ރަނިލް މަގާމުން ދުރުކުރީ ސިރިސޭނާ އަވާހަކޮށްލަން ބަޔަކު ރޭވި މައްސަލައާ ގުޅިގެން

ރާޖަޕަކްސާއަށް ތާއީދު ކުރާ ބަޔަކު އިއްޔެ ކޮލޮމްބޯގައި ފުލުހުންނާ ކުރިމަތިލަނީ

ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ އެ މަގާމުން ދުރުކުރެއްވީ ރައީސު މައިތިރިޕާލާ ސިރިސޭނާ އަވަހާރަކޮށްލަން ރޭވި ރޭވުމުގައި ރަނިލްގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރަކުގެ ބައިވެރިވުން އޮތްކަން ތަހުގީގަށް ހާމަވުމުން ކަމުގައި ސިރިސޭނާ ވިދާޅުވެއްޖެއެވެ.

އާދީއްތަދުވަހުގެރޭ ގައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސު ސިރިސޭނާ ވިދާޅުވީ އޭނާއާއި ކުރީގެ ޑިފެންސް މިނިސްޓަރަކު އަވަހާރަކޮށްލަން ރޭވީ ރޭވުމުގައި ކެބިނެޓް މިނިސްޓަރަކު ބައިވެރިވެޑައިގަންނަވާކަމަށް ތަހުގީގަށް މީހަކު ބަޔާންދީފައިވާ ކަމަށެވެ.

އޭނާގެ ވާހަކަފުޅުގައި އެ މިނިސްޓަރަކު ނަމެއް، އެ ރޭވުމުގެ ތަފްސީލެއް، އަދި އެ ބަޔާނަށް އިތުބާރު ކުރެއްވި ސަބަބެއްވެސް ހާމަކުރައްވާފައި ނުވެއެވެ.

ސިރިސޭނާ އަވާހަރަކޮށްލަން ބަޔަކު ރޭވިކަން ފުރަތަމަ ހާމަކުރި ފުލުސްމީހާ، ނަމަލް ކުމާރާ އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ ރަނިލް ވިކްރަމަސިންހައާއި، އޭނާގެ ކެބިނެޓް މިނިސްޓަރަކާއި، ސިފައިންގެ ކުރީގެ ކޮމާންޑަރު ސަރަތު ފޮންސޭކާ އެ ރޭވުމުގައި ބައިވެރިވެވަޑައިގަންނަވާ ކަމުގައެވެ.

ރަނިލް އަދި ފޮންސޭކާވެސް މިކަމާގުޅޭ ގޮތުން އަދި އެއްޗެއް ވިދާޅުވެފައި ނުވެއެވެ.

ރަނިލް ވިކްރަމަސިންހަ މަގާމުން ދުރުކުރި މައްސަލަ މިހާރު ވަނީ ބޮޑު ގާނޫނީ ބަހުސަކަށް ވެއެވެ. އެއީ ގާނޫނު އަސާސީއާ އެއްގޮތް ފިޔަވަޅެއްތޯ ނުވަތަ ނޫންތޯ ނިންމަވާނީ ސްރީލަންކާގެ ސުޕްރީމް ކޯޓުންނެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހެޅިކަމެއް އެނގިފައި ނުވެއެވެ.

ސްރީލަންކާގެ ގާނޫނު އަސާސީއަށް 2015 ވަނަ އަހަރު ގެނެވުނު ބަދަލުގައިވާ ގޮތުން ބޮޑުވަޒީރެއްގެ މަގާމު ގެއްލޭނީ އޭނާ އަވަހާރަވުމުން، އިސްތިއުފާދިނުމުން، ނުވަތަ ގާނޫނު ހަދާ މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމަށް ފާސްކުރުމުންނެވެ. ގާނޫނީ ބައެއް މާހިރުންގެ ނަޒަރުގައި، ރައީސު ސިރިސޭނާ ކުރީގެ ރައީސު ރަޖަޕަކްސަ ބޮޑުވަޒީރުކަމަށް އައްޔަން ކުރެއްވީ "ރައީސަށް ފެނިވަޑައިގަންނަވާ ގޮތުގައި ގާނޫނުހަދާ މަޖިލީހުގެ ތާއީދު ހޯދޭނަކަމަށް އެންމެ ބޮޑަށް ބެލެވޭ މީހަކު" ބޮޑުވަޒީރުކަމަށް އައްޔަން ކުރެއްވުމުގެ ބާރު ރައީސަށް ގާނޫނު އަސާސީން ލިބިދޭ މާއްދާއަށް ރިއާޔަތްކުރައްވައިފައެވެ.

ރަނިލް ވަނީ އޭނާއަކީ އަދިވެސް ބޮޑުވަޒީރުކަމަށް ވިދާޅުވެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ޓެމްޕަލް ޓްރީ ދޫކޮށް ވަޑައިގަތުމަށް ދެކޮޅުހައްދަވާފައެވެ. އެތަން ވަށާލައި މީހާރު ތިބީ އޭނާއަށް ތާއީދުކުރާ މީހުންނެވެ. އަނެއްކޮޅުން ރައީސު ސިރިސޭނާ ވަނީ ބޮޑުވަޒީރެއްގެ ގޮތުގައި ދައުލަތުން ރަނިލްއަށް ލިބިދިން އިނާޔަތްތައް ކަނޑުއްވައިލައްވާފައެވެ. އަދި ސިރިސޭނާ ގެންދަވަނީ ރާޖަޕަކްސަގެ ކެބިނެޓް ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ތައްޔާރުވެވަޑައިގަންނަވަމުންނެވެ.

ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ގާނޫނު ހަދާ މަޖިލީހުން ބޮޑުވަޒީރުކަމަށް ތާއީދުއޮތީ ކޮން ބޭފުޅަކަށްތޯ ކަނޑައަޅަންދެން މިމައްސަލަ ދެމިގެން ގޮސްފިނަމަ، ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެދާނެކަމުގެ ބިރު އެބައޮތެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.