މަޅުމަތި: ބަސް ދެކެ ލޯބިވުން

Photo credit: Ahmed Arushad, Arushad's Blog - arushad.org

ދިވެހިބަސް ހަދަހަދައިގެން އަހަރެމެންގެ މައްޗަށް ބާރު ފޯރުވާ ޖަމާއަތަކީ މިއީ ދޯއެވެ؟
ހިތުން މިއީ މާ މޮޅު ބައެކެވެ.
ކޮންމެ ދުވަހަކު ބައްދަލުވުމެއް ބާއްވާފައި ހިތަށް އެރި ގޮތަކަށް ބަސް ހަދަނީއެވެ.
އެއިން ބަހަކުން ކުރާ ފައިދާއެއް ނެތެވެ.
އާރުލާ ބަހެއް ނުހެދެއެވެ.
މި ބައިގަނޑުގެ މީހުން ހީކުރާ ގޮތުގައި އެހެން މީހަކަށް އެއްވެސް ކަމެއް، އެއްވެސް އެއްޗެއް ނޭނގޭނެއެވެ.

އަހަރެން ތަރުޖަމާ ކުރަމުން ދިޔައީމެވެ.
މި ހުރިހައި ވާހަކައެއް ޓުވިޓަރގައި އޭނާ ލިޔަމުން ދިޔައީ އިނގިރޭސި ބަހުންނެވެ.
ބޮޑުބޭބެ ބުންޏެވެ.
ކުރިއަށް ގެންދާށެވެ.
ދެން އޮތީ ކީކޭ ހެއްޔެވެ؟

އަހަރެން އަނެއްކާވެސް އިނގިރޭސި ޓުވީޓުތައް ތަރުޖަމާ ކުރަން ފަށައިފީމެވެ.
ދިވެހި ބަހަކީ ވަކި މީހެއްގެ އެއްޗެއް ނޫނެވެ.
އެއީ އަހަރެމެން އެންމެންގެ އެއްޗެކެވެ.
މިހެން ތަނަކަށް އެއްވެގެން އުޅޭ ދޮޅަހަކަށް މީހުންގެ އެއްޗެއް ނޫނެވެ.
ބަސް ހެދުމަކީވެސް އަހަރެމެންގެ ކަމެކެވެ.
ބަސް ދެކެ އަހަރެމެން ލޯބިވާ ވަރަކަށް މި މީހުން ލޯތްބެއް ނުވެއެވެ.
ތިޔައީ އަމިއްލަ އޮފީހަށް ކިޔާނޭ ދިވެހި ނަމެއް ނޭނގިގެން އުޅޭ މޮޔައިންތަކެކެވެ.

ބޮޑުބޭބެ ބުންޏެވެ.
ތިޔަ އެއްޗެއް ލިޔާ މީހާޔާ އަހަރެން މި ބުނާ ސުވާލު ދިވެހި ބަހުން ކޮށްބަލާށެވެ.
"ކަލޭ އެންމެ ފަހުން ދިވެހި ލިޔުމެއް ކިއީ ކޮން ދުވަހަކު ހެއްޔެވެ؟"

އަހަރެން އެ ސުވާލު ލިޔެފީމެވެ.

ކުޑަ އިރުކޮޅެއް ފަހުން ޖަވާބު އަތުވެއްޖެއެވެ.
އޭނާ ލިޔުނެވެ.
"ޑޫޑް... ކޭން ޔޫ ޓުވީޓް އިން އިނގްލިޝް..."

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.