ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމްގައި މީރާއިން ބައިވެރިވެއްޖެ

13335933_1125506917506237_5556624210178394131_n

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން މިއަދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ ޙައްޖު ކޯޕަރޭޝަނުން ކުރިއަށްގެންދާ މުވައްޒަފުންގެ ސްކީމުގައި މީރާއިން ބައިވެރިވެ، މީރާގެ މުވައްޒަފުންނަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ފަހިކުރުވުމާއި، ޙައްޖަށް ދިއުމަށްޓަކައި މުވައްޒަފުންގެ ސްކީމުގައި ބައިވެރިވާ މުވައްޒަފުން ދައްކަންޖެހޭ ފައިސާ މީރާ މެދުވެރިކޮށް ދެއްކޭނެ ގޮތް ހަމަޖައްސައިދީ، އެ ކަންކަމާބެހޭ ގޮތުން ދެ ފަރާތުން ޢަމަލުކުރާނެ ގޮތްތައް އެކުލަވައިލުން ކަމުގައި އެ އޮތޯރިޓީން މައުލޫމާތު ދެއްވައެވެ.

އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ މީރާގައި މިއަދު ހެނދުނު 10:00 ގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އެމް.އޯ.ޔޫގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދެވެ. އަދި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދްރީސް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ޔަޒީދު މުޙައްމަދު ވިދާޅުވީ މީރާ އުފެދުނީއްސުރެ މަސައްކަތްކުރަމުންދަނީ މުވައްޒަފުންނަށް ދިމާވެފައިވާ އެކިއެކި ކަންކަމަށް ލުއި ފަސޭހަ ގޮތްތައް ހޯއްދަވައިދިނުމަށް ކަމަށެވެ. އެހެންކަމުން މި ސްކީމުގެ ސަބަބުން ފަސޭހައިން ލާރި ދެއްކުމުގެ އިންތިޒާމެއް ހަމަޖެހިގެންދިއުމާއެކު ދީނީ ފަރުޟެއް އަދާކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާ ކަމަށް ފާހަގަކުރެއްވިއެވެ. އަދި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވީ މިފަދަ ސްކީމެއް އެކުލަވާލުމުގެ މަގުސަދަކީ ދިވެހި ރައްޔިތުންނަށް ޙައްޖަށް ދިއުމުގެ މަގު ތަނަވަސްކޮށްދިނުމެވެ. އެ ގޮތުން މި ސްކީމުގައި ސަރުކާރުގެ 19 އިދާރާއަކުން މިހާރު ބައިވެރިވެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.