ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރު ފުވައްމުލަކު ސިޓީ މެދުދާއިރާގެ މަޖިލީސް މެމްބަރ އަލީ ފަޒާދު އެޕާޓީން ވަކިކޮށް ދިނުމަށް އެދި ފިޔަވަޅުއަޅާ ކޮމިޓީއަށް ސިޓީއެއް ފޮނުވައިފައިވާނެ ކަމަށް އެޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ވޭތުވެދިޔަ ހަފްތާއިން ފެށިގެން ފަޒާދު ވަނީ ޕީޕީއެމްގެ ޕީޖީ ވައިބަރ ގުރޫޕުން ނެރެފައި ކަމަށެވެ. އެގޮތަށް އަމަލުކުރެއްވީ ފަޒާފަށް ގުޅައިގެން ފޯނު ނުނަންގަވައި އެއްވެސް ޚަބަރެއް ނުވެ ބައެއްކަހަލަ މައުލޫމާތު ސާފުނުވާ ހިސާބަށް ދިޔުމުން ކަމަށް ނިހާން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕާލިމެންޓްރީގްރޫޕުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދިޔަ ފުވައްމުލަކު މެދުދާއިރާގެ މެމްބަރު އަލީ ފަޒާދު އަޅުގަނޑުމެންވަނީ ވޭތުވެދިޔަ ހަފްތާއިން ފެށިގެން އަޅުގަނޑުމެންގެ ޕާލިމެޓަރީ ގްރޫޕުގެ ވައިބަރ ގުރޫޕޫން ނެރެފައި. އެއީ ބައެއްކަހަލަ އަމަލުތައް ހުރި ގޮތުންނާއި އަދި އަޅުގަނޑުމެން ގުޅައިގެން ފޯނު ނުނަގައި ބައެއްކަހަލަ މައުލޫމާތު ސާފުނުވާ ހިސާބަށް ދިޔައިމާ އަޅުގަނޑުމެންނަށް އޭނާގެ ފަރާތުން ޖަވާބު ނުލިބުނީމާ އިހަށް ޕާލަމެންޓްރީ ގުރޫޕުގެ ވައިބަރ ގުރޫޕުން އަޅުގަނޑުމެން އޭނާ ބޭރުކުރިފަހުން ރޭގައި އަޅުގަނޑުމެންނަށް އޭނާ ފެނިގެންދިޔަ އިދިކޮޅު ފަރާތްތަކުގެ ކެމްޕޭން ޖަލްސާއެއްގައި ބައިވެރިވެގެން ކުރިއަށްދިޔަތަން،" ނިހާން ވިދާޅުވިއެވެ.
އެއީ ޕާޓީގެ ޕާލަމެންޓްރީ މެންބަރުން އެއްބަސްވެފައިވާ ޝަރުތުތަކާއި އުސޫލުތަކާ ޚިލާފު ކަމެއް ކަމަށްވެސް ނިހާން ވިދާޅުވިއެވެ. މެންބަރުން އަމަލުކުރަންވީ ގޮތް ގަވާއިދުގައި ވަރަށް ސާފުކޮށް ލިޔެފައިވާނެ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕާލަމެންޓްރީގެ ގްރޫޕުގެ ފަރާތުން އަޅުގަނޑުމެންވާނީ މިއަދުގެ ވަގުތެއްގައި ފިޔަވަޅުއަޅާ ކޮމިޓީއަށް ސިޓީއަކުން ދަންނަވާފައި އަލީ ފަޒާދު އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރެއްގެ ގޮތުގައި ހުރެ ޕާޓީގެ އަސްލުތަކާއި އުސޫލުތަކާ ޚިލާފަށް އަމަލުކުރަމުން ގެންދަވާތީވެ އަދި ފަހުގެ މަރުހަލާއެއްގައި ތަފާތު ގޮތްގޮތަށް އެމަނިކުފާނަށް ނަސޭހަތްދެވި އެ ނަސޭހަތްތައް ގަބޫލުނުކޮށް އެ ކުރިއަށް ވަޑައިގަތް ވަޑައގަތުމުގައި މިވަގުތު އަޅުގަނޑުމެންގެ ނިންމުމެއް ކަމަށް ވެގެންމިދަނީ އަލީ ފަޒާދު އަޅުގަނޑުމެންގެ ޕާލިމެޓްރީ ގްރޫޕުގެ މެމްބަރުކަމުން ވަކިކުރިކަން،" ނިހާން ވިދާޅުވިއެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ އަސާސީ ގަވާއިދުން އަޅުގަނޑަށް (ޕީޖީ ލީޑަރަށް) ލިބިގެންވާ ބާރުގެ ތެރެއިން ޕާޓީގެ މެންބަރުންގެ އިއްތިފާގާ އެކުގައި އަލީ ފަޒާދު މެމްބަރުކަމުން ވަކިކޮށްދިނުމަށް އެދި ފިޔަވަޅުއަޅާ ކޮމިޓީއަށް ސިޓީއެއް ފޮނުވައިފައި ކަމަށް ނިހާން ވިދާޅުވިއެވެ.
ފަޒާދު ވަކިކުރުމުގެ މަސައްކަތް އެކޮމިޓީން ކުރައްވާނެ ކަމަށާއި، ވީހާ ވެސް އަވަހަކަށް އެކަން ކުރައްވައި "އިސްތިއުނާފް މަރުހަލާގައި އަލީ ފަޒާދަށް ދެވެންވީ ވަގުތު ދެއްވައިގެން އެކަންކުރިއަށް ގެންގޮސް އިލެކްޝަންސް ކޮމިޝަނަށް ވީހާވެސް އަވަހަކަށް މިކަން އަންގަވައި ދެއްވުމަށް އެދިފައިވާނެ" ކަމަށް ނިހާން ވިދާޅުވިއެވެ.