ތުރުކީގައި ބިނާކުރާ ފުރަތަމަ ނިއުކުލިޔާ އިންޖީނުގޭގެ މަސައްކަތް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ.
މެޑިޓަރޭނިއަން ކަނޑުގެ އައްސޭރީގައި އޮންނަ މެރްސިން ޕްރޮވިންސުގެ ގުލްނާރް ޑިސްޓްރިކްޓުގައި ރަޝިޔާގެ ނިއުކުލިޔހާ ހަކަތަ ކުންފުނި ރޮސަޓޮމްއިން ބިނާކުރާ އައްކުޔޫ ނިއުލިޔާ ޕަވާ ޕްލާންޓްގެ ފުރަތަމަ ރިއެކްޓަރަށް ނިއުކުލިޔާ ފިއުލް އެޅުމުގެ މަސައްކަތް އިއްޔެ ރަސްމީކޮށް ފަށްޓަވާދެއްވާފައިވަނީ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާންއާއި ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިންއެވެ. ދެ ދެ ބޭފުޅުންވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ ވީޑިއޯ ލިންކެއް މެދުވެރިކުރައްވައެވެ.
މި މޭ މަހުގެ 14 ވަނަ ދުވަހު ތުރުކީގައި ބާއްވާ ރިޔާސީ އިންތިޚާބަށް ކެންޕޭން ކުރައްވަނިކޮށް، އާލާސްކަންފުޅެއް ޖެހިވަޑައިގަތުމާ ގުޅިގެން ރައީސު އެރްދޮޣާން އާއްމުންގެ ތެރެއަށް ނުކުމެވަޑައިނުގަންނަވާތާ ތިން ދުވަސްވެއްޖެއެވެ. ރައީސު އެރްދޮޣާން ވިދާޅުވި ގޮތުގައި އޭނާއަށް ޖެހިވަޑައިގައިތީ ބަނޑުގެ އާލާސްކަންފުޅެކެވެ.
22 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ބިނާކުރާ 4800 މެގަވޯޓްގެ ނިއުކުލިޔާ އިންޖީނުގެއާކު ތުރުކީ މިވަނީ މަދަނީ ބޭނުމަށް ނިއުކުލިޔާ ހަކަތަ ބޭނުންކުރާ މަދު ގައުމުތަކުގެ 'ކްލަބަށް' ވަދެފައެވެ. "60 އަހަރު ފަހުން ނަމަވެސް، ތުރުކީ މިވަނީ ދުނިޔޭގައި ނިއުކުލިޔާ ހަކަތަ ބޭނުންކުރާ ގައުމުތަކުގެ ޖަމާއަތަށް ވަދެފައި." އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސު އެރްދޮޣާން ވިދާޅުވިއެވެ. އޭނާ އިޝާރާތްކުރައްވާފައި އެވަނީ ނިއުކުލިޔާ ހަކަތަ އުފެއްދުމަށް 1960 ގެ އަހަރުތަކުގައި ތުރުކީ ފަށާފައިވާ މަސައްތަށެވެ.
4 ރިއެކްޓަރު އެކުލެވިގެންވާ މި އިންޖީނުގޭގެ ފުރަތަމަ ރިއެކްޓަރުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެކަމަށް ލަފާކުރެވޭއިރު، 2026 ވަނަ އަހަރު ނިމުމުގެ ކުރިން އަނެއް ތިން ރިއެކްޓަރުގެ މަސައްކަތް ނިމި އިންޖީނުގެ ފުރިހަވާނެ ކަމަށް ބެލެވެއެވެ. މި އިންޖީނުގޭގެ މަޝްރޫއަކީ ތުރުކީގެ ތާރީޚުގައި ހިންގޭ އެންމެ އަގުބޮޑު މަޝްރޫއެވެ.
މުޅި ތުރުކީއަށް ބޭނުންވާ ކަރަންޓުގެ %10 ކަމުގައި ބެލެވޭ 35 ކިލޯވޯޓް-އަވަރ (ކޭޑަބްލިޔުއެޗް) އުފެއްދުމު ގާބިލުކަން ލިބިފައިވާ މި އިންޖީނުގެ ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ 2010 ވަނަ އަހަރުއެވެ. އަދި ފުރަތަމަ ރިއެކްޓަރުގެ ބިންގާ އަޅާފައި ވަނީ 2018 ވަނަ އަހަރުގެ އެޕްރީލް މަހުގައެވެ.
އައްކުޔޫ ނިއުކުލިޔާ އިންޖީނުގެ ބިނާކުރާ ރޮސަޓޮމް ކުންފުނީގެ ވެރިޔާ އަންދްރޭ ލިޚަޝޭވް ވިދާޅުވި ގޮތުގައި އެއްބަސްވުމުގައި ވާފަދައިން 2025 ވަނަ އަހަރު އެ އިންޖީނުގެއިން ކަރަންޓު ދޫކުރަން ފެށޭނެއެވެ.