެ ގާތުގައި އެންމެ ލޮބުވެތިކަން ބޮޑު ކަންތައް ދޫކޮށްލާށެވެ! ތިބާއަށް ބުރަކަން ބޮޑު ކަމުގައި ހިފާށެވެ!)) މިހެންވެ މާތްﷲ ރުއްސުންލެއްވި ޢަލީ ބުނު އަބީޠާލިބުގެފާނު ވިދާޅުވަނީ " ވިސްނާ ފިކްރުކުރާ މީހާއަށް ކަންކަން އެނގޭނެތެވެ."
ބުއްދިވެރިޔާ ދާއިމީ ރާޙަތަށް ޓަކައި ބުރަ ތަޙައްމުލު ކުރުން
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ބުއްދިވެރިޔަކީ ތާއަބަދުގެ ފޮނިމީރު ކަމަށް ޓަކައި ކުޑަ ވަގުތުކޮޅަކަށް ހިތިހަބަރުކަން ތަޙައްމުލު ކުރާނެ މީހެކެވެ. ދާއިމީ ޢިއްޒަތަށް ޓަކައި ގަޑިއެއްގެ އިރަށް ނިކަމެތިކަން ތަޙައްމުލު ކުރާނެ މީހެކެވެ. އެއީ ދިގު މުއްދަތަކަށް ހިތާމަ ވާރުތަ ކޮށްދޭ ވަގުތީ ޝަހަވާތްތަކަށް އިޖާބަ ނުދޭނެ މީހެކެވެ. ބައެއް މީހުން ޝަހަވާތްތަކަށް އިޖާބަދީ އޭގެ ހެއްލުންތަކަށް އަޅުވެތިވުމުގެ ސަބަބުން މުޅި ޙަޔާތް ބަރުބާދުވެގެންދާ ތަން ފެނެއެވެ. އެފަދަ މީހުންނަށް ހޭވަރިކަން ލިބެނީ ވަގުތު ފާއިތުވެގެންދާ ފަހުންނެވެ. ގަދަ ކީރިތިވަންތަ ﷲ ވަޙީ ކުރެއްވިއެވެ. ((قَدْ خَسِرَ الَّذِينَ كَذَّبُوا بِلِقَاءِ اللَّهِ حَتَّى إِذَا جَاءَتْهُمُ السَّاعَةُ بَغْتَةً قَالُوا يَا حَسْرَتَنَا عَلَى مَا فَرَّطْنَا فِيهَا وَهُمْ يَحْمِلُونَ أَوْزَارَهُمْ عَلَى ظُهُورِهِمْ أَلَا سَاءَ مَا يَزِرُونَ [5] - اللَّه އާ ބައްދަލުވާނެ ކަމާމެދު إنكار ކޮށް، ދޮގުކުޅަ މީހުން ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. قيامة ގެ ވަގުތު ކުއްލިއަކަށް އެއުރެންގެ ގާތަށް އަންނަހިނދު އެއުރެން ބުނާނެތެވެ. އަހުރެމެން އެދުވަހާމެދު ކުޅަ إهمال ގެ މައްޗަށް އަހުރެމެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެއުރެން އެހިނދު ތިބޭނީ އެއުރެންގެ ފާފަތައް އެއުރެންގެ ބުރިކަށިތަކުގެ މަތީގައި އުފުލައިގެންނެވެ. ދަންނާށެވެ! އެއުރެން އުފުލާ ކުށްތަކުގެ ނުބައިކަމާއެވެ.))
