އަނިލް ކަޕޫރްގެ ދަރިފުޅު ސޯނަމް ކަޕޫރް މި ދެ ތިން އަހަރަކު ވަނީ ކާމިޔާބު ފިލްމުތަކެއް ކުޅެ މަގްބޫލުކަން ހޯދާފައެވެ. މިދިޔަ އަހަރު މޭ މަހު ލޯބިވެރިޔާ އާނަންދަ އަހޫޖާ އާއި ކާވެނި ކުރިފަހުން ވެސް އޭނާ އަންނަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ. ފިލްމުތަކުގެ މަސައްތާއި ނުވަތަ ޝޫޓިން ތަކަށާއި ފިރިމީހާ އާ އެކު ދަތުރު ކުުރުމުގައެވެ.
ޓީވީ ޝޯއަކުން ސޯނަމް ނުފެނި ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް މި ހަފްތާ ބަންދުގައި ކަޕިލް ޝަރްމާ ޝޯ އިން އޭނާ ބެލުންތެރީންނަށް ފެންނާނެއެވެ. ސޯނަމް ކަޕިލް ޝޯ އަށް ގޮސްފައިވަނީ އޭނާގެ ބައްޕަ އާއެކު ފުރަތަމަ ފަހަރަށް ކުޅުނު ފިލްމު "އެކް ލަޅްކީ ކޯ ދޭކާ ތޯ އޭސާ ލަގާ" ޕްރޮމޯޓް ކުރުމަށެވެ. ސޯނަމް އާއެކު ބައްޕަ އަނިލް ކަޕޫރް އާއި ރާޖް ކުމާރް ރާއޯ އާއި ޖޫހީ ޗާވްލާ ޝޯގައި ބައިވެރިވެއެވެ. މި ޝޯގައި ފިލްމާއި ގުޅޭ ގިނަ ކަންތައްތަކެއް ފިލްމުގެ ކާސްޓް ހާމަކުރާނެ ކަމަށް ބޮލީވުޑް ރިޕޯޓްތައް ބުނެއެވެ.
އާއްމުގޮތެއްގައި ޒާތީ ދިރިއުޅުމުގެ ވާހަކަ މީޑިއާ އާއި ހިއްސާ ނުކުރި ނަމަވެސް ސޯނަމް ވަނީ މި ކަޕިލް ޝަރްމާ ގެ އެޕިސޯޑްގައި ލޯބިވެރިޔާ އާއި ބައްދަލުވީ ގޮތާއި އޭނާ އާއި ލޯބިގެ ގޮތުން ގުޅިގެން އުޅޭކަން އާއިލާ އާއި ހިއްސާކުރި ގޮތް ކިޔާދީފައެވެ. އަދި ފިރިމީހާގެ ގިނަ ވާހަކަތަކެއް ވެސް ސޯނަމް ވަނީ ހިއްސާކޮށްފައެވެ. ސޯނަމްގެ ބައްޕަ ބުނެފައިވަނީ އޭނަ ދުވަހަކުވެސް ސޯނަމް އަށް ފިރިއަކު ހޯދައިދޭން މަސައްކަތް ކޮށްފައި ނުވާކަމަށެވެ.
'އެކް ލަޅްކީ ކޮ ދޭކާ ތޯ އޭސާ ލަގާ' އަކީ އެއްޖިންސުގެ މީހުންގެ މެދުގައި އުފެދޭ ލޯބީގެ ގުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ޓްރެއިލަރ އަށް ފަހު ގިނަ ބައެއްގެ ތައުރީފް ފިލްމަށް ލިބެމުންދެއެވެ. އަދި އެއާއެކު ގިނަބައެއްގެ ޝައުުގުވަނި ފިލްމަށް ހުއްިޓިފައެވެ.