ސ. މަރަދޫ، މަރަދޫފޭދޫ، ފޭދޫގައި ހިންގި ދެ މަޝްރޫޢެއްގެ ނިމުން ފާހަގަކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު ހެނދުނު އައްޑު އަތޮޅު ފޭދުއަށް ވަޑައިގެން ސ. މަރަދޫ، މަރަދޫފޭދޫ، ފޭދޫގައި ހިންގާފައިވާ ދެ މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރަދޫ، މަރަދޫފޭދޫ، ފޭދޫގެ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވައި ފޭދޫގެ ބިން ހިއްކުމަށް ހިންގި މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑުއަތޮޅަށާއި ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅުގައި، އިއްޔެ އެމަނިކުފާނު ވަނީ ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ފެނުގެ ޚިދުމަތް އިފްޠިތާޙް ކޮށްދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ހުޅުއްވައިދެއްވައި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައިދެއްވުމުގެ އިތުރުން ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިތަދޫއަށް ވަޑައިގެން ހިތަދޫގެ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައި އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގް ޔުނިޓްތަކާއި، ނޭޗަރ ޕާކާއި، ސޯލާ ހައިބްރިޑް ޕަވަރ ސިސްޓަމް ހުޅުއްވައިދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މަރަދޫ އަދި މަރަދޫފޭދޫއަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޏ. ފުވައްމުލަކަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވުމަށާއި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކާއި، ނޭޗަރ ޕާކް ހުޅުއްވައިދެއްވުމަށާއި، ބަނދަރުގެ އެއްގަމުތޮށިލުމަށް ހިންގި މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.