ސޮވިއެޓް ޔުނިއަން ރޫޅި އެ ދައުލަތް ވެއްޓިގެން ދިޔަދިޔުމަކީ ހުޅަނގުގެ ލިބަރަލިޒަމްގެ އެންމެ ބޮޑު ވާދަވެރިޔާ މަރުވެއްޖެކަމުގެ އިޢުލާނެކެވެ.އެއީ ހުޅަނގުގެ ލިބަރަލިޒަމަށް ލިބުނު ނަޞްރެއް ކަމަށް ބުނެ އުފާ ފާޅުކުރިއެވެ. އެކަމުގެ ސަބަބުން ހުޅަނގަށް ދުނިޔޭގެ ބާރުތައް ލިބި ވެރިކަމުގެ އެންމެ އުސް ކުންނައަށް ވާޞިލުވެވިއްޖެ ކަމަށް ދަޢުވާ ކުރަން ފެށިއެވެ. އެ ހިސާބުން އެމީހުން ޑިމޮކްރަސީއަށް ގޮވައިލާ ގޮވައިލުން އަލުން އައު ކުރިއެވެ. ކޮންމެ ނިޒާމަކަށް ވެސް ލިބިގެންވާ ޤާނޫނީ ސަނަދަކީ އެއީ ކަމަށް ބުންޏެވެ. އެމީހުން ދަޢުވާކުރާ ގޮތުގައި އެ ހިސާބުން ތާރީޚު ހުއްޓިއްޖެއެވެ. އެ ހިސާބުން ދުނިޔޭގެ ގިނަ ޤައުމުތައް މި ނިޒާމު އިޚްތިޔާރު ކުރަން ފެށިއެވެ. ދުނިޔެއަށް ފާޅުވި މި އައު ނިޒާމުގެ ވެރި ދައުލަތުގެ ސިޔާސަތާ ދެކޮޅު ހެދުމުގެ ޤާބިލުކަން ނެތުމުންނެވެ. އެ ދައުލަތުން ދުނިޔެއަށް ގޮވައިލަން ފެށީ އެންމެން ތަބާވާންޖެހޭ އެންމެ ރަނގަޅު ނިޒާމަކީ އެ ޤައުމުގެ ސިޔާސި ނިޒާމުގައި އޮތް ޑިމޮކްރަސީކަމެވެ. ސޮވިއެޓް ޔުނިއަން ނެތި ފަނާވުމުން ، އެ ދައުލަތުގައި އޮތް ކޮމްޔުނިސްޓް ނިޒާމު ވަނީ މަރުވެގޮސްފައެވެ. އަދި އެއީ ސިޔާސީ ނިޒާމެއް ކަމުގައި ބެލުން އެކަށީގެންވާ ނިޒާމެއް ނޫންކަމަށް ވެސް ޤަބޫލުކުރެވުނެވެ. ސޮވިއެޓް ޔުނިއަންގެ ފަލަކުގައި ދައުރުކުރަމުން ދިޔަ ޤައުމުތަކަށް ލިބެމުންދިޔަ ޙިމާޔަތާއި ރައްކައުތެރިކަން ނެތިގެން ދިޔުމުން އެ ޤައުމުތަކަށް ވެސް ޙިމާޔަތް ހޯދުމަށް ޓަކައި ވަންނާނެ އެހެން ހިޔާވައްސަކަށް ބޭނުންވިއެވެ.
އެއަށްފަހު ދެން ފެނިގެން ދިޔައީ 11 ސެޕްޓެމްބަރުގެ ހާދިސާއެވެ. މި ޙާދިސާއާ ވިދިގެން އެމެރިކާއިން މުސްލިމުންގެ ތެރޭގައި ޚާއްޞަކޮށް ޢަރަބި ޤައުމުތަކާއި އިސްލާމީ ޤައުމުތަކުގައި އެމެރިކާގެ ޑިމޮކްރަސީ ފެތުރުމަށް ޝައުޤުވެރިކަން އިތުރުވެގެން ދިޔައެވެ. ޢަރަބި ޤައުމުތަކުގައި އެމެރިކާއާއި ހުޅަނގުގެ މަޞްލަޙަތުތައް ރައްކައުތެރިކުރުމަށް ލިބިފައިވާ ކަށަވަރު ފަރުވާއަކީ މިއީ ކަމަށް ޔަޤީން ކުރެވިގެންނެވެ.
11 ސެޕްޓެމްބަރުގެ ޙަމަލާއަކީ އެމެރިކާގެ ޢަސްކަރީ އަދި އިޤްތިޞާދީ ކިއްލާތަކަށް ދެވުނު " ޖިހާދީ " ޙަމަލާއެއް ކަމަށް އެމެރިކާ ދެކޭތީ ، އެ ހިސާބުން އެމެރިކާ އަމާޒު ހިފީ ނިރުބަވެރިކަމާ ދެކޮޅަށް ޢާލަމީ ހަނގުރާމައެއް އިޢުލާނު ކުރުމަށެވެ. އޭގެ ދަށުން މުޅި މެދުއިރުމަތީގެ ޗާޓު އަލުން ކުރެހުމަށް އެމެރިކާއިން ނިންމާ، އެކަމަށް މަސައްކަތް ފަށައިގަތެވެ. އެގޮތުން " އިޞްލާޙީ" ބޮޑު މަސައްކަތްތަކެއް ހިންގަން ފެށިއެވެ. ވަރަށް ގިނަ އިސްލާމީން މިކަމާމެދު ވަރަށް އުފާކުރެއްވިއެވެ. އެބޭފުޅުންގެ ސިޔާސީ މަޝްރޫޢުތައް ތަންފީޒުކުރެއްވުމަށް ޓަކައި ވެރިކަމަށް ވަޑައިގެންނެވުމަށް ލިބިވަޑައިގެން ވަރަށް ފުރިހަމަ ފުރްޞަތެއް ކަމުގައި ދެކެވަޑައިގަތެވެ. ނަތީޖާއަކަށް ވީ ޑިމޮކްރަސީއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް އިތުރުވެ އޮލަވުމެވެ. އެއީ އިސްލާމްދީނާ އެއްފަސް ނިޒާމެއްކަމަށް ބުނާބުނުންތައް ގިނަވިއެވެ. މިބޭފުޅުން ވިދާޅުވާގޮތުގައި ހުޅަނގަށްވުރެ ކުރިން ޑިމޮކްރަސީގެ ނިޒާމުގެ އުޞޫލުތައް އިސްލާމްދީން ވަނީ އެ ދީނުގެ މަންހަޖުގެ ތެރެއިން ހާމަކޮށްފައެވެ.މި ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އެކަމަކު މި ވާހަކަ އަލުން ކެކި އުތުރި މި އެރީ އެމެރިކާގެ އައު ސިޔާސަތާއެކުގައެވެ.
