ވައްކަމެއް ކޮށްފައި އޮތްނަމަ އެންމެފުރަތަމަ ޖަލަށްލާނީ އަޅުގަނޑު: މަހުލޫފް

ރައީސް އަބްދުﷲ ޔަމީންގެ ވެރިކަމުގައި ވެސް އަދި މިހާރުވެސް އެއްވެސް ވައްކަމެއް ކުރައްވާފައި ނުވާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަޙުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ފައިސާއިން 33،000 ޑޮލުރ މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައާ ގުޅިގެން އޭނާއަށް ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެފަދަ ފަރާތްތަކަށް މަހުލޫފު ވިދާޅުވެފައިވަނީ އެއްއިރެއްގައި ވެސް ވައްކަމެއް ނުކުރައްވާ ކަމަށެވެ. އޭނާގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ޞައްގޮތުގައި ހިންގާފައިވާ މުޢާމަލާތެއްގެ ތެރެއިން ވަދެފައިވާ ފައިސާ ކަމަށާއި އެކަން ބެލުމަށްފަހު ގޯސްކޮށް ކަމެއް ގޮސްފައިވާނަމަ އިސްތިއުފާ ދެއްވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެ މައްސަލާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ ވަނީ އެކަން ވަކިގޮތަކަށް ނިމެންދެން ގޭގައި މަޑުކުރައްވަން މަހުލޫފަށް އަންގަވައިފައެވެ.

އަޙުމަދު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެފައިވަނީ ކުރީގެ ރައީސް ޔާމީންގެ ފޮޓޯޖެހި ފޭކުޑޮލަރު މޭމަތީގައި ޖަހައިގެންހުރެ، ދޫވެހިކައިރިއަށް ފޭކު ޑޮލަރު އުކައި ޔާމީންގެ މައްސަލަ ފުލުހުންނަށް ހުށަހަޅައި ހެއްދެވީ ވައްކަމެއް ކޮށްފައި ނޯންނާނެތީ ކަމަށެވެ. "އެފަދަ ކަމެއް އޮތްނަމަ ހުރީހީ ޔާމީން ކައިރީ ތާށިވެފައި. އެފަދަ ކަމެއް އޮތްނަމަ އޭރު ފުރަތަމަ ޖަލަށްލާނެ އެކަކީ އަޅުގަނޑު،" މަހުލޫފް ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ތަޙުޤީގީ ރިޕޯޓު ހާމަކުރެއްވިއިރު ގެއްލިފައިވާ ފައިސާގެ ތެރެއިން ބޮޑުބައެއް ވަނީ އެކިފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާވެފައެވެ. އޭގެ ތެރޭގައި މަޖިލިސް މެމްބަރުންނާއި ސިޔާސީ އެހެން ބޭފުޅުންނާއި އަމިއްލަ ކުންފުނިތަކުގެ އެކައުންޓުތައް ހިމެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.