މޯލްޓާގައި ހުރި ފައިސާ ލީބިޔާ ސަރުކާރާ ހަވާލުކުރަން ކުރި ހުކުމް ޤައްޒާފީގެ ހުވަފަތް އަނބިކަނބަލުން އިސްތިއުނާފުކުރައްވައިފި

ޤައްޒާފީގެ ހުވަފަތް އަނބިކަނބަލުން ޞަފިއްޔާ ފަރްކާޝް މުޙައްމަދު

މޯލްޓާގެ ބޭންކް އޮފް ވެލެއްޓާއަށް ލީބިޔާގެ ކުރީގެ ލީޑަރު މުޢައްމަރުން ޤައްޒާފީގެ ދަރިކަލުން މުޢުތަޞިމް (އަލްމުޢުތަޞިމް ބިއްލާހި އަލްޤައްޒާފީ) ޖަމާކުރައްވާފައި ހުރި 95 މިލިއަން ޔޫރޯ (100 މިލިއަން އެމެރިކާ ޑޮލަރު) ލީބިޔާ ސަރުކާރާ ހަވާލުކުރުމަށް އެގައުމުގެ ކޯޓަކުން ކުރި ހުކުމް ޤައްޒާފީގެ ހުވަފަތް އަނބިކަނބަލުން އިސްތިއުނާފުކުރައްވައިފިއެވެ. ޤައްޒާފީގެ ސަރުކާރު ވައްޓާލަން ހަނގުރާމަކުރި ފަރާތްތަކުން ސިރްތު ހިފުމުގެ ތެރޭގައި މުޢުތަޞިމް ވަނީ އަވާހަރަކޮށްލާފައެވެ.

ޤައްޒާފީގެ ހުވަފަތް އަނބިކަނބަލުން ޞަފިއްޔާ ފަރްކާޝް މުޙައްމަދުގެ ފަރާތްޕުޅުން އޭނާގެ ގާނޫނީ ވަކީލުން ހުށަހެޅި އިސްތިއުނާފީ މައްސަލައިގައި ވާގޮތުން ބޭންކުގައި ހުރި ފައިސާއާ މެދު ގޮތް ނިންމުމުގެ ގާނޫނީ ހައިސިއްޔަތެއް މޯލްޓާގެ ކޯޓަށް ނެތެވެ.

2011 ވަނަ އަހަރު ޤައްޒާފީގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފަހުން ލީބިޔާ ސަރުކާރުން 2012 ވަނަ އަހަރު ކޯޓަށް ހުށަހެޅި މައްސައިލައިގައި ފައިސާ ލީބިޔާ ސަރުކާރާ ހަވާލުކުރުމަށް ކޯޓުން އަމުރުކޮށްފައި ވަނީ ފާއިތުވި ޖޫން މަހުގެ ފަހުކޮޅުގައެވެ.

މުޢުތަޞިމް އަވަހާރަކޮށްލުމަށް ފަހު ފެނުނު ތަކެތީގެ ތެރޭގައި މޯލްޓާގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްގެ ވެރިއެއްގެ ހައިސިއްޔަތުން ބޭންކް އޮފް ވެލެއްޓާއިން އޭނާއަށް ދޫކޮށްފައިވާ ގިނަ އަދަދެއްގެ ކްރެޑިޓް ކާޑު ފެނިފައި ވެއެވެ.

ޤައްޒާފީގެ މުދަލުގެ ވާރުތަވެރިންގެ ފަރާތުން މައްސަލަ އިސްތިއުނާފުކޮށްފައި ވަނީ ގާނޫނީ ވަކީލު ލުއިސް ކަސާރް ޕޮލިސީނޯއެވެ.

ފައިސާ ލީބިޔާގެ ސަރުކާރާ ހަވާލުކުރަން މޯލްޓާގެ ކޯޓުން ހުކުމް ކުރި މައްސަލަ ހުށަހަޅުއްވަމުން ލީބިޔާގެ އެޓާނީ ޖެނެރަލް ކޯޓުގައި ވިދާޅުވެފައި ވަނީ ސިފައިގެ އޮފިސަރަކަށް ވާތީ ވިޔަފާރިކުރެއްވުމުގެ ހުއްދަ މުޢުތަޞިމަށް ލިބިވަޑައިގެންފައި ނުވާކަމުގައެވެ. އަދި އަދި ގާނޫނުގައި ބުނާގޮތަށް އޭނާގެ އަތްޕުޅުގައި ހުރި ފައިސާގެ ތަފްޞީލު އޭނާ ސަރުކާރަށް ދެއްވާފައި ނުވާކަމުގައެވެ.

ޤައްޒާފީގެ ހުވަފަތް އަނބިކަނބަލުންގެ ފަރާތްޕުޅުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ލީބިޔާގެ އެގާނުނެއްގެ މައްޗަށް ބިނާކޮށް ކޯޓުން ހުކުމް ކުރި ގާނޫނަކީ ޖިނާއީ ގާނޫނެއް ކަމުގައެވެ. އަދި މުޢުތަޞިމްއާ ދެކޮޅަށް ޖިނާއީ މައްސަލައެއް ހުށަހަޅާފައި ނުވާކަމުގައެވެ. މީގެ އިތުރަން، އެ މައްސަލައިގައި ބުނެފައިވާ ގޮތުން ކޯޓުން ލީބިޔާ ސަރުކާރަށް ބަދަލު ދިނުމަށް ހުކުމް ކޮށްފައި ވަނީ ބޭރުގެ ގާނޫނަކާ ހަވާލާދީފައި ކަމަށް ވާއިރު، މޯލްޓާގެ ކޯޓަކަށް ބޭރުގެ ގާނުނަކާ ހަވާލާދީ ހުކުމެއް ކުރުމަކީ އުސޫލެއްގެ ގޮތުން ކުރެވޭނޭ ކަމެއް ނޫނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.