ޑިމޮކްރަސީއާ ބެހޭގޮތުން ބައެއް އިސްލާމީންގެ ރައުޔު
ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޑިމޮކްރަސީގެ އަސާސުތައް އިސްލާމްދީނުގައި އައިސްފައިވެއެވެ. ޑިމޮކްރަސީގެ ކުރިން އިސްލާމްދީން ވަނީ މިކަމުގައި އިސްނަގައިފައެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި ޑިމްކްރަސީއަކީ އިސްލާމީ އުޞޫލުތަކާ އަރާރުންވާ ނިޒާމެއް ނޫނެވެ. ދެބަސްވުން ހުރިކަމަށް ފާހަގަކުރެވޭ ކަންތައްތައް އެއްފަސްކުރެވިދާނެއެވެ. އަލްއުސްތާޒު ޚާލިދު މުޙައްމަދު ޚާލިދު ވިދާޅުވާ ގޮތުގައި ޣައިރުމުސްލިމު ޙާކިމުންނާއި ވެރިން ވެރިކަން ކުރެއްވުމުގައި ގެންގުޅުއްވާފައިވާ އުޞޫލުތަކަކީ މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ އުޞޫލުތަކެވެ. އޭނާ ވިދާޅުވިއެވެ. " މިހެންވެ އަޅުގަނޑު ދަންނަވާފައިވާނީ އަދި ދަންނަވަމުން މި ގެންދަނީ ޑިމޮކްރަސީއަކީ އިސްލާމްދީނެވެ. " އޭނާ ވިދާޅުވާ ގޮތުގައި އިސްލާމީ އުޞުލުތަކާއި ޑިމޮކްރަސީގައި އެއްގޮތް ވަރަށް ގިނަ ކަންތައްތަކެއް އެބަ ހުށްޓެވެ. އިސްލާމްދީނަކީ ދީނެކެވެ. އެކަމަކު ޑިމޮކްރަސީއަކީ މަންހަޖެކެވެ. "
ޑރ. އައްޝައިޚު ޔޫސުފުލްޤަރްޟާވީ ވިދާޅުވާ ގޮތުގައި " ޑިމޮކްރަސީގެ އުޞޫލުތަކަކީ އިސްލާމީ އަޞްލު އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ނިޒާމެކެވެ." އިސްލާމުދީނުގައި ޑިމޮކްރަސީއޭ މި ކިޔާ ނިޒާމު ނެތްކަމަށް ބުނާ ބުނުމަކީ ، ޙަޤީޤަތެއް ނޫންކަމަށް އެބޭފުޅުން ވަކާލާތު ކުރައްވައެވެ.
އެކަމަކު، ޒަމާނީ ޑިމޮކްރަސީއަކީ އެއްވެސް ޢަޤީދާއެއް ޤަބޫލު ކުރާ ޑިމޮކްރަސީއެއް ނޫނެވެ. މިއާ ޚިލާފަށް އިސްލާމީ ޑިމޮރަސީއަކީ އިސްލާމީ ޢަޤީދާގެ މަތީގައި ބިނާކުރެވިފައިވާ ނިޒާމެކެވެ. އިސްލާމީ ޑިމޮކްރަސީގެ ހުރިހާ އުޞޫލުތަކެއްގެ ވެސް އަޞްލަކީ އިސްލާމުދީނެވެ. އިސްލާމީ ޝަރީޢަތާ ޚިލާފު އެއްވެސް ޤާނޫނެއް ތަޝްރީޢެއް ނުކުރެވޭނެއެވެ. މީގެ އިތުރަށް އިސްލާމީ ޑިމޮކްރަސީއަކީ އިންސާނާގެ ހުރިހާ ޙަރަކާތްތަކަކާއި ޢަމަލުތަކަކާއި މުޢާމަލާތުތަކެއް ހިމެނޭ ޝާމިލު ނިޒާމެކެވެ. އެ ނިޒާމުގައި އިންސާނާގެ ސިޔާސީ ، އިޤްތިޞާދީ، އިޖްތިމާޢީ އެންމެހައި ޙަރަކާތްތައް ހިމެނޭނެއެވެ.
ޑިމޮކްރަސީ އަކީ ކޮބާ؟
ޑިމޮކްރަސީއަކީ ދެ ލަފްޡުން އެކުލެވިގެންވާ ކަލިމައެކެވެ. އެއީ DEMOS އާއި CRATIS އެވެ. DEMOS ގެ މާނައަކީ ރައްޔިތުންނެވެ. CRATIS އަކީ ވެރިކަމެވެ. އެހެންވީމާ މި ކަލިމައިގެ މާނައަކީ " ރައްޔިތުންގެ ވެރިކަން " ނުވަތަ " ރައްޔިތުންގެ ބާރު " އެވެ. އެ ބަހުގެ މުރާދަކީ ޤައުމެއްގެ ރައްޔިތުންނަށް ނުވަތަ ރައްޔިތުންގެ އަޣުލަބިއްޔަތަށް ވެރިކަމުގެ ބާރާއި ސިޔާދަތު ލިބިދޭ ވެރިކަމުގެ ނިޒާމެވެ.މިނިޒާމުގައި، ވެރިކަމުގެ ބާރަކީ ރައްޔިތުންނެވެ. މި ބާރުގެ މަޞްދަރަކީ ރައްޔިތުންނެވެ. ވެރިކަން ކުރާނީ ރައްޔިތުންނެވެ.
ޑިމޮކުރަސީއަކީ އިޖްތިމާޢީ ސިޔާސި ފަލްފަސާގެ މަޛްހަބުތަކުގެ ތެރޭގައި ހިމެނޭ މަޛްހަބެކެވެ. ހަމަ އެ ފަދައިން އެއީ ވެރިކަމުގެ ނިޒާމުތަކުގެ ތެރޭގައި ހިމެނޭ ނިޒާމެކެވެ.
