ސިޔާސީ މަޤާމެއްގައި ހުންނެވިޔަސް އެކަމަނާއަކީ ސިޔާސީ ބޭފުޅެއް ނޫންކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީއަށާއި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި ބޭފުޅަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެކަމަނާ ވިދާޅުވީ މިނިސްޓަރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން އެކަމަނާއަކީ އެއްގޮތަކަށް ވެސް ސިޔާސީ ބޭފުޅެއް ނޫންކަމަށެވެ. އަދި އެފަދަ މަޤާމަކަށް ވަޑައިގެންނެވިޔަސް ވިސްނުން ގެންގުޅުއްވަނީ އެއްވެސް ސިޔާސީ ނުފޫޒަކާނުލައި ތަޢުލީމީ ދާއިރާ ތަރައްޤީ ކުރައްވަން ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލީޙުގެ ކެބިނެޓުގެ އެޑިޔުކޭޝަން މިނިސްޓަރުކަން އެކަމަނާއަށް ދެއްވީ މިކަންކަން ރައީސަށް އެނގިވަޑައިގަންނަވާތީ ކަމަށްވުން އެކަށީގެންވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. "ރައީސް އަޅުގަނޑު މިމަޤާމަށް އައްޔަން ކުރެއްވީ ތަޢުލީމީ ދާއިރާ ސިޔާސީ ނުކުރާނެ ކަމަށް އެނގިވަޑައިގަންނަވާތީ ކަމަށް ވެސް ވެދާނެ،" މިނިސްޓަރ ވިދާޅުވިއެވެ.
ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ އެކަމަނާ އަބަދު ވެސް ބޭނުންފުޅުވަނީ އެންމެނާ ގުޅިވަޑައިގެން މަސައްކަތް ކުރައްވަން ކަމަށެވެ. އެހެންވީމާ "އިރާދަ ކުރެއްވިއްޔާ އަޅުގަނޑު މަސައްކަތް ކުރާނީ މުޖުތަމަޢުގެ އެއްބާރުލެއްވުމާއެކު ތަޢުލީމީ ދާއިރާ ކުރިއަރުވަން،" މިނިސްޓަރ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބައެއް ބޭފުޅުން ވިދާޅުވީ ތަޢުލީމީ ދާއިރާ ސިޔާސީ ކުރުމުގެ ބަދަލުގައި އެފަދަ ނުފޫޒެއްނެތް ގޮތަށް އެދާއިރާ ކުރިއެރުވުމުގެ ފުރުޞަތު ކޮންމެ ސަރުކާރަކުން ވެސް ދެއްވަންޖެހިވަޑައިގަންނަވާނެ ކަމަށެވެ.
މިނިސްޓަރ އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މާލެ ވަޑައިގެންނެވީ އިއްޔެ ހަވީރުއެވެ. މިއީ އެ ދެ ސިޓީގެ ސްކޫލްތަކުގެ ޙާލަތު ބައްލަވައި ލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ކިތަންމެ ނުވާން އުޅުނަސް ވެރިކަމުގެ ތެރޭ ، ސަރުކާރު ހިންގާ ވަޒީރުންގެތެރޭ ސިޔާސީނުވެ ކުރިޔަކަށް ނުހިނގޭނެ. އިންތިޚާބު ތައްބޯމަތިވާއިރަށް ސިޔާސީ ހުރަސްތައް އަރިއަރިމަތިން އަންނާނެ. މަތިންވެސް ކަންކަން އަންނާނެ. ދަށުންވެސް އަންނާނެ. ބޮޑުން ރަށްރަށަށް އަރާތަނަށް ސްކޫލްކުދިން ނުނެރުމަށް އެންގި އެންގުމަކީވެސް ކީއްކަން އެކުރެވެނީ ނޭނގިހުރެ ނިންމުނު ސިޔާސީ ނިންމުމެއް. ބޭނުންވާ ބައެއް ކަންކަމާއި ގޮތްގޮތް ހުންނާނެ ނުބުނެ އެހެނަސް އެއާ ދުރުވެ އަދި ކައިރިވެވޭ. ޢިލްމުގެ ބޭނުން ހިފޭނީ ތަޖުރިބާ މަދުކަމަށްވިޔަސް ، ތަޖުރިބާ ހޯދަމުން އޭގެތެރެޔަށް ޙިލްމުވެސް ލައިގެން.
ސިޔާސީ ބޭފުޅެއްނޫން. އައްޑު އަށް ދިޔަ އިރު 2 މެމްބަރުން ގޮވައިގެން ގޮސް ކީއްކުރީ.