އެނބުރޭ ވަހުތާން (28)

(1 އޮކްޓޯބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޝަބާނާ ވަނީ ވަރަށް ބޮޑަށް އެކަނިވެރި ވެފައެވެ. މިހާރު ބަލިވެ އިނދެއްޖެވެސްމެއެވެ. އެކަމަކު އެއްވެސް ކަމަކަށް ބަދަލެއް ނައެވެ. އަންނަން އުޅޭ މެހުމާނާ މެދު އެއްވެސް ކަހަލަ ޝައުޤުވެރި ކަމެއް ބަހައްޓާ މީހަކަށް ހުރީ ހަމައެކަނި އިޤްބާލުގެ ބައްޕަ އަޙްމަދު ނިހާލެވެ. އޭނާ ޝަބާނާ ކޮޓަރިއަށް ގެން ގޮސްގެން ކާފަ ދަރިފުޅުގެ މުސްތަޤްބަލުގެ މަޝްރޫޢުތައް ރާވައެވެ. އެކަމަކު އޭނާވެސް ރުޅި އައިސްފައި ހުންނަ ވަގުތު ޝަބާނާޔަކާ އަޅައެއް ނުލައެވެ. ބަލިވެ ގިނަ ދުވަހު އޮންނަން ޖެހުމުގެ ސަބަބުން އޭނާގެ ރުޅި ވަނީ ވަރަށް އަވަސް ވެފައެވެ. އިޤްބާލު ޝަބާނާގެ އެކަނިވެރި ކަމާމެދު ވިސްނައެއް ނުލައެވެ. އަދި ލިބެން އުޅޭ ކުޑަ ދަރިފުޅާމެދު ފިކުރެއްވެސް ނުމެ ކުރޭމެއެވެ. ޝަބާނާއަށް އަރާމު ބޭނުންކަމާއި، ޕާޓީތަކުގެ ބުރަ އުފުއްލޭވަރު ނުވާކަމެއް އޭނާއަކަށް އިޙްސާސެއް ނުކުރެވެއެވެ.

ޕާޓީ ތަކަށް ގޮސް އިޤްބާލު އެހެން އަންހެނުންނާ ފޮށި، ސަމާސާކޮށް ހަދާތަން ޝަބާނާ އަށް ފެނެއެވެ. އެކަމަކު ޝަބާނާ ރުޅިއެއް ނާދެއެވެ. އޭނާ ރުޅި އަންނަނީ އިޤްބާލު ދެކޭ ފޮނި ހުވަފެން ދެކެއެވެ. ވިއްސިވިހާލި ވެފައިވާ ހިނދުވެސް ދެކެމުން އަންނަ ހުވަފެން ދެކެ އޭނާ ރުޅި އާދެއެވެ.

* * *

ނަޞީރު ޕިޔާނާ ޖަހާކަށް ޤަބޫލެއް ނުވިއެވެ. އެހެން ނަމަވެސް ރޫފީ ނެތުމުން މިއުޒިކް ގްރޫޕްގެ ވެރިކަން ލިބުނީ އޭނާއަށެވެ. ގްރޫޕްގެ އެހެން މީހުންނާ އޭނާޔާ ދެމެދު ވަނީ ފާރެއް ލެވިފައެވެ. ރޫފީ ދެކެ ލޯބި ވަނީ އޭނާ އެކަންޏެއް ނޫނެވެ. ގްރޫޕްގެ އެންމެންވެސް މެއެވެ. ރޫފީ މަރުވުމުން އެކަމުގެ ފައިދާ ނަޞީރަށް ކުރިތަން އެމީހުން ތިބީ ދެކޭށެވެ. އަދި އަނެއް ކޮޅުން އެމީހުންނަށް ވުރެ ފެންވަރު މަތީ މީހަކަށްވެސް ނަޞީރު ވެއްޖެއެވެ. ނަޞީރަށް އެމީހުންގެ އިޙްސާސްތައް ތަޞައްވުރު ކުރެވެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ އޭނާއަކީ ހަމަ ކުރީގެވެސް ދެރަ، ނިކަމެތި ނަޞީރުކަން އެމީހުންނަށް ޔަޤީން ކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ އެންމެ ދުވަހަކުން އެއްވެސް ކަމަކާ ނުލައި މޮޅު ދެރައިގެ ތަފާތު ނެތިގެން ދާނީ ކިހިނެއް ހެއްޔެވެ؟