މި ޒަމާނުގައި ޑިމޮކުރަސީ ވަރަށް ގިނަ ގޮތްގޮތަށް މާނަ ކޮށްފައި ވެއެވެ. ކޮންމެ ޤައުމަކުން ވެސް އެ ބަޔެއްގެ އާދަކާދައާއި ޢުރްފާއި އަދި ބައެއް ފަހަރަށް އެމީހުންގެ އިޢުތިޤާދާ ގުޅޭގޮތަށް ޑިމޮކުރަސީ މާނަކޮށްފައިވާ ތަން ފެނެއެވެ. މި ޒަމާނުގައި އެންމެ މަޝްހޫރު ވެފައިވާ ތާރީފަކީ " އެއީ ރައްޔިތުންގެ ފަރާތުން، ރައްޔިތުންނަށް ޓަކައި ، ރައްޔިތުން ކުރާ ވެރިކަމެވެ. " މިއިން އެނގެނީ އެންމެ ފަހު ބަސް ބުނާ ފަރާތަކީ ރައްޔިތުން ކަމެވެ. މީގެ މާނައަކީ ޤާނޫނުތައް ހަދާނީ ރައްޔިތުންނެވެ. ވެރިކަން ކުރާނީ ރައްޔިތުންނެވެ. ރައްޔިތުންގެ ސިޔާދަތު ޤަބޫލުކުރާ ސަރުކާރުން ، ރައްޔިތުންނަށް މިނިވަންކަމާއި ސިޔާސީ ހަމަހަމަކަން ޖާމިނުކޮށް ދޭނެއެވެ. ވެރިކަންކުރާ ބާރު އޮންނާނީ މިނިވަން ޢާއްމު ރައުޔާއި ޤާނޫނީ ވަސީލަތްތަކުގެ ފާރަލުމުގެ ދަށުގައެވެ. މި ފިކްރަށް " ސިޔާދަތު"ގެ ނަން ދެވިފައިވެއެވެ. ޑިމޮރަސީ ފިކްރުގައި ސިޔާދަތު ލިބިގެން ވަނީ ރައްޔިތުންނަށެވެ. ރައްޔިތުން މި ސިޔާސަތު ބައްޓަންކޮށްފައި ވަނީ ތިން ވިއުގައެއްގެ ތެރޭގައެވެ. އެއީ
1- އެންމެން އެއަށް ތަބާވެ ޢަމަލުކޮށް އޭގައި ހިފަހައްޓަން ޖެހޭ ޤާނޫނުތައް ހެދުން . މިއީ ޤާނޫނު ހަދާ ބާރެވެ. ނުވަތަ ރައްޔިތުންގެ މަޖިލީހެވެ. ނުވަތަ ބަރްލަމާނެވެ.
2- މި ޤާނޫނުތަކުގެ ހިޔާވަހިކަމުގައި ޢާޢްމު ނިޒާމު ރައްކައުތެރި ކުރުން. މިއީ ތަންފީޒީ ބާރެވެ. ނުވަތަ ޙާކިމާއެވެ.
3- ރައްޔިތުންގެ މެދުގައި އުފެދޭ އަރާރުންތަކާއި ދެބަސްވުންތައް ޤާނޫނުތަކާ އެއްގޮތަށް ޙައްލުކޮށް ފައިޞަލާ ކުރުން. މިއީ ޤަޟާއީ ( ޖުޑިޝަރީ) ބާރެވެ. މިއިން އެނގެނީ ހުރިހާ ބާރުތަކެއްގެ މުލަކީ ޤާނޫނު ހަދާ ބާރުކަމެވެ. އެހެނީ އަނެއް ދެ ބާރު ޙަރަކާތްތެރިވާން ޖެހޭނީ މި ބާރު ބުނާގޮތަކަށެވެ. މި ބާރުތަކަށް ހިޔާވަހިކަން ދޭ މައިބާރަކީ ރައްޔިތުންގެ މަޖިލީހެވެ. ނުވަތަ ޤާނޫނު ހަދާ މަޖިލީހެވެ.
ޑިމޮކްރަސީ ތަރައްޤީވަމުން އައިގޮތް
ޑިމޮކްރަސީއަކީ ޒަމާނާއެކު ބަދަލުވަމުން ތަރައްޤީވަމުން އައިސްފައިވާ ނިޒާމެކެވެ. ފުރަތަމަ އުފަންވިއިރު އޮތް ގޮތާ މިހާރު އޮތްގޮތް ވަރަށް ތަފާތެވެ. ޑިމޮކްރަސީ އުފެދުނުއިރު އެ ނިޒާމަކީ ސީދާ ރައްޔިތުން އެކަމުގައި ބައިވެރިވާ ވެރިކަމުގެ ނިޒާމެކެވެ.މި ނިޒާމު އުފެދިފައި ވަނީ އެތެންސްގައެވެ. އެ ދުވަސްވަރު އެ ނިޒާމުގައި ޝާމިލުވާ ރައްޔިތުންނަކީ ވަރަށް މަދު ބަޔެކެވެ.އެތެންސްގެ ރައްޔިތުންގެ ތެރޭގައި އަންހެނުންނާއި އަޅުން ނުހިމެނެއެވެ. މީގެއިތުރަށް މި ނިޒާމުގައި ބައިވެރިވުމުގެ ޙައްޤު ލިބެނީ ވަކި މިންވަރަކަށް ތަނަވަސްކަން ހުންނަ ، މުޖްތަމަޢުގައި ޤަދަރާއި ޢިއްޒަތް ލިބިފައިވާ ގިންތިތަކުގެ ފިރިހެނުންނަށެވެ. ޒަމާނާއެކު މި ކަންކަމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
ޒަމާން ބަދަލުވަމުން ދިޔަދިޔަހެން ޑިމޮކްރަސީގެ ބައްޓަމަށްވެސް ބަދަލުތައް އަންނަމުން ދިޔައެވެ. ފުރަތަމަކޮޅުގައި ޑިމޮކްރަސީ އޮތީ ހުރިހާ ރައްޔިތުން އެކަމުގައި ސީދާ ބައިވެރިވާ ނިޒާމެއްގެ ގޮތުގައެވެ. އެއީ ސީދާ ޑިމޮކްރަސީއެވެ. ނަމަވެސް ކުޑަކުޑަ ސަހަރު ދައުލަތަކުން ޤައުމީ ބޮޑު ދައުލަތަކަށް ، ދައުލަތް ބަދަލުވުމުން ސީދާ ޑިމޮކްރަސީއަށް ޢަމަލުކުރުމަށް ހުރަސްތަކެއް ކުރިމަތި ވިއެވެ. މިކަމުގެ ސަބަބުން ސީދާ ޑިމޮކްރަސީ ނިޒާމު ނުސީދާ ޑިމޮކްރަސީ ނިޒާމަށް ( މެންބަރުން ޢައްޔަންކުރާ ނިޒާމަށް ) ބަދަލުވިއެވެ.
