ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައަށް ޖޭއެސްސީން ނުފޫޒު ފޯރުވާ: އިދިކޮޅު

އިސްތިއުނާފް މަރުޙަލާގައިވާ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްސަލައަށް، ނުފޯޒު ފޯރުވުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އާއި ސަރުކާރުން މަސައްކަތްކުރާކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީންކޯލިޝަނުން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން މިކަމާ ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި، ރައީސް ޢަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލައަށް  ނުފޫޒުފޯރުވުމަށް ސަރުކާރުގެ އެކި ލެވެލްގައި، ވެސް މަސައްކަތްކުރަމުންދާކަމަށް ވަނީ ތުހުމަތުކޮށްފައެވެ.  ރައީސް ޔާމީންގެ އިސްތިޢުނާފް މައްސަލައަށް ޖޭއެސްސީއާއި ސަރުކާރުން  ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް، އެކަން ހަރުކަށި ޢިބާރާތުން އެކޯލިޝަނުން ވަނީ ކުށްވެރިކޮށްފައެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް މިމަހުގެ އަށްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ޙުކުމާ ގުޅިގެން ހައިކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައަށް ނުފޫޒުފޯރުވުމަށް ޖޭއެސްސީން މަސައްކަތް ކުރާކަމުގެ މަޢުލޫމާތު އެކޯލިޝަނަށް ލިބިފައިވާކަމަށް ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.

"މިއީ ސުޕްރީމްކޯޓުން ދަށު ކޯޓުގެ ޙުކުމަށް ތާއީދު ކުރުމާއެކު، ރައީސް ޔާމީނަށް ކޮށްފައިވާ ޙުކުމަކީ ސިޔާސީ ޙުކުމެއްކަން ދިވެހި ރައްޔިތުންނަށް އިތުރަށް ޔަޤީންވެފައިވާ ދަނޑިވަޅެއްގައި، ޖޭއެސްސީގެ އިސްވެރިންނާއި މިސަރުކާރުގެ އިސްވެރިން ގޮތް ހުސްވެގެން ކުރަމުންދާ ވަރަށް ދަށުދަރަޖައިގެ ޢަމަލެކެވެ." އިދިކޮޅު ކޯލިޝަންގެ ނޫސްބަޔާނުގައ ވެއެވެ.

ޖޭއެސްސީން ފަނޑިޔާރުންނަށާއި ކޯޓުތަކަށް ނުފޫޒު ފޯރުވުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމަނިކުފާނުގެ ލޯޔަރުންނާއި މި ސަރުކާރަށް ތާއީދުކުރާ ފަރާތްތައް ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ތިއްބަވައިގެން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން ދިއުމުން، މި ސަރުކާރުން ޝަރުއީ ނިޒާމުގެ ތެރެއަށް ބާރު ފޯރުވައިފައިވާ މިންވަރު ވަރަށް ސާފެވެ." އިދިކޮޅު ކޯލިޝަނުން ބުނެފައި ވެއެވެ.

ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، އެމަނިކުފާނު ޖަލުގައި ގައިދުކޮށް ބަހައްޓައިގެން، ރާއްޖެ އަވަށްޓެރި ޤައުމަކަށް ވިއްކާލުމާއި ސަރުކާރުން ބޭނުންވާހާ ކަންކަން ކުރުމަށް ފުރުސަތު ތަނަވަސްކުރުމުގެ ގޮތުން ކަމަށް ނޫސްބާޔުގައި ބުނެފައި ވެއެވެ. އަދި ރައީސް ޔާމީން ދޫކޮށްލައިފިނަމަ މިކަންކަމާ ދެކޮޅަށް އަދި ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާއުގައި ސާބިތުކަމާއެކު ތެދުވާނެކަން މި ސަރުކާރަށް ޔަގީންވާތީ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އިދިކޮޅު ކޯލިޝަންގެ ނޫސްބަޔާން ނިންމާ ލަމުން ބުނެފައިވަނީ ނާއިންސާފުން ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ދެމުންދާ އަނިޔާތައް ކުށްވެރިކުރާ ކަމަށެވެ. އެއްވެސް ޝަރުތަކާ ނުލައި މިހާރުން މިހާރަށް ރައީސް ޔާމީން ޖަލުން ދޫކޮށްލުމަށް ވެސް އިދިކޮޅު ކޯލިޝަންގެ ނޫސް ބަޔާނުގައި ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.