ޑިމޮކްރަސީ ޚަރާބުކުރާ ވެރިކަމުގެ ނިޒާމު

ޑިމޮކްރަސީ ޚަރާބުކުރާ ނިޒާމު ނުވަތަ ސިޔާސީ ވާގިވެރިންނަށް ބަދަލެއްލިބޭ ނިޒާމަކީ ، ސިޔާސީ ޕާޓީއަކަށް އިންތިޚާބެއް ކާމިޔާބު ކުރެވޭ ހިނދު ، ކެމްޕޭން ކޮށްދިން މީހުންނާއި ޢަމަލީގޮތުން ޙަރަކާތްތެރިވި ބަޔަކަށް ، ސަރުކާރުގެ މަޤާމުތައް ދިނުމާއި އެނޫންވެސް ބަދަލުގައި ފައިދާހުރި އިނާމެއް ނުވަތަ މޮޅެއްލިބޭގޮތަށް އިންތިޒާމް ވެގެންދާ ނިޒާމެކެވެ. މި ނިޒާމު ބިނާވެގެންވަނީ ސިޔާސީ ޙަރަކާތެއްގެ މައްޗަށެވެ. ސަރުކާރު ހިންގާ ޕާޓީއަށް އިންތިޚާބެއްގައި ނާކާމިޔާބުވެއްޖެނަމަ ، ކުރީގެ ސަރުކާރުން ދީފައިހުންނަ ސިޔާސީ މަޤާމްތައް ދޫކޮށްލަން ޖެހެއެވެ. އެއީ އެމީހަކު ނިސްބަތްވާ ޕާޓީއަށާއި އެޕާޓީގެ ސިޔާސަތަށް ތާއީދު ކުރުމުގެ ގޮތުންނެވެ. އެހެން ނަމަވެސް ، ބައެއް ފަހަރަށް ، ޕާޓީ ބަދަލުކޮށްގެން ، އިސް ބައެއް މަޤާމުތަކުގައި މީހުން ދެމިތިބެއެވެ. ޕާޓީ ކޮންޓްރޯލް ކުރާ ސަރުކާރު ބަދަލުވުމުން ، އާސަރުކާރުގެ އިސް މަޤާމްތަކަށް ، ސިޔާސީ މަސްއޫލިއްޔަތު ތަކާއެކު ، އައުމީހުން އާދެއެވެ. ޑިމޮކްރަސީ ޚަރާބުކުރާ ނިޒާމުގައި ، ސަރުކާރުގެ މެދުފަންތީގެ ވަޒީފާތަކާއި އާދައިގެ ބައެއްވަޒީފާތަކުގައި ތިބޭ މީހުންނަށްވެސް ވަޒީފާގެ ފުރުޞަތު ގެއްލެއެވެ. ޚާއްޞަކޮށް ،  ސިޔާސީ ޙިމާޔަތެއްގެ ދަށުން ވަޒީފާއެއް ލިބިފައި އޮތްނަމައެވެ.

އެމެރިކާގެ ރައީސެއްކަމުގައިވާ އެންޑްރޫ ޖެކްސަންގެ ކާޓޫނެއް 1877 ގައި: " ޚަރާބު ނިޒާމަށް ނިސްބަތްވާ ބަތަލުންނަށް " އަރާއިން ގަލުގައި ލިޔެވިފައި

ޚަރާބު ނިޒާމު ، ހަރުބަހެއްގެ ގޮތުގައި އެމެރިކާގެ ސިޔާސީ މައިދާނުގައި ބޭނުންކުރެވެން ފެށީ 1812 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް ، ނިއުޔޯރކްގެ ސެނެޓަރ ވިލިއަމް  މާރސީ ދެއްވި ތަޤްރީރަކާ ގުޅިގެން  1832 ވަނައަހަރު ، އެބަސް އިތުރަށް މަޝްހޫރު ވެގެންދިޔައެވެ. ރައީސް އެންޑްރޫ ޖެކްސަންގެ ވެރިކަމުގައި ހަމަޖެއްސެވި ސިޔާސީ ބައެއް މަޤާމުތައް ދިފާޢު ކުރައްވަމުން " ޚަރާބު ނިޒާމަށް ނިސްބަތްވާ ބަތަލުންގެ ޢަދުއްވުންނަށް " މާރސީ ވިދާޅުވެފައި ވެއެވެ. މާރސީގެ ދުވަސްވަރު ، ޚަރާބު ނިޒާމު ޙަވާލާދެވިފައި އޮންނަނީ ، އޮފީހެއް ހިންގުމުގެ ޒިންމާއާއި މަސްއޫލިއްޔަތު ޙަވާލު ކުރެވޭ ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި އެމްބެސެޑަރަނުން ފަދަ ސިޔާސީ މަޤާމު ތަކަށެވެ.