މީގެއިތުރަށް ސަރުކާރުގެ ނިޒާމަށް ވެސް ބަދަލުތަކެއް އައެވެ. އޭގެތެރޭގައި ރިޔާސީ ނިޒާމު ( ޖުމްހޫރީ ނިޒާމް) ހިމެނެއެވެ. މި ނިޒާމުގައި ދައުލަތުގެ ވެރިޔާ ( ރައީސުލްޖުމްހޫރިއްޔާ) ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓުންނެވެ. ރިޔާސީ ނިޒާމުގައި ދައުލަތުގެ އެންމެ އިސް ބާރަކީ ދައުލަތުގެ ރައީސެވެ. ސަރުކާރު ހިންގުމަށް ބޭނުންވާ ވަޒީރުން ޢައްޔަން ކުރާނީ ރައީސެވެ.މި ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާ އާ ޤާނޫނުހަދާ ބާރަކީ ތަފާތު ދެ ބާރެކެވެ. މި ދެ ބާރަކީ ވަކިވަކިން އޮންނަ ދެ ބާރެކެވެ.ރައީސަކީ ތަންފީޒީ ބާރެވެ. ބަރްލަމާނަކީ ( ރައްޔިތުންގެ މަޖިލީހަކީ) ޤާނޫނޫ ހަދާ ބާރެވެ.
ދެވަނަ ނިޒާމަކީ ބަރްލަމާނީ ނިޒާމެވެ. މި ނިޒާމުގައި ވެރިކަމުގެ ބާރުތައް އޮންނާނީ ރައްޔިތުން އިންތިޚާބު ކުރާ ބަރްލަމާނުގެ އަތްމަތީގައެވެ. ސަރުކާރު ހިންގުމަށް ބޭނުންވާ ވަޒީރުން ޢައްޔަން ކުރާނީ ބަރްލަމާނުންނެވެ. މި ނިޒާމުގައި ތަންފީޒީ ބާރާއި ޤާނޫނު ހަދާ ބާރު އޮންނާނީ މަސްހުނިވެފައެވެ. މިއިން ކޮންމެ ނިޒާމަކަށް ބެލިކަމުގައި ވިޔަސް ވެރިކަން އޮންނާނީ ރައްޔިތުންގެ އަތުގައެވެ.ވެރިކަން ލިބޭނީ އަޣްލަބިއްޔަތަށެވެ. އިދިކޮޅު ބާރަކަށް ވާނީ އަޤައްލިއްޔަތެވެ. މި ދެ ބާރަކީ ވެސް ހަމަ ރައްޔިތުންނެވެ.
ޢަރަބި ޤައުމުތަކުގެ ދުސްތޫރުތަކުން ފެންނަ ޑިމޮކްރަސީގެ އަސަރު
ވިހިވަނަ ސައްތައިގެ ކުރީކޮޅުން ފެށިގެން ޢަރަބި ޤައުމުތަކުގައި ލިޔެވިފައިވާ ދުސްތޫރުތަކަށް ބަލައިއިރު މި ދުސްތޫރުތަކުން ޑިމޮކްރަސީގެ އަސަރު ވަރަށް ބޮޑަށް ފެންނަން އެބަ ހުށްޓެވެ.
1- މިޞްރުގެ ދުސްތޫރުގެ 3ވަނަ މާއްދާ ބުނާގޮތުގައި " ސިޔާދަތު ލިބިގެން ވަނީ ހަމައެކަނި ރައްޔިތުންނަށެވެ. ބާރުތަކުގެ މަޞްދަރަކީ ރައްޔިތުންނެވެ. ސިޔާދަތު ތަމްސީލުކޮށް ސިޔާދަތު ޙިމާޔަތް ކުރަނީ އެމީހުންނެވެ. " މި ދުސްތޫރުގެ 86ވަނަ މާއްދާ ބުނާގޮތުގައި " ޤާނޫނު ހެދުމުގެ ބާރު ލިބގެން ވަނީ ރައްޔިތުންގެ މަޖިލީހަށެވެ. "
2- ސޫރިޔާގެ ދުސްތޫރުގެ 2ވަނަ މާއްދާގެ ދެވަނަ ޕެރަގްރާފް ބުނާގޮތުގައި " ސިޔާދަތު ލިބިގެން ވަނީ ރައްޔިތުންނަށެވެ. ދުސްތޫރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސިޔާދަތު ތަމްސީލު ކުރާނީ ރައްޔިތުންނެވެ. " މި ދުސްތޫރުގެ 556ވަނަ މާއްދާ ބުނާގޮތުގައި " ދުސްތޫރުގައި ބަޔާންކޮށް ފައިވާ ގޮތުގެ މަތިން ޤާނޫނުތައް ހަދާނީ ރައްޔިތުންގެ މަޖިލީހުންނެވެ. "
3- ސޫދާނުގެ 2005ވަނަ އަހަރުގެ އިންތިޤާލީ ދުސްތޫރުގެ ފުރަތަމަ ބާބުގެ ދެވަނަ ޕެރަގްރާފް ބުނާގޮތުގައި " ސިޔާދަތު ލިބިގެން ވަނީ ރައްޔިތުންނަށެވެ. މި ދުސްތޫރާއި ޤާނޫނުގެ ނައްޞުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސިޔާދަތު ތަމްސީލު ކުރާނީ ދައުލަތުންނެވެ. "
4- އުރްދުނުގެ ދުސްތޫރުގެ 24ވަނަ މާއްދާ ބުނާގޮތުގައި " ޤާނޫނީ ބާރުތައް އުފެދިގެން އަންނަނީ އުއްމަތުގެ މަޖިލިހާއި ( ބަރްލަމާނާއި) ރަސްގެފާނުގެ ކިބައިންނެވެ.
