ބޮލީވުޑާއި ގުޅުން ހުރި މައްސަލައެއްގައި ބަހްރެއިން ގެ ޝާހީ އާއިލާގެ މެންބަރެއްގެ އަތުން 33.5 މިލިއަން ޑޮލަރު ހޯދަން ވިޔަފާރިވެރިއަކު ދައުވާ ކޮށްފިއެވެ. ވިޔަފާރިވެރިއާ ލަންޑަންގެ ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ބަހްރެއިންގެ ރަސްގެފާނުގެ ބޮޑުބޭބޭފުޅުގެ ދަރިކަލުން ޝައިޚް ޙަމަދް ޢީސާ އަލްޚަލީފާ އާއި ދެކޮޅަށެވެ. އޭނާ ދައުވާކުރާ ގޮތުގައި ޝައިޚް ޚަލީފާ އޭނާއަށް ދޭން އެއްބަސްވެވަޑައިގެންނެވި 33.5 މިލިއަން ޑޮލަރުގެ ތެރެއިން ދީފައިވަނީ އެންމެ 3 މިލިއަން ޑޮލަރެވެ.
ވިޔަފާރިވެރިޔާ އަޙްމަދް އަދީލް ޢަބްދުﷲ އަޙްމަދް އާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝައިޚް ޚަލީފާ އެދިވަޑައިގެންނެވީ ޝާހް ރުކް ޚާން ހިމެނޭ ގޮތަށް ބޮލީވުޑްގެ 26 ފަންނާނުންނާ ބައްދަލުކުރައްވާށެވެ. އަދި ކޮންމެ އެކްޓަރަކާ އެކު ބާއްވާ ބައްދަލުވުމަކަށް 1.5 މިލިއަން ޑޮލަރު އަދި ކޮންމެ ތިން ބައްދަލުވުމަކުން އެއްބައްދަލުވުމަކަށް 1.5 މިލިއަން ޑޮލަރު ދޭން އެއްބަސްވެފައިވެއެވެ.
ފަހު ވަގުތު ފައިސާ ދައްކައި ޚަލާޞް ކުރުން މަނާކޮށް މި މައްސަލަ އަންގާރަ ދުވަހު ހައި ކޯޓުގައި ކުރިއަށްދާނެ ކަމަށް ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓުކުރެއެވެ. ލަންޑަންގެ ހައި ކޯޓަކަށް ވިޔަފާރިވެރިޔާ ހުސަހެޅީ މައްސަލައިގައި ވަނީ ޝައިޚް ޚަލީފާ ބައްދަލުކުރަން ބޭނުންވާ 26 ތަރީންގެ ލިސްޓެއް ދީފައިވާ ކަމަށެވެ. އަދި 2016ވަނަ އަހަރުގެ ކުރީކޮޅު މުމްބާއީގައި ސަލްމާން ޚާން އާއި ބައްދަލުކޮށްފައިވާ ކަމަށާއި އެ އަހަރުގެ މާޗު މަހު ދުބާއީގައި އަދިތްޔާ ރޯއި ކަޕޫރް އާއި ރަންވީރް ސިންހް އާއި ބައްދަލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ފަހުން ޝައިޚް ޚަލީފާ އެއްބަސްވުމާ ޚިލާފުވީ ކަމަށް ވިޔަފާރިވެރިޔާ ބުނެއެވެ. ޝައިޚް އާއި ހަވާލާދީ ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެފަދަ ގާނޫނީ އެއްވެސް އެއްބަސްވުމެއް ވިޔަފާރިވެރިޔާ އާއެކު ކޮށްފައި ނުވާނެއެވެ. އޭނާ ވަނީ ލިސޓެއް ދިންކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. ނަމަވެސް ބޮލީވުޑްގެ ފަސް ތަރިންނާ ބައްދަލު ކުރިކަމަށް އޭނާ ވަނީ އެއބްސްވެފައެވެ.
ބަހްރެއިންގެ ހައިކޯޓުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މިދިޔަ އަހަރު ކޯޓުން ވަނީ ނިންމާފައެވެ. އަދި އޭނާގެ ވިޔަފާރި ލަންޑަންގައި އޮތުމުން ލަންޑަންގެ ކޯޓެއްގައި ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް ކޯޓުންވަނީ ނިންމާފައެވެ. ލަންޑަންގެ ކޯތުގައި މައްސަލަ ކުރިއަށް ދިޔަނަމަވެސް ބޮލީވުޑްގެ އެއްވެސް ފަންނާނަކު ހެކިބަސް ދޭން ނުޖެހޭ ކަމަށް ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓުކުރެއެވެ.