ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަަމަސިންހާގެ އިތުބާރުނެތްކަމަށް މިއަދު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާ މައްސަލަ ބަލިކޮށްލެވޭނޭ ކަމުގެ ޔަގީންކަން އެބައޮތްކަމަށް އޭނާގެ ޕާޓީ، ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ބުނެފިއެވެ. އެޕާޓީ އޮތީ ބޮޑުވަޒީރުގެ ފަހަތްޕުޅުގައެވެ.
225 ގޮނޑި ހިމެނޭ މަޖިލީހުގައި 107 ގޮނޑިއާއެކު އެންމެ ބޮޑު ޕާޓީއެއްގެ ގޮތުގައި އޮތީ ޔޫއެންޕީއެވެ. ނަމަވެސް އޭނާއަށް ދެކޮަޅަށް ވޯޓުދެއްްވާނެ މެންބަރުން ކޮންމެވެސް ވަރަކަށް އެޕާޓީގައި އެބަތިއްބެވިއެވެ. ބޮޑުވަޒީރު ރަނިލް އަށް މަޖިލީހުގައި އަޣުލަބިއްޔަތު ލިބިފައި އޮތީ ރަައީސު މައިތިރިޕާލާ ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓި (އެސްއެލްއެފްޕީ) ގެ 42 މެންބަރުންގެ ތާއީދާއެކުގައެވެ. އެހުރިހާ މެންބަރުން ރަނިލްއާ ދެކޮޅަށް ވޯޓު ދެއްވުމަށް ނިންމަވައިފިނަމަ، ކުދި ޕާޓީތަކުގެ ތާއީދާއެކު މެނުވީ ވޯޓު ކާމިޔާބު ނުކުރެއްވޭނެއެެެވެ. އެސްއެލްއެފްޕީގެ 55 މެންބަރުން ތިއްބެވީ ކުރީގެ ރައީސު މަހިންދަ ރާޖަޕަކްސައާ އެކުގައެވެ. ރާޖަޕަކްސަ ބޭނުންފުޅު ވަނީ ބޮޑުވަޒީރު މަގާމުން ދުރުކުރެއްވުމަށެވެ.
މިވޯޓާގުޅިގެން ދެ ޕާޓީގެ ދެެމުދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާއަށް ވޯޓުން ސަލާމަތްވެވަޑައިގަތަސް، ސަރުކާރުގެ ތެރޭގައި ކޯޅުން ބޮޑުވެ ހަމަޖެހޭ ވެރިކަމެއް ނުކުރެވޭނޭ ކަަމަށް ގިނަ ބަޔަކު ދެކެއެވެ.
ބޮންޑު މާކެޓުގައި ހިނގި ކޮރަޕްޝަނުގެ މައްސަަލައާއި، އިގުތިސާދީ ދުވެލި 2001 ވަނަ އަހަރަށް ފަހު ދަށް ނުވާވަރަށް ދަށްވުމާއި، ރުޕީގެ އަގު ދަށްވުންފަދަ މައްސަލަަތަގެ ސަބަބުން ރަނިލްއަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ.
ރައީސު ސިރިސޭނާގެ ޕާޓީން މަސައްކަތްކުރަމުން ގެންދަނީ އިތުބާރުނެތްކަމުގެ ވޯޓުގެ ކުރިން މަގާމުން އިސްތިއުފާ ދެއްވަން ބޮޑުވަޒީރު އެއްބަސްވެވަޑައިގަންނަވާތޯއެވެ. ނަމަވެސް އޭނާ ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ.
"ޕާޓީގެ އާއްމު ޚިޔާލު ހުރީ އިތުބާރުނެތްކަމުގެ ވޯޓަށް ތާއީދުކުަރަން." ރައީސު މައިތުރިޕާލާ ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓަރެއް ކަމުގަައިވާ ލަކްޝްމަން ޔާޕާ އަބޭވަރްދަނޭ ވިދާޅުވިއެވެ.
"އެއްވެސް އޮޅުމެއް ނެތް ގޮތުގައި އެެސްއެލްޕީ ދެކެނީ ބޮޑުވަޒީރު އިސްތިއުފާދެއްވަން ޖެހޭ ކަމަށް." އޭނާ އިތުރަށް ވިދާޅުވިއެވެ.