ޑިމޮކްރަސީ ޚަރާބުކުރާ ނިޒާމަށް ތާއީދު ކުރާމީހުން ، އެނިޒާމު ދިފާޢު ކުރަނީ ، ހިންގަ ހިނގާ އޮންނަ ޕާޓީއެއް ދެމިއޮތުމަށްޓަކައި ، އެޕާޓީއަށް ތާއީދުކުރާ މީހުންނަށް އިނާޔަތެއްގެ ގޮތުގައިދޭ ވަޒީފާގެ ފުރުޞަތު ތަނަވަސްވާ ކަމަށް ބުނެއެވެ. އޭގެ އިތުރަށް ، ސަރުކާރު ހިންގާ ޕާޓީއަށް ތާއީދުކުރާ މީހުންގެ ވަޒީފާގެ ކަށަވަރުކަންވެސް އެނިޒާމުން އުފައްދައެވެ. ހިންގުންތެރި ސަރުކާރަކަށް މަގުދައްކައިދޭ ނަތީޖާއެއް އެނިޒާމުން އުފަން ކޮށްދެއެވެ. އެއީ ، ވަޒީފާލިބޭ މީހާ މެދުވެރިކޮށް ، އޮފީސް ހިންގާ މީހާގެ ސިޔާސަތާއި ކެމްޕޭންގެ ވަޢުދުތައް ފުއްދަން އެހީތެރިވާތީއެވެ. އަނެއްކޮޅުން ، ޕާޓީއަށް ބޭނުންވާ ކަންކަމަށް ޚާއްޞަކޮށް ، ޚަރާބު ނިޒާމުގައި ވަޒީފާތައް އުފެއްދެމުން ދެއެވެ. ވަޒީފާލިބޭ މީހާގެ ހަމައެކަނި ޝަރުތަކަށްވެފައި އޮންނަނީ ޕާޓީއަށް ނިސްބަތްވާ މީހަކަށްވުމެވެ. ލިޔާޤަތާއި ޤާބިލިއްޔަތަށް ބެލުމެއް ނޯވެއެވެ. އަދި ގިނަފަހަރަށް ކުށުގެ ރިކޯޑަށްވެސް ބަލައިލުމެއް ނޯވެއެވެ.

މިގޮތަށް ގެނެވޭ ގިނަ ބަދަލުތަކުން ސަރުކާރު ހިންގުމުގެ ސިޔާސަތަކަށް މާބޮޑު ބަދަލެއް ނާދެއެވެ. ހަމައެކަނި އަންނަ ބަދަލަކީ ، މީހަކަށް ލިބިފައި އޮންނަ ވަޒީފާއެއް ގެއްލި ، އައު މީހަކަށް ނުވަތަ އައު ސަރުކާރަށް ނިސްބަތްވާ މީހަކަށް ވަޒީފާގެ ފުރުޞަތު ހުޅުވިގެން ދިއުމެވެ. މިފަދަ ބަދަލެއް ، އެމެރިކާގެ ސަރުކާރަށް ގެނެވުނެވެ. އެއީ އެއް އަހަރުދުވަހުގެ ތެރޭގައި 31،000 ޕޯސްޓްމާސްޓަރުން ބަދަލު ކުރުމެވެ. މިބަދަލާ ގުޅިގެން ސަރުކާރު ހިންގުމަށް އެކަށީގެންވާ ބޮޑު ، ހެޔޮ ބަދަލެއް އައެވެ.

