ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ފެށެން މިއުޅޭ 11 ވަނަ ދައުރުގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެފައިވާ ރައީސްގެ ޙައިސިއްޔަތުން އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ ރައްޔިތުންގެ ވެރިކަން ރައްޔިތުންގެ ކިބައިގައި ދެމިއޮތުން ކަށަވަރުކުރުމެވެ.
ދައުލަތެއްގެ ޙަޤީޤީ ވެރިންނަކީ ރައްޔިތުންކަމާއި، މަޤާމުތަކަށް އިންތިޚާބުވުމަކީ ރައްޔިތުން ޙަވާލުކުރާ ޒިންމާއެއްކަމާއި، އެއީ އެރުވޭ ޝަރަފެއް ނޫންކަމަށް ރައީސް މުންތަޚަބު އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ނެރުއްވައިފައިވާ ޚިތާބެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމަކީ ރައްޔިތުން އަރުވާ ޝަރަފެއް ނޫންކަން ހަނދުމަފުޅު ބެހެއްޓެވުމާއި، އެހެން މީއަބަދުމެ ހަނދާނުގައި ބެހެއްޓުމާއި، އެހެން މީހުންނަށް ހަނދާންކޮށްދެއްވުމަކީ ވެސް އެމަނިކުފާނުގެ ވާޖިބެއް ކަމަށް ކަމަށް ދެކެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ނެރުއްވި ޖުމްހޫރީ ދުވަހުގެ ޚިތާބުގައި ވިދާޅުވެފައިވަނީ "ޖުމުހޫރީ ވެރިކަމަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި އުފައްދާ ރައްޔިތުންގެ ވެރިކަމެކެވެ. މަޝްވަރާގެ ރީތި އުޞޫލުން ރައްޔިތުންގެ ކަންކަން ހިންގުމަށް ޤާއިމްކުރެވޭ ވެރިކަމެކެވެ. މި ނިޒާމުގައި ވެރީންނަކީ ރައްޔިތުންގެ ޚާދިމުންނެވެ. އެމީހުންގެ އެންމެ ބޮޑު ވާޖިބަކަށް ވާނީ ރައްޔިތުންނަށް ޖަވާބުދާރީވުމެވެ. އެމަގަށް ކަންކަން ނުދާނަމަ އެކަމުގައި ބަސްބުނެ، އެ ނޫން މަގަކަށް ޤައުމުގެ ހުންގާނު އަނބުރާލުމަކީވެސް ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންނަށް ލިބިފައި އޮންނަ ޙައްޤެކެވެ. ވެރިންގެ ގޮތުގައި އިސްކުރެވޭ ޚާދިމުންނަށް ހުރީ ރައްޔިތުންގެ ނިންމުމާ ރުހި ކިޔަމަންވުންކަމީ ޖުމްހޫރީ ވެރިކަމުގެ އެންމެ އަސާސީ އެއް ފަލްސަފާއެވެ."
އެމަނިކުފާނު ވިދާޅުވެފައިވަނީ ވެރިއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާން ވާނީ އެތަނެއްގައި ޢަދުލު އިންޞާފު ޤާއިމު ކޮށްދެއްވުން ކަމަށެވެ. ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވުމަށްފަހު 10 ދައުރު ވޭތުވެގެންދިޔައީ ކަމަށާއި، އެ ދުވަސްވަރު އެކަން ކުރެވިފައިވަނީ ކިހައި ވަރަކަށްކަމާއި، އެ ދައުރުތަކުގައި ވެރިން ކުރެއްވި މަސައްކަތަކުގެ ފޮނިކަން ނުވަތަ ހިތިކަން ލިބިވަޑައިގެންފައި ވަނީ ކިހައި މިންވަރަކަށްކަން ނިންމަވާނީ ދިވެހި ރައްޔިތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.