5- ތޫނިސްގެ ދުސްތޫރުގެ 3ވަނަ މާއްދާ ބުނާގޮތުގައި " ސިޔާދަތުގެ ވެރި ސާހިބަކީ ތޫނިސްގެ ރައްޔިތުންނެވެ. މި ދުސްތޫރު ކަނޑައަޅައި ގޮތެއްގެ މަތިން ސިޔާދަތު ތަމްސީލު ކުރާނީ އެމީހުންނެވެ. " މި ދުސްތޫރުގެ 18ވަނަ މާއްދާ ބުނާގޮތުގައި " ރައްޔިތުން ޤާނޫނީ ބާރުތައް ތަމްސީލުކުރާނީ ނިޔާބީ މަޖިލީހުގެ ތެރެއިންނެވެ. "
6- ޖަޒާއިރުގެ ދުސްތޫރުގެ 6ވަނަ މާއްދާ ބުނާގޮތުގައި " އެންމެހައި ބާރުތަކުގެ ވެރި ފަރާތަކީ ރައްޔިތުންނެވެ. ވަޠަނީ ސިޔާދަތުގެ ވެރިފަރާތަކީ ހަމައެކަނި ރައްޔިތުންނެވެ. " މި ދުސްތޫރުގެ 7ވަނަ މާއްދާ ބުނާގޮތުގައި " ތައުސީސީ ބާރަކީ ރައްޔިތުންގެ މިލްކެކެވެ.ރައްޔިތުންގެ ސިޔާދަތު ތަމްސީލުކުރާނީ އެމީހުން ހޮވާ ދުސްތޫރީ މުއައްސަސާތައް މެދުވެރިކޮށެވެ. " 98ވަނަ މާއްދާ ބުނާގޮތުގައި " ޤާނޫނު ހަދާ ބާރު ތަމްސީލު ކުރާނީ ބަރްލަމާނެވެ. ބަރްލަމާނު އެކުލެވިގެންވާނީ ދެ މަޖިލީހަކުންނެވެ. އެއީ ރައްޔިތުންގެ ޤައުމީ މަޖިލީހާއި އުއްމަތުގެ މަޖިލީހެވެ. ޤާނޫނު ހެދުމުގެ ސިޔާދަތު ލިބިގެން ވަނީ އެ ފަރާތަށެވެ. "
7- މަޣްރިބުގެ ދުސްތޫރުގެ 2ވަނަ މާއްދާ ބުނާގޮތުގައި " ސިޔާދަތު ލިބިގެން ވަނީ އުއްމަތަށެވެ. އެ ބާރު ސީދާ ސިފައެއްގައި ތަމްސީލުވެގެންދަނީ ފެންނަނުފެންނަ ވޯޓުންނެވެ. ނުސީދާކޮށް ތަމްސީލުވެގެން ދަނީ ދުސްތޫރީ މުއައްސަސާތަކުންނެވެ."
8- ޤަޠަރުގެ ދުސްތޫރުގެ 59ވަނަ މާއްދާ ބުނާގޮތުގައި " ބާރުތަކުގެ ވެރި ފަރާތަކީ ރައްޔިތުންނެވެ. މި ބާރުތައް ތަމްސީލުވެގެން ދާނީ ދުސްތޫރުގެ ޙުކުންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ." މި ދުސްތޫރުގެ 61ވަނަ މާއްދާ ބުނާގޮތުގައި " ޤާނޫނުހަދާ މަޖިލިސް ބަލަހައްޓާނީ ދުސްތޫރުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ޝޫރާ މަޖިލީހުންނެވެ. "
9- ކުވައިތުގެ ދުސްތޫރުގެ 51ވަނަ މާއްދާ ބުނާގޮތުގައި " ޤާނޫނު ހަދާ ބާރުގެ ބަލަދުވެރިޔަކީ ދުސްތޫރާ އެއްގޮތްވާ ގޮތުގެ މަތިން އަމީރާއި އުއްމަތުގެ މަޖިލީހެވެ. "
10- އެހެން ދުސްތޫރުތަކަށް ބަލައިއިރުގައިވެސް ފެންނަނީ ހަމަ މި ގިއުގަނޑުގެ ތެރޭގައި އޮތް ތަނެވެ. ހުރިހާ ދުސްތޫރުތަކެއް ވެސް ބުނާގޮތުގައި ވެރިކަމުގެ ނިޒާމަކީ ޑިމޮކްރަސީއެވެ. އެއީ ރައްޔިތުންގެ ސިޔާދަތަށް ދެވިފައިވާ ސިޔާސީ މުޞްޠަލަޙެވެ.
އިސްލާމްދީނުގައި ސިޔާދަތު
އިސްލާމްދީނަށް ބަލައިއިރު އެ ދީނުގެ ބިންގަލަކީ ތަޢުޙީދެވެ. އޭގެ މާނައަކީ ﷲއަށް އެކަނި އަޅުކަން ޚާލިޞް ކުރާ މީހެއްކަމުގައި ކޮންމެ މުސްލިމަކު ވުމެވެ. މާތް ﷲ ޝަރްޢު ކުރައްވާފައިވާ ޙުކުންތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރެއްވިއެވެ. " أَلاَ لَهُ الْحُكْمُ - މާނައީ : ދަންނާށެވެ! حكم ކުރެއްވުން އޮތީ، އެކަލާނގެއަށެވެ." އެހެން ބަސްފުޅެއްގައި އޮތީ " إِنِ الْحُكْمُ إِلاَّ لِلّهِ - މާނައީ : اللَّه އަށް މެނުވީ حكم ކުރެއްވުމެއްނެތެވެ." އެހެން އާޔަތެއްގައި އައިސްފައި ވެއެވެ. " فالْحُكْمُ لِلَّهِ الْعَلِيِّ الْكَبِيرِ – މާނައީ : ފަހެ، حكم ކުރެއްވުންވަނީ، އެންމެމަތިވެރި، އެންމެ عظمة ތެރި اللَّه އަށެވެ." މި މާނަ ދޭހަވާގޮތަށް އައިސްފައިވާ ބަސްފުޅުތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި މި އަންނަ އާޔަތްތައް ވެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ." فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا -މާނައީ:އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު حكم ވެރި ކޮށްފުމަށް ދާނދެން، އެއުރެން إيمان އެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ." މި އާޔަތުގައި މި އަންގަވަނީ މުސްލިމުންގެ މެދުގައި އަރާރުން އުފެދި ޒުވާބު ހިނގާ ކޮންމެ ކަމެއްގައި ކަންކުރަންވީ ގޮތެވެ. މާތް ﷲ އެކަލާނގެ ރަސޫލާއަށް މި އަމުރުކުރައްވަނީ މާތްﷲ ބާވައިލެއްވި ގޮތަށް މީސްތަކުންގެ މެދުގައި ޙުކުމްކުރެއްވުމަށެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. " وَأَنزَلْنَآ إِلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلْكِتَـٰبِ وَمُهَيْمِنًا عَلَيْهِ فَٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّـهُ وَلَا تَتَّبِعْ أَهْوَآءَهُمْ عَمَّا جَآءَكَ مِنَ ٱلْحَقِّ –- މާނައީ : އަދި ތިމަންރަސްކަލާނގެ حق ގޮތުގައި ކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއް ކަމުގައެވެ. ފަހެ، اللَّه ބާވައިލައްވާފައިވާ حكم ން، އެއުރެންގެ މެދުގައި، ކަލޭގެފާނު حكم ކުރައްވާށެވެ! އަދި ކަލޭގެފާނުގެ އަރިހަށް އައިސްފައިވާ حق ގޮތާ خلاف އަށް އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! " އަދިވެސް ވަޙީ ކުރެއްވިއެވެ. " وَأَنِ ٱحْكُم بَيْنَهُم بِمَآ أَنزَلَ ٱللَّـهُ وَلَا تَتَّبِعْ أَهْوَآءَهُمْ وَٱحْذَرْهُمْ أَن يَفْتِنُوكَ عَنۢ بَعْضِ مَآ أَنزَلَ ٱللَّـهُ إِلَيْكَ فَإِن تَوَلَّوْا۟ فَٱعْلَمْ أَنَّمَا يُرِيدُ ٱللَّـهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ - އަދި اللَّه ބާވައިލައްވާފައިވާ حكم ން އެއުރެންގެ މެދުގައި ކަލޭގެފާނު حكم ކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ! އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއް آية ން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ! ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ، އެއުރެންގެ ބައެއް ފާފަތަކުގެ ސަބަބުން، އެއުރެންނަށްعقوبات ދެއްވުމަށެވެ "
މުސްލިމުންގެ ގާތުގައި ޙައްޤަކީ ﷲ ތަޢާލާއާއި އެކަލާނގެ ރަސޫލާ އަމުކުރައްވާފައިވާ ކަންތައްތަކެވެ. ނުވަތަ ގޮވައިލައްވާފައިވާ ކަންތައްތަކެވެ. ބާޠިލަކީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ ނަހީ ކުރައްވާއިފައިވާ ކަންތައްތަކެވެ.ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރައްވަނީ " السيدُ اللهُ –- އައްސައްޔިދަކީ ( އެބަހީ: ސިޔާދަތު ލިބިގެންވާ ފަރާތަކީ) ﷲ އެވެ."