އެމެރިކާގައި ހިނގި ދާޚިލީ ހަނގުރާމަޔާ ހަމަޔަށް ، ޑިމޮކްރަސީ ޚަރާބުކުރާ ނިޒާމަކީ ، 1820 ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު ކުރިޔަށް ދިޔަ ނިޒާމެކެވެ. ދާޚިލީ ހަނގުރާމަޔަށްފަހު ވެރިކަން ހިންގުމުގެ ނިޒާމަށް ، ޚާއްޞަކޮށް ، ސަރުކާރު މުއައްޒަފުންގެ ވަޒީފާގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. ޚާއްޞަކޮށް ، ހިންގުމަށް ގެނެވުނު އިޞްލާޙީ ބަދަލެއްގެ ދަށުން ، ސަރުކާރުގެ މުއައްޒަފުން ވަރަށް ގިނަ ޢަދަދަކަށް ކަނޑާލިއެވެ. މީގެ ތެރޭގައި ލިޔާޤަތާއި ޤާބިލިއްޔަތަށް ނުބަލައި ބަހައިލެވިފައިހުރި ގިނަ މަޤާމުތަކެއްގައި ތިބި ސަރުކާރުގެ މުއައްޒަފުން ހިމެނެއެވެ. އެފަދަ ގިނަބަޔެއްގެ ވަޒީފާ ގެއްލިގެން ދިޔައެވެ. ހަމައެއާއެކު ، މީހުންނަށް ވަޒީފާ އުފެއްދުމުގެ ބަދަލުގައި ، ވަޒީފާއަށް މީހުން އުފައްދައި ބިނާކުރުމުގެ ފުރުޞަތު ހުޅުވިގެން ދިޔައެވެ. ލިޔާ ޤާބިލިއްޔަތަށް ބަލައިގެން ، ފެންވަރަށް ބިނާކޮށް ، ވަޒީފާއަށް މީހުން ހަމަޖެއްސުމުގެ އާދަ އުފެދިގެން ދިޔައެވެ.

އެމެރިކާގައި ، 1883 ގައި ފާސްކުރި ޕެންޑްލްޓަން ފެޑެރަލް ސިވިލް ސަރވިސް އެކްޓް ވެގެންދިޔައީ ، ސަރުކާރު މުއައްޒަފުންގެ ދާއިމީ އޮނިގަނޑެއް އެކުލަވައިލެވި ، ފެންވަރަށް ބަލައިގެން ސަރުކާރު މުއައްޒަފުންގެ ވަޒީފާ ހަމަޖެއްސުމަށް ޤާނޫނީ ބާރެއް ލިބިގެންދިޔަ ޤާނޫނަކަށެވެ.  އަދި މި ޤާނޫނުގެ ދަށުން ، 20 ވަނަ ޤަރުނުގެ ފަހުކޮޅަށް އައިއިރު ، އެމެރިކާ ސަރުކާރުގެ ތެރޭގައި އޮތް ޚަރާބު ނިޒާމު އެއްކޮށް ކަހަލަ ގޮތަކަށް ނެތިގެން ދިޔައެވެ. އޭގެ ތެރޭގައި މައި ސަރުކާރާއި ސްޓޭޓް ތަކާ އަދި ސިޓީތަކުގެ ވަޒީފާތައްވެސް ހިމެނެއެވެ.

މީގެ އިތުރަށް ، ސަރުކާރު ހިންގާ ޕާޓީ ބޭނުންވާ ގޮތަކަށް ސަރުކާރު މުއައްޒަފުންގެ ކަންތައްތައް ބައްޓަން ކުރުމަށް ބޭނުންކުރެވެމުން އައި " ޚަރާބު ނިޒާމު " ، މިބަހަކީ ސިޔާސީ ބާރު ދަމަހައްޓަން ޤާނޫނާ ޚިލާފަށް ބޭނުން ކުރެވެމުންދާ ބަހަކަށް ބަދަލުވެގެން ދިޔައެވެ. ޑިމޮކްރަސީގެ " ޚަރާބު ނިޒާމު " ގެ ތެރޭގައި ނުފޫޒު ބޭނުންކޮށްގެން ސަރުކާރު ތެރޭގައި ހިންގޭ މާލީ މުޢާމަލާތުގެ ތެރޭގައި ހިމެނޭ ، ޤާނޫނާއި ޤަވާޢިދާ ޚިލާފު އެހެން ކަންތައްތަކެއްވެސް ހިމެނެއެވެ. ސަރުކާރު ވެރިކަމަށް ގެންނަން މާލީއެހީވެދޭ ފަރާތްތަކުގެ ބަސް ސަރުކާރަށް ވިކުން އޭގެތެރޭގައި ހިމެނެއެވެ. އަދި އެފަދަ ފަރާތްތަކަށް ސަރުކާރުގެ ޕްރޮޖެކްޓްތައް ދޫކުރެވި ، އަގު ދަށްކޮށް އެފަދަ ޕްރޮޖެކްޓް ތައް ދެވި ، އަދި ދައުލަތުގެ މާލިއްޔާއިން އެކިއެކި ގޮތްގޮތަށް އެކި ނަންނަމުގައި ބޮޑެތި ޢަދަދުތަކުން ، ސަރުކާރުގެ ފައިސާ ބެހިގެން ދިއުންވެސް ހިމެނެއެވެ. އަދި ހަމައެފަދައިން ، ސަރުކާރު ހިންގާ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކަށް ޤާނޫނީ ޙިމާޔަތްދެވި ، ކުށްވެރިވާ ޙާލަތުގައި ސަލާމަތްވެ ، ޓެކްސް މަޢާފުކޮށްދިނުންފަދަ އެތައް ކަމެއް ހިމެނެއެވެ. ވައްކަން ކުރުމާއި ޚިޔާނާތާ އަދި ފަސާދައިގެ ޢަމަލުތަކުން ، ޕާޓީއަށް ތާއީދުކުރާ މީހުން ކުށްވެރިވާ ހިނދު އެފަދަ މީހުން ސަލާމަތްކޮށް ޙިމާޔަތް ކޮށްދިނުންވެސް ހިމެނޭ މެއެވެ.

