އަބްދުﷲ ގާޒީ ހައްޔަރު ކުރީ އެމްއެންޑީއެފުން، އަޅުގަނޑުގެ ދައުރެއް ނެތް- ނަޝީދު

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުޙަންމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރުމުގައި ރައީސް މުޙަންމަދު ނަޝީދުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރު ކުރުމާއި ގުޅިގެން 13 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައި ވަނިކޮށް އެ ޙުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ރާއްޖެ ވަޑައިގެން މިހާރު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ރައީސް ނަޝީދުގެ އެ މައްސަލަ ރިވިއު ކުރުމަށް މިއަދު ބޭއްވި އަޑު އެހުމުގައި ވިދާޅުވީ ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރީ އެމްއެންޑީއެފުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ކަންތައް އެމްއެންޑީއެފުން ކުރިޔަށް ގެންގޮސްފައިވާއިރު އެމަނިކުފާނު އެމައްސަލައިގައި ސިފައިންނަށް ލަފައެއް އަރުވާފައިވެސް ނޯންނާނެ ކަމަށެވެ. ނަޝީދުގެ ވަކީލް ޙިސާން ޙުސައިންވެސް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ކަންތައް ކުރިޔަށް ދިޔައީ އެމްއެންޑީއެފާއި ފުލުހުން އެދިގެން ކަމަށެވެ. މިއަދު އޮތް ޙުކުމް ރިވިއު ކުރުމުގެ މައްސަލައަށް ފަހު ދެން އޮންނާނީ ޙުކުމް ކުރުމުގެ ޖަލްސާއެވެ.

ޓެރަރިޒަމްގެ ކުށުގައި ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ޙުކުމުގައި އެމަނިކުފާނު ދުވަސްކޮޅެއް ވަންދެން ޖަލުގައިވެސް އޮންނެވިއެވެ. ނަމަވެސް ފަހުން ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ފަހު އެގައުމުން ޙިމާޔަތް ހޯއްދެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތީ ރައީސް ޔާމީންގެ ވެރިކަން ނިމުމުންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.