އެއް ދުވަހަކު ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބަނޑުހައިފުޅުވެގެން ފަރިއްކުޅުއްވާނެ އެއްޗެއް ލިބިވަޑައި ނުގަންނަވައިގެން ބަޑުފުޅުގައި ހިލަގަނޑެއް ބަންނަވައިގެން ޞަޙާބީންގެ އަރިހަށް ވަޑައިގެންނެވުނެވެ. ޞަޙާބީން އެކަމާމެދު ޙައިރާންފުޅުވި ކަން އެނގި ވަޑައިގަތުމުން އެ ބޭކަލުންނާ މުޚާޠަބު ކުރައްވާ ޙަދީސް ކުރެއްވިއެވެ. (( أَلَا رُبَّ نَفْسٍ طَاعِمَةٍ نَاعِمَةٍ فِي الدُّنْيَا جَائِعَةٍ عَارِيَةٍ يَوْمَ القِيَامَةِ، أَلَا رُبَّ مُكْرِمٍ لِنَفْسِهِ وَهُوَ لَهَا مُهِينٌ، أَلَا رُبَّ مُهِينٍ لِنَفْسِهِ وَهُوَ لَهَا مُكْرِمٌ، أَلَا وَإنَّ عَمَلَ الْجَنَّةِ حَزْنٌ بِرَبْوَةٍ، أَلاَ إِنَّ عَمَلَ النَّارِ سَهْلٌ بِسَهْوَةٍ، أَلَا رُبَّ شَهْوَةِ سَاعَةٍ أَوْرَثَتْ حُزْنًا طَوِيلًا- ފަހެ ދަންނާށެވެ! މި ދުނިޔޭގައި ބަނޑުފުރައި ކައިގެން އަރާމުގައި އުޅުނު މީހާއަށް ޤިޔާމަތްދުވަހު ހައިހޫނުކަމާއި އުނުއޮރިޔާން ޙާލުގައި ހުންނަން ޖެހިދާނެތެވެ. ފަހެ ދަންނާށެވެ! ޢިއްޒަތްތެރި މާތް މީހާ އިހާނެތި ނިކަމެއްޗަކަށް ވެދާނެތެވެ. ފަހެ ދަންނާށެވެ! ނިކަމެތި އިހާނަތްތެރި މީހާ ޢިއްޒަތްތެރި މާތް މީހަކަށް ވެދާނެތެވެ. ފަހެ ދަންނާށެވެ! ހަމަކަށަވަރުން ސުވަރުގޭގެ ޢަމަލަކީ އުސް ބިމެއްގައި އޮތް ބުރަ ކަމެކެވެ. އަދި ފަހެ ދަންނާށެވެ! ހަމަކަށަވަރުން ނަރަކައިގެ ޢަމަލަކީ ތިރި ބިމެއްގައި އޮތް ލުއި ފަސޭހަ ކަމެކެވެ. ފަހެ ދަންނާށެވެ! ޝަހްވަތްތެރިކަމުގެ ކުޑަ ވަގުތުކޮޅެއްގެ ސަބަބުން ދިގު މުއްދަތަކަށް ހިތާމަ ކުރަން ޖެހިދާނެތެވެ.))
އިބްނުލް ޤައްޔިމުގެ މަޝްހޫރު ފޮތެއް ކަމުގައިވާ " ރައުޟަތުލް މުޙިއްބީން " ގައި ލިޔުއްވާފައި ވެއެވެ. " ކޮންމެ އަޅަކަށް ފެށުމަކާއި ނިމުމެއް ވެއެވެ.އެމީހެއްގެ ފެށުމަކީ ހަވާނަފްސަށް ތަބާވުން ކަމުގައި ވާނަމަ އޭނާގެ ނިމުން އޮންނަނީ ނިކަމެތިކަމާއި ބޭއިޙްތިރާމުކަމާއި ޙިރްމާނާއި ބަލާވެރިކަމުގެ މަތީގައެވެ. "
މީޒާނުގެ ބަރުކަން އޮންނާނީ ދުނިޔޭގައި އުފުލި ޙައްޤުގެ ބުރަދަން މަތީގައި
މަތް ﷲ ވަޙީ ކުރެއްވިއެވެ. (( وَالْوَزْنُ يَوْمَئِذٍ الْحَقُّ ۚ فَمَن ثَقُلَتْ مَوَازِينُهُ فَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿٨﴾ وَمَنْ خَفَّتْ مَوَازِينُهُ فَأُولَـٰئِكَ الَّذِينَ خَسِرُوا أَنفُسَهُم بِمَا كَانُوا بِآيَاتِنَا يَظْلِمُونَ [6] - އެދުވަހުން (މީސްތަކުންގެ عمل ތައް) ކިރައި ވަޒަން