ފަރުޒާނާގެ ލޯބީގައި އޭނާ ހައްޔަރުވީ ވަގުތެއް ނަޞީރަކަށްވެސް ނޭނގެއެވެ. އޭނާ ފަރުޒާނާއާ ދިމާއަށް ލެނބެން ފެށީ ކޮން ދުވަހަކު ކަމެއްވެސް ނޭނގެއެވެ. މީހެއްގެ ލޯބީގައި އޭނާ ރަނގަޅަށް ޖެހިފައިވެއޭ ހިތަށް އެރީވެސް ކާވެނީގެ އެތައް ދުވަހެއް ފަހުންނެވެ. އޭނާގެ ކާވެންޏަކީ ލޯބީގެ ކާވެންޏެކެވެ. މިއީ މީހުންނަށް އެނގިފައިވާ ގޮތެވެ. ޙަޤީޤަތް އެނގެނީ އޭނާއަށް އެކަންޏެވެ. އޭނާ އަންހެން ކުއްޖަކު ދެކެ ލޯތްބެއް ނުވެއެވެ. އޭނާގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް ލޯބިވީ އަނބިމީހާ ދެކެއެވެ. ކާވެނީގެ އެތައް މަހެއް ފަހުންނެވެ.

ފަރުޒާނާއަކީ މީހުންގެ ލޯބި ލިބުން ޙައްޤު ކުއްޖެއް ކަމަށް އޭނާ އިޢްތިރާފު ވެއެވެ. އޭނާއަކީ ވަރަށް ރީތި ކުއްޖެކެވެ. ޙަޤީޤަތާ ކުރިމަތި ލާން ކެރޭ ކުއްޖެކެވެ. ޢާއްމު ގޮތެއްގައި އޭނާއަށް ކްލަބުން އާދެވޭއިރު ހުންނަނީ މެންދަމުން އަލިވެ ދޭއް ޖަހައިފައެވެ. ފަރުޒާނާ ދުވަހަކުވެސް ޝަކުވާއެއް ނުކުރެއެވެ. އެކަނިމާ އެކަނި އޭނާގެ އިންތިޒާރުގައި ހޭލައި އިނދެއެވެ. ޔޫސުފު މަލިކު އެ ދެމަފިރިންނަށް ދީފައިވަނީ ވަރަށް ރީތި ފްލެޓެކެވެ. ހުރިހާ އަރާމެއް ފުރިހަމަ ވެފައިވާ ތަނެކެވެ.

ނަޞީރުގެ މަންމަ ސީމާ ދޭތެރެދޭތެރެއިން އާދެއެވެ. އެކަމަކު ނަޞީރު އުޅޭ ވަގުތަކު ދުވަހަކުވެސް ނާދެއެވެ. އޭނާ ކްލަބުން އެނބުރި އައީމާ ފަރުޒާނާ ކިޔައިދެއެވެ. "މިއަދު ނަޞީރުގެ މަންމަ އައި- ވަރަށް ގިނަ އިރު ވާންދެން އިން- ގެއަށް ލައިދޭން ދިޔައީ އަހަރެން-" ދެން ސީމާގެ ފުށުން ލިބުނު ޚަބަރުތައް ނަޞީރަށް ކިޔައިދެއެވެ. ނަޞީރު އާނ، ހޫނ ކިޔައިލަ ކިޔައިލާ އޮންނަނީއެވެ. ޝައުޤުވެރިކަމާއެކު އަޑެއް ނާހައެވެ.

ނަޞީރާއި ނަޖުމާއާ ދެމެދު ފިނި ހަނގުރާމަ ހިނގައެވެ. ނަޖުމާ އޭނާއަށް ފާރަ ލައްވާކަން ނަޞީރަށް އެނގެއެވެ. އޭނާ ބޭނުން ވަނީ ނަޞީރުގެ ފުށުން ކޮންމެވެސް ކުށެއް ހޯދާށެވެ. އޭރުން ފަރުޒާނާއާ ދިމާއަށް ކޮބާ މަބުނީމެއް ނޫންހޭ ބުނެވޭނެއެވެ.

