ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަލިވެ ވަޑައިގެންނެވުމުން އެނަތީޖާ ގަބޫލު ކުރެއްވުމަށް އެމަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސް ޔާމީނަށް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ކަމަށް މިހާރު އިންތިޚާބު ކުރައްވައިފައިވާ އިބްރާހީމް މުހައްމަދު ސާލީހާ މައުމޫން ފައުންޑޭޝަންގައި މިއަދު ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އެންމެ ވޯޓެއްގެ ތަފާތުން ބަލިވިޔަސް ބަލި ގަބޫލު ކުރެއްވުމަކީ ޑިމޮކްރަސީގެ އުސޫލުކަމަށެވެ. 2008 ވަނަ އަހަރު ރައީސް ނަޝީދާ ވާދަކުރައްވައި ދެއްވަނަ ބުރުގައި ރައީސް މައުމޫން ބަލިވެ ވަޑައިގެންނެވުމުން އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ނަތީޖާ ގަބޫލުފުޅު ނުކުރެއްވުމަށް ވެސް ލަފާ ދެއްވި ކަމަށް މައުމޫން ވިދާޅުވިއެވެ.
އެފަހަރު ރައީސް މައުމޫން ބަލިވެ ވަޑައިގެންނެވީ އެންމެ 8 އިންސައްތަ ތަފާތުން ކަމަށާއި މިފަހަރު ރައީސް ޔާމީން ބަލިވެ ވަޑައިގެންނެވީ 16 އިންސައްތައިގެ ތަފާތުން ކަމަށް މައުމޫން ވިދާޅުވިއެވެ. އެހެންވީމާ ގައުމު ފިތުނައަކަށް ވައްޓަވައިލެއްވުމުގެ ބަދަލުގައި ޑިމޮކްރަސީގެ ރީތި ހަމަތަކާ އެއްގޮތަށް ބަލި ގަބޫލު ކުރައްވައި ދޫދެއްވުމަށް ރައީސް މައުމޫން ރައީސް ޔާމީނަށް ނަސޭހަތްތެރިވެ ވަޑައިގެންނެވެ.
ރައީސް މައުމޫން ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ހައިކޯޓުން ވަނީ ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރައްވައިފައެވެ. އެމަނިކުފާނާއެކު ދަރިކަލުން ފާރިސް އައި ދަނބި ދަރިކަލުން ނަދީމް ވެސް ދޫކޮށްލެއްވިއެވެ.