ކުރައްވާހުށީ حق ގޮތުގައެވެ. ފަހެ، އެމީހެއްގެ (ހެޔޮ عمل ތަކުގެ) ތިލަފަތްތައް ބަރުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، ދިންނަވާނޭ މީހުންނަކީ ހަމަ އެއުރެންނެވެ. އަދި އެމީހެއްގެ ތިލަފަތްތައް ލުއިވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަކީ، ތިމަންރަސްކަލާނގެ آية ތަކަށް إنكار ކޮށް އުޅުމުގެ ސަބަބުން އެއުރެންގެ އަމިއްލަ نفس ތަކަށް ގެއްލުންދިން މީހުންނެވެ. ))
ﷲގެ މި ބަސްފުޅު އިތުރަށް ބަޔާންކޮށް ދެއްވައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. ((إِنَّ الحَقَّ ثَقِيلٌ كَثِقَلِهِ يَوْمَ القِيَامَةِ، وَإِنَّ البَاطِلَ خَفِيفٌ كَخِفَّتِه يَوْمَ القِيَامَةِ، وَإِنَّ الجَنَّةَ مَحْظُورٌ عَلَيْهَا بِالمَكَارِهِ، وَإِنَّ النَّارَ مَحْظُورٌ عَلَيْهَا بِالشَّهَوَات [7]- ހަކަށަވަރުން ޙައްޤަކީ ޤިޔާމަތް ދުވަހުގެ ބުރަކަން ފަދަ ބުރަކަމެކެވެ. އަދި ހަމަކަށަވަރުން ބާޠިލަކީ ޤިޔާމަތްދުވަހުގެ ލުއިކަން ފަދަ ލުއިކަމެކެވެ. ހަމަކަށަވަރުން ސުވަރުގެ ވަށައިލެވިގެން ވަނީ ހިތްނޭދޭ ކަންތައްތަކުންނެވެ. އަދި ހަމަކަށަވަރުން ނަރަކަ ވަށައިލެވިގެން ވަނީ ހިތްއެދޭ ޝަހްވަތްތަކުންނެވެ. ))
މާތް ﷲ ރުއްސުންލެއްވި އަބޫބަކްރުގެފާނު ވިދާޅުވިއެވެ. " ހަމަކަށަވަރުން އެމީހެއްގެ މީޒާނު ބުރަވެގެންވާ މީހާގެ މީޒާނު ބުރަވެގެން ދިޔައީ ދުނިޔޭގައި ޙައްޤަށް ތަބާވުމުގެ ސަބަބުންނެވެ. ޙައްޤުނޫން އެއްޗެއް އެއަށް ނުލެވޭ މީޒާނު ބަރުވެގެން ދިޔުން ޙައްޤުވެގެން ވެއެވެ. އަދި ހަމައެފަދައިން އެމީހެއްގެ މީޒާނު ލުއިވެގެންވާ މީހާގެ މީޒާނު ލުއިވެގެން ގޮސްފައި ވަނީ ދުނިޔެ މަތީގައި ބާޠިލަށް ތަބާވުމުގެ ސަބަބުންނެވެ. ބާޠިލު އެއަށް ލެވޭ މީޒާނު ލުއިވެގެން ދިޔުން ޙައްޤުވެގެން ވެއެވެ."
ދީނަކީ ލުއި އެއްޗެއް
ޙައްޤު ބުރަ ކަމެއް ކަމުގައި ވިޔަސް އެއީ ތެދުމަގަށް ތަބާވާ ނަފްސަކަށް ލޮބުވެތި އެއްޗެކެވެ. ޙައްޤު ބުރަ ކަމަކަށް ވިޔަސް ކޮންމެ ބުރަ ކަމަކީ ޙައްޤެއް ނޫނެވެ. އަދި ކޮންމެ ލުއިފަސޭހަ ކަމަކީ ބާޠިލު ކަމެއްވެސް ނުމެނޫންމެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. " ތިމަންކަލޭގެފާނު ނަބީކަމާއިގެން ފޮނުއްވުނީ ލުއިފަސޭހަ ތެދު ދީނާއިގެންނެވެ. "
[1] - أخرجه ابن المبارك في الرقائق
[2] - أخرجه ابن المبارك في الرقائق
[3] - آل عمران : 14
[4] - الذاريات : 55
[5] - الأنعام : 31
[6] - الأعراف : 8- 9
[7] - أخرجه الطبراني