އެކަމަކު ނަޞީރު ބިރެއް ނުގަނެއެވެ. މިހާރު އޭނާއަކީ ކުރީގެ ނަޞީރެއް ނޫނެވެ. ފަރުޒާނާގެ ލޯބީގެ ސަބަބުން އޭނާ ބަދަލު ވެއްޖެއެވެ. މިހާރު ފަރުޒާނާ ފިޔަވައި އެހެން އެއްވެސް މީހެއްގެ މައްޗަކަށް އޭނާގެ ޝައުޤު ވެރިކަމެއް ނެތެވެ. އަންހެނުންނަކީ އޭނާގެ ބަލި ފަޔެވެ. ނަޖުމާ އިންނާނީ ދަނޑިވަޅަކަށް ބަލަން ކަން އޭނާއަށް އެނގެއެވެ. އެހެން ނަމަވެސް މިހާރު އެއްވެސް ފިކުރެއް ނެތެވެ. އޭނާގެ ބަލި ފަޔަކަށް، ފަރުޒާނާ ވެއްޖެއެވެ. އެހެން އަންހެނުންގެ ޚިޔާލުވެސް މިހާރަކު ނުކުރެވެއެވެ.

* * *

އެރޭ އިސްޓޭޖުގައި ގިޓާ ޖަހަން ހުރެފައި ނަޞީރު ހޯލުތެރެއަށް ނަޒަރު ހިންގައިލިއެވެ. ނަވީން އޭނާގެ ޚާއްޞަ މޭޒު ދޮށުގައި ނަވީދާ ވާހަކަ ދައްކަން އިނެވެ. އެ ދެމީހުން ހަފުތާއަކު ތިން ރޭ ކްލަބަށް އާދެއެވެ. ނަވީން އިނީ މޭޒުމަތީގައި ހުރި ޖޫސް ތަށްޓާ ދިމާއަށް ބަލަހައްޓައި ގެންނެވެ. ވަށައިގެން ހިނގާ އެއްވެސް ކަމެއްގެ ޚަބަރެއް ވާހެންނެއް ހިޔެއް ނުވެއެވެ. ނަވީދު އެތަން މިތަނަށް ކަޅި އުކަނީއެވެ. އެއްފަހަރު ނަޞީރު ފެނިފައި އަތް ހޫރައިލިއެވެ. ނަޞީރު އަޅައެއް ނުލިއެވެ.

ނަޞީރު ފޫހިވާން ފަށައިފިއެވެ. އުދުހިފައި ފަރުޒާނާގެ ގާތަށް ފްލެޓަށް ދެވޭނެ ނަމައޭ ހިތަށް އެރިއެވެ. އޭނާ ރާގަކަށް ފަހު ރާގެއް ކުޅެމުން ދަނީއެވެ. މީހުން އެކި ލަވަލަވައަށް އެދެމުން ދަނީއެވެ. އޭނާ އިރުއިރު ކޮޅުން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލައެވެ. މަޑުމަޑުން ގަޑި ހިނގަމުން ގޮސް ބާރަ ޖަހައިފިއެވެ. މީހުން ގެއަށް ދާން ފަށައިފިއެވެ. އެކެއް ޖެހިއިރު މުޅި ހޯލް ހުސްވުމަކާ ގާތަށް ހިނގައްޖެއެވެ.

ނަވީން އައިސް ނަޞީރާ ވަރަށް ކައިރިއަށް ހުއްޓިއްޖެއެވެ. "މާ އަވަސް އަރައި ގަނެގެން އުޅެނީޔޯ- ހީރޯ-؟"

"މީހަކާ އިނީމާ އަވަހަށް ގެއަށް ދެވޭތޯ ބަލަން ވާނެ-"

"ނޫނޭ... އަދި ނުގޮސް މަޑުކޮށްލާ-" ނަވީން ބުނެލިއެވެ. "މި ފަޅު މޭޒުތައް ފެނުނީމާ ބިރެއް ނުގަނޭތަ-؟ އަރާ ކައިފާނޭހެން ހީވާފަދަ އެކަނިވެރިކަމެއް އިޙްސާސެއް ނުކުރެވޭތަ-؟"

"ނަވީދް ފެނޭތޯ ބަލާ-" ނަޞީރު ބުންޏެވެ. "ބަލާލަބަލަ- އެންމެން އެތިބަގެން ގެއަށް ދަނީ-"

"އެންމެންނެއް ނުދޭ- ބަލާބަލަ- އެހެރަ ރާނީއެއްވެސް ނުދޭ-" ނަވީން އެއްފަރާތަށް އިޝާރާތް ކޮށްލިއެވެ.

