ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިންއާ ބައްދަލުކުރެއްވުމަށް ތުރުކީގެ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން އިއްޔެ ރަޝިޔާއަށް ވަޑައިގެންފިއެވެ. މިއީ މި އަހަރުގެ ތެރޭގައި ދެ ބޭފުޅުން ބައްދަލުކުރައްވާ ތިންވަނަ ފަހަރެވެ/
އެރްދޮޣާން އިއްޔެ ވަނީ ސީރިޔާގައި ދެގައުމު ގުޅިގެން މަސައްކަތްކުރާނެ ގޮތަކާމެދު ޕުޓިންއާ މަޝްވަރާކުރައްވާފައެވެ. އަދި ދެގައުމުގެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ކުރެވުނު އިރު އެ މަޝްވަރާތަކުގެ އެންމެ ކުރީގައި އޮތީ ރަޝިޔާގެ ޒަމާނީ ވައިގެ ދިފާއީ ސިސްޓަމް ތުރުކީއަށް ގަތުމުގެ މައްސަލައެވެ.
އެސް-400 ވައިގެ ދިފާއީ މިސައިލް ސިސްޓަމް ތުރުކީއަށް ގަންނަން އުޅޭތީ އެމެރިކާއިން އެކި ގޮތްގޮތުން ބިރު ދައްކައި ތުރުކީއަށް އެކި ގޮތްގޮތުން ދަތިކޮށްފައި ވެއެވެ. އެމެރިކާއިން ބުނަމުން ގޮސްފައި ވަނީ ނޭޓޯގެ މެންބަރު ގައުމެއްގެ ހަތިޔާރުގެ ތެރޭގައި ދުޝްމަން ގައުމެއްގެ ހަތިޔާރު ހުރުމަކީ ނޭޓޯގެ ސަލާމަތަށް ނުރައްކަލެއް ކަމުގައެވެ.
މިމަހުގެ ކުރީކޮޅު އެމެރިކާގެ ނާއިބު ރައީސު މައިކް ޕްންސް ވަނީ ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމު ނުގަތުމަށް ތުރުކީއަށް އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ ތުރުކީއަށް ޖެހޭނީ ދެގޮތުން ކުރެ އެއްގޮތް އިޚްތިޔާރުކުރަން ކަމުގައެވެ. ނޭޓޯގެ މެންބަރެއްގެ ގޮތުގައި އޮތުމަށާއި، އެފް-35 ހަނގުރާމަތީ މަތިންދާބޯޓުގެ ޕްރޮގްރާމްގައި ބައިވެރިވުމާއި، ރަޝިޔާގެ މިސައިލް ސިސްޓަމް ގަތުމާ ދެމެދު ގޮތެއް އިޚްތިޔާރުކުރާށެވެ.
ރަޝިޔާގައި ވާހަކަފުޅުދައްކަވަމުން ރައީސު އެރްދޮޣާން ވަނީ މި އިންޒާރުތަކަށް ރައްދުދެއްވާފައެވެ.
"އެސް-400 ސިސްޓަމްގެ މައްސަލައިގައި އަހަރުމެން ގޮތެއް ނިންމައިފިން. އަހަރުމެން މިތިބީ ކުރިއަށް ދާންވީ ގޮތް އިޚްތިޔާރުކޮށްގެން. އެކަމުގައި އަހަރުމެން ކުރިއަށް ފިޔަވަޅުވެސް އަޅައިފިން." އެރްދޮޣާން ވިދާޅުވިއެވެ.
"އަހަރުމެންގެ ޕްލޭންތައް ދޫކޮށްލުމަށް އަހަރުމެން ގާތު ބުނާ، އަހަރުމެންނަށް ގޮތައް ހުށަހަޅާ މީހުންނަށް އަހަރުމެންނަކީ ކޮން ބައެއްކަން އެނގޭނެ. އަހަރުމެން ކޮންޓްރެކްޓެއް ހަދައިފިއްޔާ، އަހަރުމެންނަށް ބަޔަކާއެކު އެއްބަސްވުމަކަށް އާދެވިއްޖެއްޔާ، ދެން އެއީ ނިމިފައިވާ ވިޔަފާރިއެއް. މިއީ އަހަރުމެން ސިޔާދަތީ ހައްގެއް. މިއީ އަހަރުމެންގެ ނިންމުމެއް." އޭނާ އިތުރަށް ވދާޅުވިއެވެ.
އެސް-400 'ޓްރަޔަމްފް' ނިޒާމަކީ ދުނިޔޭގައި މިހާރު ހުރި އެންމެ ޒަމާނީ ވައިގެ ދިފާއީ ސިސްޓަމެވެ. އެއީ 400 ކިލޯމީޓަރުގެ ރާސްތާއަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލް ސިސްޓަމެކެވެ. އަދި ގިނަ މިސައިލް އެކުގައި މަސައްކަތްކުރާ ގޮތަށް ތައްޔާރުކުރެވޭ މިނިޒާމަށް 80 އަމާޒަށް އެއް ފަހަރާ ހަމަލާދެވެއެވެ.