އެމެރިކާގައި އުފަންވި ޚަރާބު ނިޒާމަކީ ، އެމެރިކާގައި މީގެ އެތައް ދުވަހެއްކުރިން ބޭނުންކުރެވެމުން ގޮސްފައިވާ ނިޒާމެކެވެ. އެނިޒާމު މިހާރުވަނީ އެމެރިކާގެ ސަރުކާރު ހިންގުމުގެ ތެރެއިން ނެރެ ނައްތާލެވިފައެވެ. އެހެންނަމަވެސް ، ދުނިޔޭގެ އެހެން ޤައުމުތަކުގައި ، ޕާޓީތަކުން ވެރިކަމަށް އައުމަށާއި ، ވެރިކަމަށް އައުމަށްފަހު ވެރިކަން ދެމެހެއްޓުމަށް ، ހަމަ އެނިޒާމު މިހާރުވެސް ބޭނުން ކުރެވެމުން އެބަދެއެވެ. ޚާއްޞަކޮށް 3 ވަނަ ދުނިޔޭގެ ޤައުމުތަކާއި ފަޤީރު ޤައުމުތަކުގައެވެ. އެ ޤައުމުތަކުގައި ޑިމޮކްރަސީ އޮންނަނީ ނަމެއްގައެވެ. ޑިމޮކްރަސީގެ ފޮނިމީރުކަން ރައްޔިތުންނާ ހަމަޔަށް ތިލައެއް ނުވެއެވެ. އޭގެ ބަދަލުގައި ވެރިކަމަށް އަންނަ ސަރުކާރެއްގައި ވެރިކަންކުރާ މީހުން ބޭނުންގޮތަކަށް ސަރުކާރުގެ މާލިއްޔާ ދޮވެލައި ، ސަރުކާރުގެ މުދަލާއި ވަޞީލަތްތައް ނަހަމަގޮތުގައި ބޭނުން ކުރަމުން ގެންދިއުން އޮންނަނީ އާދައިގެ ޢާންމު ކަމަކަށް ވެފައެވެ. ގިނަ ޤައުމުތަކުގައި އެއް އިންތިޚާބުން އަނެއް އިންތިޚާބަށް ވެރިކަން ކުރާ ޕާޓީއާއި ސަރުކާރު ބަދަލުވެގެން ދިއުމުގެ އަސްލު ސަބަބަކީ އެއީއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. ތިޔަ ޙަރާމް ނިޒާމު ވަނީ މުޅި ދުނިޔޭގަ ވަކިހިއްޕައި އެނިޒާމުން މަންފާ ކުރާ އެންމެންނަށް ކުރާ މަންފާ އެއީ ޙަލާލު އެއްޗެއް ކަމަށް ޤަބޫލުކުރާ ނިޒާމަކަށް ވެފަ.

  2. ސަޅި. ރާއްޖެވެސް ހަލާކު ވެގެން މި ދިޔައީ ޚަރާބު ނިޒާމުގެ ސަބަބުން. އެކަމަކު ދެރަ ކަމަކީ އަދިވެސް އަތް ޖަހާ މީހުން އަތް ޖަހަނީ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.