މިއާޚިލާފަށް ޑިމޮކްރަސީގައި ޙައްޤަކީ ރައްޔިތުން ކުރާ އަމުރުތަކެވެ. ބާޠިލަކީ ރައްޔިތުން ނަހީކުރާ ކޮންމެ ކަމެކެވެ. ޑިމޮކްރަސީގައި ހެޔޮނުބައި ވަކިކޮށްދޭ މިންގަނޑަކީ ރައްޔިތުންގެ އެދުމެވެ. ރައްޔިތުން ޤަބޫލުކޮށް ބަލައިގަންނަ ކޮންމެ އެއްޗަކީ ރަނގަޅެވެ. ރައްޔިތުން ބަލައިނުގަނެ ދޫކޮށްލައި ކޮންމެ އެއްޗަކީ ނުރަނގަޅެވެ. ޑިމޮކްރަސީގައި ރައްޔިތުން އެދޭއެދުމަކީ މަޢުޞޫމު ކަމެކެވެ. އެހެންކަމުން ޑިމޮކްރަސީގައި ރައްޔިތުންގެ މަޤާމާއި ދަރަޖަ އުފުއްލާފައި މި ވަނީ އިސްލާމްދީން ބަލައިނުގަންނަފަދަ މަތިވެރި ދަރަޖައަކަށެވެ. ރައްޔިތުންގެ ދަރަޖަ މާތް ﷲގެ ދަރަޖައަކަށް ނޫފުއްލޭނެތެވެ. ޑިމޮކްރަސީއާ ދީނާ ފޭވެފައިވާ މިންވަރު މިއިން އެނގެއެވެ. ﷲގެ މަތިވެރި ޛާތުފުޅާ އެކަލާނގެ ހެއްދެވި މީހުން ހަމަހަމަވެގެން ނުވާކަން ރައްޔިތުންވެސް ޤަބޫލު ކުރެއެވެ. މި އޮޅުވައިލުމަކީ ޑިމޮކްސީއަށް ގޮވައިލާ މީހުން އެ ނިޒާމުގެ މޮޅުކަން ދެއްކުމުގެ ގޮތުން ދައްކާ ފުލޯކު ވާހަކަތަކުގެ ބައެކެވެ. ޑިމޮކްރަސީ ބުނާގޮތުގައި މުޖްތަމަޢުގެ ޢާއްމު ޙަޔާތުގެ ކަންތައްތަކާ ދީން ބެހިގެން ނުވާނެއެވެ. އެހެންކަމުން ޑިމޮކްރަސީއަކީ ލާދީނީ ފިކްރުގެ ސިޔާސީ މޫނުމައްޗެވެ.
ވީމާ، އިސްލާމްދީނާ ޑިމޮކްރަސީއާ ދެމެދުގައި އަސާސީ ތަފާތުތަކެއް އެބަ ހުށްޓެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި ޑިމޮކްރަސީ އިސްލާމްދީނުގެ އުޞޫލުތަކުގެ ތެރެއަށް ވެއްދޭނީ މި އަސާސީ އިޚްތިލާފު ލުހެލައިގެންނެވެ. އެކަމަކު މި އަރާރުން ދުރަށްލައިފިނަމަ ޑިމޮކްރަސީގައި އޮންނާނީ ކޮން އެއްޗެއްތޯއެވެ؟ ވެރިކަން ކުރުމުގައި ރައްޔިތުންގެ މަރްޖަޢިއްޔަތު ނެތްނަމަ ޑިމޮކްރަސީގެ ނަމެއް ނޯންނާނެއެވެ.
ޑިމޮރަސީ ނިޒާމަށް ބަލައިއިރު އެ ނިޒާމު އެ ބުނާގޮތަށް ރައްޔިތުންނަށް ބާރުތައް ހޯދައިދެވިފައިވޭތޯއެވެ؟ ޑިމޮކްރަސީގެ ފިކްރަށް ބަލައިއިރު ރައްޔިތުން ދެ ގިންތިއަކަށް ބެހިގެންވެއެވެ. އެއް ގިންތިއަކީ " ސިޔާސީ ރައްޔިތުން" ނޭ ކިޔާ ގިންތިއެވެ. ސިޔާދަތު ލިބިގެން ވަނީ މި ގިންތިއަށެވެ. އަނެއް ގިންތިއަކީ ބާކީ ތިބި މީހުންގެ ގިންތިއެވެ. މި ގިންތިއަށް ސިޔާދަތު ލިބިގެނެއް ނުވެއެވެ. ޒަމާނާއެކު މި ގިންތިއަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.ފުރަތަމަ ކޮޅުގައި ސިޔާދަތު ނުލިބޭ ގިންތީގައި އަޅުންނާއި އަންހެނުންނާއި ބާލިޣުނުވާ ފިރިހެން ކުދިންނާއި، ލިޔަންކިޔަން ނުދަންނަ ބޮޑެތި ފިރިހެނުންނާއި، ފަޤީރުންނާއި ، މުޖްތަމަޢުގައި ހިމެނޭ ދޭސީ އެންމެތަކުން ހިމެނުނެވެ. އެކަމަކު އަޣްލަބިއްޔަތަކީ މި މީހުންނެވެ. މިއިން އެނގެނީ ޑިމޮކްރަސީގައި ސިޔާދަތު ލިބިގެން ވަނީ ރައްޔިތުންނަށޭ ބުނާ ބުނުމަކީ ހަމައެކަނި އުފުލޭ ޝިޢާރެއްކަމެވެ. ޒަމާން ބަދަލުވަމުން އައިސް މިއަދުގެ ޙާލަތަށް ބަލާއިރު ސިޔާދަތު ލިބިފައިނުވާ މީހުންގެ ތެރޭގައި ވަކި ޢުމުރަކަށްވުރެ ދަށް ( މިސާލަކަށް 18 އަހަރުން ދަށް ) ޢުމުރުގެ ކުދިންނާއި ޤާނޫނު ކަނޑައަޅައި ބައެއް ކުށްތައް އެމީހުންގެ މައްޗަށް ސާބިތުވެ ކުށްވެރިވެފައިވާ މީހުން ހިމެނެއެވެ.
