ލީބިޔާގެ ކުރީގެ ޒައީމު ކާނަލް މުޢައްމަރު އަލްގައްޒާފީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އޭނާގެ އުފަން ރަށް ސިރުތުގެ ކައިރީގައި އަވަހާރަކޮށްލެވުނީ އޭނާ ކުރެއްވި ފޯނުކޯލެއްގެ ސަބަބުންކަން އޭނާގެ ވަރަށް އަރިސް ބޭފުޅަކު ހާމަކުރައްވައިފިއެވެ.
ގައްޒާފީގެ އެންމެ ފަހު ވަގުތުކޮޅުގެ ތަފްސީލު ފުރަތަމަ ފަހަރަށް ޚަބަރުފަތުރާ ވަސީލަތްތަކަށް ހާމަކުރައްވަމުން ގައްޒާފީގެ ސަރުކާރުން އެންމެ ފަހުން ސައޫދީ އަރަބިއްޔާގައި ހުންނެވި ސަފީރު މުޙައްމަދު ސަޢީދު އަލްޤަޝާޠު ވިދާޅުވި ގޮތުގައި ގައްޒާފީ ހުންނެވިތަން ނޭޓޯގެ ސިފައިންނަށް ހޯދައިގަނެވުނީ އޭނާ ޓީވީ ޗެނަލަކަށް ކުރެއްވި ފޯނުކޯލެއް އަޑުއަހައިގެން ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެއީ އޭނާއަށް ހެއްދެވުނު އެންމެ ފަހު ގޯހެވެ. އެ ފޯނުކޯލުގެ ސިގްނަލް މެދުވެރިކޮށް އޭނާ ހުންނެވިތަން އެނގުމާއެކު ނޭޓޯގެ މަތިންދާބޯޓުތަކުން އެތަަނަށް ހަމަލާދިނެވެ.
"އޭނާއަށް ނުރައްކާ އިހުސާސުކުރެއްވުމާއެކު އޭނާއާއެކު ތިބި ސެކިއުރިޓީ މީހުންނާއެކު ނުކުމެވަޑައިގަތް. އެއީ 70 މީހުން. އެހެން ނަމަވެސް ފަރަންސޭސީ އަޕާޗޭ ހެލިކޮޕްޓަރުތަކަށް އެމީހުން ފެނުނު. ދެން ސެކިއުރިޓީ މީހުންނާއެކު ވެދެވަޑައިގަތީ ފެން ހިންގަން ހަދާފައި އޮތް ބޮޑު ކޮންކްރީޓު ހޮޅިއެއްގެ ތެރެއަށް. މީހުން ބުނެ އުޅުނީ އެއީ ނަރުދަމާ ހޮޅިއެއްކަމަށް." ގައްޒާފީގެ ފަހު ވަތުގުކޮޅުގެ ތަފްސީލު މިސްރުގެ 'އަލްއަހްރާމު އަލްޢަަރަބީ' މަޖައްލާއަށް ކިޔައިދެއްވަމުން އަލްޤައްޝާޠު ވިދާޅުވިއެވެ.
"(ހޮޅީގެ) އަނެއްކޮޅުން އޭނާއާއި އެކުގައި ތިބި ގާޑުން ނުކުމެވަޑައިގަތުމާއެކު އަޕާޗޭ ހެލިކޮޕްޓަރުތަކުން ވިހަގޭހާއި ރޮކެޓުން ހަމަލާދިން. އެހަމަލާގައި އޭރުގެ ދިފާއީ ވަޒީރު އަބޫބަކްރު ޔޫނުސް ޖާބިރާއި ބައެއް ގާޑުން މަރުވި. ފަހުން ގައްޒާފީ އަވަހާރަވީ މިސްރާތާގެ ޒުވާނުންގެ އަތްމަތީގައި." އޭނާ އިތުރަށް ކިޔައިދެއްވިއެވެ.
އަލްޤަޝާޠ އިތުރަށް ބަޔާންކުރެއްވި ގޮތުގައި އެމީހުން އޭނާގެ ހަށިކޮޅަށާއި، ދަރިކަލުން އަލްމުޢުތަޞިމުގެ ހަށިކޮަޅަށް އިހާނެތިކޮށް ހެދުމަށް ފަހު ދެބޭފުޅުންގެ ހަށިކޮޅު ދަނގަޑު ވިރުވާ އަވަނެއްގެ ތެރެއަށް އެއްލައި އަންދާލިއެވެ. ފަހުން ޚަބަރު ލިބުުނު ގޮތުގައި އެމީހުން އެ ދެބޭފުޅުންގެ ހަށިކޮޅު ކަނޑަށް އެެއްލައިލީއެވެ. ދެން އަތުލެވުނު ގާޑުން މަރާލުމަށް ފަހު އެމީހުންގެ ހަށިތައް ސަހަރާގައި ވަަޅުގަނޑެއް ކޮނެ ވަޅުލީއެވެ.
"އެމީހުން 170 ޓަނު ރަން ނެގުމުގެ ސަބަބުން ލީބިޔާގެ ޚަޒަނާ ހުސްވި. އަދި ބޭރުގެ ކުންފުނިތަކުގައި ހުރި 170 ބިލިއަން ޑޮލަރު ގެއްލި ދިޔަ. ސެނެގޯލާއި މާލީގައި ހުރި އިންވެސްޓްމަންޓުތައް ނުއަގުގައި ވިއްކާލުމުގެ ސަބަބުން އެވެސް ގެއްލި ދިޔައީ." ކުރީގެ ސަފީރު ހާމަކުރެއްވިއެވެ.