މިމަހު ނަގާ ވޯޓަކީ ތަރައްގީ ދަމަހައްޓަން ބޭނުންވޭތޯ ނަގާވޯޓެއް: ރައީސް

މިމަހުގެ 23 ވަނަ ދުވަހު ނަގާވޯޓަކީ ރާއްޖެއަށް އަންނަމުން މިދާ ތަރައްގީ ދަމަހައްޓަން ބޭނުންތޯ ނުވަތަ ނޫންތޯ ބެލުމަށް ނަގާ ވޯޓެއް (އިމްތިހާނެއް) ކަމަށް ޕީޕީއެމްގެ ރިޔާސި ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކ. ވިލިގިލީގައި ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނަގާވޯޓަކީ ނުވަތަ އިމްތިހާނަކީ ރާއްޖެއިން މިހާރު މިހާސިލް ކުރަމުންދާ އުންމީދުތަކާއި އަދި އަމާޒު ހިފައިފައިހުރި ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ކުރިއަށްއޮތް ފަސްއަހަރު ރައްޔިތުން އެކަންކަމުގެ އުންމީދުކުރަނީ ކިހިނެއްތޯ އާއި އެކަމަށް އެއްބާރުލުން ދެނީ ކިހާވަރަކަށްތޯ ބެލުމަށް ކުރިމަތިވާ "އިމްތިހާނެއް" ކަމަށެވެ.

"ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިއޮތީ ޝައްކެއްވެސްނެތް ގޮތުގައި އަޅުގަނޑުމެން މިހާސިލް ކުރަމުންދާ އުންމީދުތަކާއި އަދި އަޅުގަނޑުމެން އަމާޒު ހިފައިފައިހުރި ލަނޑުދަނިޑތައް ހާސިލް ކުރުމުގައި ކުރިއަށްއޮތް ފަސްއަހަރު ރައްޔިތުން އެކަންކަމުގެ އުންމީދު ރައްޔިތުން ކުރައްވަނީ ކިހިނެއްތޯ ރައްޔިތުންގެ ކޮމިޓްމެންޓް އެކަންކަމަށް ދެއްވަނީ ކިހާވަރަކަށްތޯ ރައްޔިތުން އަޅުގަނޑުމެން ރާއްޖެ ތަރައްގީކުރަން މިކުރާ މަސައްކަތުގައި ހުރިހާ ދާއިރާއަކަށް މިއަންނަމުންދާ ތަރައްގީ މިތާއީދާއެކީ ރައްޔިތުން އެކަން ދަމަހައްޓަން ބޭނުންފުޅުވޭތޯ ނުވަތަ ވިސްނުންފުޅު އެހެންގޮތަކަށްހުރިތޯ ބަލާލުމަށް ނެގޭ ބޮޑު އިމްތިހާނެއް. އަޅުގަނޑުމެން އެންމެން އިށީންނަ ބޮޑު އިމްތިހާނެއް. ޝައްކެއްވެސްނެތް ގޮތުގައި މިވޯޓަކީ މުހިންމު ވެގެންދާ ވޯޓެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރިއަށްއޮތް ފަސްއަހަރު އެމަނިކުފާނަށް ދެއްވައިފިނަމަ އެ އަހަރުތައް ވެގެންދާނީ ކުޑަ އުންމީދުތައް ބޮޑުވެ ކުޑަތަރައްގީ ބޮޑުވެގެންދާނެ އަހަރުތަކަށް ކަމަށެވެ. އެހެންކަމުން ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްވާއިރު ރީނދޫ ކުލަ ދޫކޮށް މެޖެންޓާ ޚިޔާރު ކުރުމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންތިޚާބުގެ ނަތީޖާއަކަށް ވެގެންދާންވާނީ ރާއްޖޭގެ ހުރިހާ އެންމެން އުފަލާއެކީ އުޅެވޭނެ ގޮތަކަށް ބަދަލުވެގެން ދިޔުން ކަމަށެވެ. "ކީއްވެގެންތޯ އަޅުގަނޑުމެންގެ އަމިއްލަކަންކަން ނިންމުމުގެ ބާރު ނުދެއްވަންވީ. ކީއްވެގެންތޯ ތައުލީމީ ދާއިރާއަށް އިންގިލާބެއް ގެންނަން ފުރުސަތު ނުދޭންވީ،" ރައްޔިތުންނަށް އުންމީދު ދެއްވަމުން ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.