މި ނުކުތާ އެއްކިބާކޮށްފައި ދުސްތޫރަށް ދަމާތޯއެވެ؟ އެންމެންނަށް ތަބާވާން ޖެހޭ ދުސްތޫރު ހަދަނީ ނުވަތަ އެކުލަވައިލަނީ ރައްޔިތުންނެއް ނޫނެވެ. މި ދުސްތޫރު އެކުލަވައިލަނީ ޤާނޫނީ ދާއިރާއާއި ސިޔާސީ ދާއިރާގެ މީހުންނެވެ. ސިޔާސީ ރައްޔިތުންނަށް ބަލައިއިރު މިއީ ނިސްބަތުން ވަރަށް ކުޑަ ޢަދަދެކެވެ. މިއިން ދޭހަވާ ޙަޤީޤަތަކީ ދައުލަތުގެ އެންމެ ބާރުގަދަ ލިޔުން މި ލިޔަނީ ދައުލަތުގެ ސިޔާސީ ރައްޔިތުންނެއް ނޫނެވެ. މި ދުސްތޫރު އެކުލަވައިލުމަށްފަހު ފެންނަނުފެންނަ ވޯޓަކަށް ހުށައެޅޭކަމަށް ބުނެފާނެއެވެ. އެކަމަކު މިއީ ހުރިހާ ޤައުމުތަކެއްގައި އެކަން އޮތް ގޮތެއް ނޫނެވެ.
މި ނުކުތާ އެއްފަރާތަށް ލައިފާ، ދުސްތޫރު ފާސްކުރެވެނީ ރައްޔިތުންގެ ވޯޓުން ކަމަށް ބުނާ ބެލުމަށް ބަލައލާއިރު މި ދަންނަވާ ކަންކަން ފާހަގަ ކުރެވެއެވެ.
1- ދުސްތޫރުގައި ސްޕެޝަލިސްޓންނަށް މެނުވީ ދެނެނުގެނެވޭނެ ފަންނީ އެތައް މަސްއަލަތަކެއް ވެއެވެ.އެއީ މުޅި މުޖްތަމައަށް ބަލައިއިރު ވަރަށް ވަރަށް މަދު މީސްކޮޅެކެވެ. މި މަދު މީސްކޮޅު އެކަމަށް އެއްބަސްވާ އެއްބަސްވުމަކީ ޙަޤީޤަތަށް ބަލައިއިރު ބުރަދަނެއް ހުރި ކަމެއް ނޫނެވެ. އަދި މި މަދު މީސްކޮޅު އެކަމާ ދެކޮޅު ހެދުމަކީވެސް އަގެއް ހުރި ކަމެއް ނޫނެވެ.
2- މި ނުކުތާ އެއްފަރާތްކޮށް ދުސްތޫރު ފާސްކުރެވޭގޮތަށް ބަލައިއިރު ހުރިހާ ރައްޔިތުންގެ އިއްތިފާޤުން ފާސްކުރެވިފައިވާ އެއްވެސް ދުސްތޫރެއް ދުނިޔެއަކު ނެތެވެ.ކޮންމެ ދުސްތޫރަކީ ވެސް ކޮންމެވެސް ބަޔަކު އެއަށް ތާއީދުކުރާ ކޮންމެވެސް އެހެން ބަޔަކު އެއާ ދެކޮޅުހަދާ އެއްޗެކެވެ. އެހެންވީމާ ސިޔާސީ ގިންތީގެ ވަރަށް ގިނަ ބަޔެއްގެ އަޑު މިވަނީ އިހްމާލު ކުރެވިފައެވެ.މި ދުސްތޫރު ބަލައިގަތުމުގައި މި މީހުންގެ ބަސް މި ވަނީ ބޮލައިލައި ޖަހައިފައެވެ.
3- މީގެ އިތުރަށް ދުސްތޫރު ނުވަތަ ޤާނޫނުތައް ފާސްކުރުމުގައި ބެލެނީ ވޯޓުލުމުގައި ބައިވެރިވި މީހުންގެ އަޣްލަބިއްޔަތަށެވެ. 50 % ށް ވުރެ އެންމެ ވޯޓެއް އިތުރުވެއްޖެނަމަ އަޣްލަބިއްޔަތު ލިބުނީއެވެ. އަނެއް 49 % މީހުންގެ ޙައްޤެއް ނެތެވެ. އެއަށް ރިޢާޔަތް ކުރުމެއް ވެސް ނެތެވެ.މިޞްރުގައި އެންމެފަހުން ބޭއްވުނު ރިޔާސީ އިންތިޚާބަށް ބަލައިއިރު ރައީސް ސީސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 80 % ށް ވުރެ ބޮޑު ޢަޣްލަބިއްޔަތަކުންނެވެ. އެކަމަކު މި އިންތިޚާބުގައި ވޯޓުލީ މީހުންގެ ޢަދަދަށް ބަލައިއިރު މިއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ( ސިޔާސީގެ ގިންތީގެ) އާބާދީގެ އެންމެ 24 % އެވެ. މިއީ ވަރަށް ގިނަ ޤައުމުތަކަކުން ( ޚާއްޞަކޮށް ތިންވަނަ ދުނިޔެއިން) ފެންނަ މަންޒަރެކެވެ.
