މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް މާފުށީ ޖަލުން ގެއަށް ބަދަލު ކުރައްވައިފިއެވެ.
މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫން މާފުށީ ޖަލުން މާލެ ގެންނަވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެމަނިކުފާނު މާލެ ގެންނެވި ލޯންޗު ވާނީ ދާދި ދެންމެއަކު މާލެއަށް ލަފައިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫން ގެއަށް ބަދަލުކުރެއްވީ އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރިގޮތުން ކަމަށެވެ. އެމަނިކުފާނު ގެއަށް ބަދަލުކޮށް ދެއްވުމަށް އެދި ގާނޫނީ ޓީމުންނާއި އާއިލާއިން ވަނީ ވަރަޢށް ބޮޑަށް މަސައްކަތް ކުރައްވައިފައެވެ.
ރައީސް މައުމޫންގެ ސިއްހީ ހާލަތަށް ވިސްނާފައި އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވުމުގެ ލަފާ ކަރެކްޝަންގެ ދަށުގައިވާ މެޑިކަލް ބޯޑުންވެސް ވަނީ މީގެ ކުރިން ދެއްވައިފައެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވަނީ އެކަން ތަންފީޒު ނުވެފައެވެ. އެކަމާ ބެހޭ ގޮތުން ކަރެކްޝަނުން ވިދާޅުވެފައިވަނީ މެޑިކަލް ބޯޑަކީ ގައިދީން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ލަފާދެއްވާ ތަނެއްކަމަށެވެ. އެތަނުން ދެއްވާ ލަފައަށް އަމަލު ކުރެއްވުމަކީ ކޮމިޝަނަރަށް ލިބިގެންވާ ބާރެކެވެ.
ދާދި ދެންމެއަކު މައުލޫމާތު ލިބުނުގޮތުގައި ރައީސް މައުމޫން ދޫކޮށްލަވައްވަނީ ކަފާލާތުގެ ދަށުންނެވެ. އެގޮތުން އެމަނިކުފާނު މިހާރުވަނީ ހައިކޯޓަށް ގެންދެވިފައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްލެއްވުމުގެ އަމުރު ވަރަށް އަވަހަށް ކޯޓުން ކުރައްވާނެއެވެ.