ނަވީން އިޝާރާތް ކުރި ދިމާއަށް ނަޞީރު ބަލައިލިއެވެ. ހޯލްގެ އެއްފަރާތު ކަނުގައި ހުރި މޭޒެއްގެ ދޮށުގައި އުމުރުން ސާޅީހާ ފަންސާހާ ދޭތެރޭގެ އަންހެނަކު އިށީނދެގެން އިނެވެ. އޭނާ އިނީ ހުސްތަށްޓެއް އިނގިލިން އަނބުރައިލަ އަނބުރައިލައެވެ. ހީވަނީ އެއީވެސް ކުޅިވަރެއް ހެންނެވެ. ފެންނަ ފެނުމުގައި މިއިން އިރަކު އޭނާ ގެއަށް ދާނޭ ވައްތަރެއް ނުޖަހައެވެ.

"ވިސްނާލަބަލަ- ހަތަރު ފަސް އަހަރެއް ފަހުން އަހަންނަށްވެސް އެހެން ވާނެ-" ނަވީންގެ ލޮލުން ފެންނަނީ ބިރުވެރި ކަމެވެ. "އެހެން ވެގެން ނުވާނެ-"

"ނަވީދް ކޮބާ-؟ ކަލޭ ގެއަށް ދާން ވެއްޖެއެއްނު-" ނަޞީރު އަހައިލިއެވެ.

"ނަވީދް ވީ ތަނެއް އަހަންނަކަށް ނޭނގޭ- ކޮންމެ ތާނކުވިޔަސް އަހަންނަށް ވަރިހަމަ-"

"ކަލޭ މިތާނގައި މަޑުކުރޭ- އަހަރެން އޭނާ ފެނޭތޯ ބަލާފައި އަންނާނަން-"

ނަވީދް ފެނުނީ ބޭރު ގޯތިތެރޭ ގަހެއްގެ ދޮށުގައި ހުއްޓައެވެ. އެ ދެމީހުން ފެނުމާއެކު ނަވީދް ނަވީންއާ ދިމާއަށް ހުތުރު އެއްޗެހި ކިޔަން ފަށައިފިއެވެ.

ނަވީން ހޭން ފަށައިފިއެވެ. ނަޞީރު ނަވީދާ ދިމާއަށް ކުރިޔަށް ޖެހިލިއެވެ.

"ކަލޭ އަނެއްކާވެސް އޭނާގެ ގައިގައި ތަޅައިގަނޭ- ހޭ އަރުވާލާ-" ނަވީން ބުންޏެވެ. "ބޭނުން ކަމެއް ނޫން- ތަޅައިގަތުމަކީ ބޭކާރު ކަމެއް- އެރޭވެސް ތަޅައި ގަތުމުގެ ބޭނުމެއް ނެތް- އެކަމަކު އެ ޕިޔާނާ ޖަހާ މީހާގެ ޚިޔާލުގައި އެއީ ކޮންމެހެން ބޭނުން ކަމެއް- އޭނާއަށް ކިޔަނީ ކޮން ނަމެއްތަ-؟ ... ރޫފީ-" ނަވީން ހީނހީނފައި ރޮނީއެވެ. "ނަވީދް- އަހަރެންގެ ޙާލު ރަނގަޅެއް ނޫން- ބޭނުންވަނީ ގެއަށް ދާން-"

ނަވީދް އިސްޖަހައިލިއެވެ.

"އޭނާއަށް ކަލޭ ގޮވައިގެން ގެއަކަށް ނުދެވޭނެ-" ނަޞީރު ހަރުކަށިކަމާއެކު ބުންޏެވެ. އަދި ނަވީންގެ އަތުގައި ހިފައި ދަމައިގަތެވެ. "ހިނގާ- އަހަރެން ގެންގޮސް ދޭނަން-"

ކާރުގައި އިށީނުމާއެކު ނަވީންގެ ޙާލު ރަނގަޅު ވެއްޖެއެވެ.

"ކަލޭގެ ކާރަށް ދުވަހަކުވެސް އެރިއްޔާ އަރާނީ އެކަނި ކަމަށް އަހަރެން އޮތީ ކަނޑައަޅާފައި- އަހަރެމެން ދެމީހުން އެކަނި- ކަލޭ ކަހަލަ ފިރިހެންދުޅާ މީހަކާ މިހާ ކައިރީގައި މިހާ ގިނަ ދުވަހު އަހަންނަށް ކެތް ކުރެވުނީތީ ޙައިރާންވޭ- ކަލޭ އަހަންނަށް ހިތްވަރު ނުދޭތީ ކަމަށްވެސް ވެދާނެ-"

"ދެނެއް ނުވެސް ދެވޭނެ-" ނަޞީރު ބުންޏެވެ. "އަހަރެން އުޅެނީ މީހަކާ އިނދެގެން-"

"ކަލޭ އުފާވޭތަ-؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.