4- މި ނުކުތާ ފަހަނަޅައިގޮސް ފާސްކޮށްފައިވާ ދުސްތޫރަށް ބަލައިނަމަ ޖީލެއްގެ ނުވަތަ ދެ ޖީލުގެ ފަހުން މި ދުސްތޫރުވާނީ ބިމުގައި ވަޅުލެވިފައިވާ މުޅަ އެއްޗަކަށެވެ. މީގެ މާނައަކީ ސިޔާދަތުގެ ވެރިންނަކީ މިހާރު ދިރިތިބީންނެއް ނޫނެވެ. މަރުތިބީންނެވެ. އެހެން ބަހަކުން ދަންނަވާނަމަ ދިރިތިބީންގެ މައްޗަށް ވެރިކަން އެ ކުރަނީ މަރުތިބީންނެވެ. ވީމާ، ރައްޔިތުންގެ ސިޔާދަތު ކޮބައިތޯ ސުވާލު ކުރަން އެބަ ޖެހެއެވެ.
5- މި ނުކުތާ ކަޑައްތުކޮށްފައި ކުރިއަށްދާއިރު މި ދުސްތޫރު އެކަށައެޅުނުއިރު ކުޑަ ކުދީންގެ ގޮތުގައި ތިބި މީހުން މިހާރު އެވަނީ ބޮޑެތި މީހުންނަށް ވެފައެވެ. އެ ވަގުތު ސިޔާސީ ސިޔާދަތު ނެތް މީހުން މިހާރު އެ ތިބީ ސިޔާދަތު ލިބިފައެވެ. ޤައުމު ހިންގުމުގައި މި މީހުންގެ ދައުރު ކޮބައިތޯ ސުވާލު ކުރަން ޖެހެއެވެ.
6- ރައްޔިތުންގެ ވެރިކަން ކަމަށް ބުނާ ޑިމޮކްރަސީގައި ރައްޔިތުންނަކީ ކޮބައިކަން ކަނޑައެޅުމުގައި ވެސް މަސްއަލަ އުޅެއެވެ. މިސާލަކަށް ޢިރާޤުގައި އުޅޭ ޢަރަބީންނާއި ކުރްދީންނަކީ ޢިރާޤު މީހުންނެވެ. ތުރްކީގައި އުޅޭ ތުރްކީންނާއި ކުރްދީންނަކީ ތުރްކީގެ ރައްޔިތުންނެވެ. ޖަޒާއިރުގައި އުޅޭ ޢަރަބީންނާއި ބަރްބަރީންނަކީ ޖަޒާއިރުގެ ރައްޔިތުންނެވެ. ނަމަވެސް ޢިރާޤުގައި އުޅޭ މިޞްރު މީހުންނަކީ ޢިރާޤު މީހުންނެއް ނޫނެވެ. ނަމަވެސް އެ މީހުންނަށް ވެސް އެ ރަށުގެ ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ބޯލަބަން ޖެހެއެވެ. އަދި އެމީހުންގެ އަތުން ޓެކްސް ވެސް ނަގައެވެ.އެކަމަކު އެއީ އެ ޤައުމުގެ ރައްޔިތުންނެއް ނޫނެވެ. މީގެ އިތުރަށް ގަލްފްގެ ބައެއް ޤައުމުތަކުގައި ( بِدُوْنِ) ކިޔާ ބަޔަކުވެސް އުޅެއެވެ. އެއީ އެއްވެސް ބިމަކަށް ނިސްބަތްވާ ބައެއް ނޫނެވެ. އެހެންކަމުން މި ފަދަ މީހުންނަށް ރައްޔިތުންގެ ސިޔާދަތުން އެއްވެސް ޙިއްޞާއެއް ނެތެވެ.މި މަސްއަލަ ޙައްލުކޮށް ދިނުމުގައި ޑިމޮކްރަސީ ވަނީ ނުކުޅެދިފައެވެ. އެމީހުން ދިރި އުޅޭ ޤައުމުގެ ޤަވާޢިދުތަކަށް ބޯލަނބަން ޖެހޭއިރު ، އަދި އެ ޤައުމުގެ ރައްޔިތުންނާ އެއްގޮތަށް ޓެކްސް ދައްކަން މަޖްބޫރުވާއިރު ވެރިކަމުގެ މައިދާނުގައި އެމީހުންނަށް ޙިއްޞާއެއް ނުލިބެނީ ކީއްވެގެން ހެއްޔެވެ؟
ވެރިކަންކުރުމުގެ އަހްލިއްޔަތު
ޑިމޮކްރަސީ ނިޒާމުގައި ވެރިކަންކުރުމުގެ އަހްލިއްޔަތު ލިބިފައިވާ މީހުންނަށް ބަލައިއިރު އެއީ ހުރިހާ ރައްޔިތުންނެއް ނޫނެވެ.އެކަމަކު އެއީ ވަރަށް މަދު މީސްކޮޅެކެވެ. ރައްޔިތުންގެ ދައުރަކީ ވެރިކަމަށް އެކަށީގެންވާ ވެރިން އިޚްތިޔާރު ކުރުމުގެ ބާރު ކަމުގައި ވިޔަސް މި ބާރު ރައްޔިތުންނަށް ( ނުވަތަ ސިޔާސީ ގިންތީގެ މީހުންނަށް ) ލިބެނީ ކޮންމެ ފަސް އަހަރަކުން ނުވަތަ ހަތަރު އަހަރަކުން ނުވަތަ ހަތް އަހަރަކުން އެއްފަހަރު އިންތިޚާބުގެ ވަގުތުޖެހި ވޯޓުލާން ޖެހުނީމައެވެ. މިއީ ވެސް ރައްޔިތުންގެ ސިޔާދަތު ޝާމިލުވާ ކަމެއް ނޫނެވެ. ޑިމޮކްރަސީ ފެށެނީ ރައްޔިތުންގެ ވެރިކަމުން ކަމުގައި ވިޔަސް ވެރިކަން މި ލިބެނީ އަޤައްލިއްޔަތަށެވެ. އެއީ ރައްޔިތުންގެ ހިތްތަކާ ކުޅެން ދަންނަ ، ކަންކަން ހިންގުމުގެ ޤާބިލުކަން ހުރި މުއްސަނދި " އެލީޓް" މަދު މީސްކޮޅެކެވެ. ހުޅަނގަށް ބަލައިއިރު ފޮތުގައި ލިޔެފައިވާ ރައްޔިތުންގެ ވެރިކަމެއް ހިނގާ ޤައުމެއް ނެތެވެ. ހުޅަނގުގައި މި ޑިމޮކްރަސީ އެލީޓުންނަކީ އެމީހުންނަށް ލިބިފައިވާ މުދަލާއި ބާރާއި ވާރުތަމުން އަންނަ ބައެއް އިމްތިޔާޒުތަކުގެ ސަބަބުން އެކަމަށް އަހްލުވެރިވުމުގެ ބަހާތަކުގެ ވެރިންނެވެ.