ސަރުކާރުގެ ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާނުވުމަށް އިދިކޮޅު ކޯލިޝަނުން ފުލުހުންނަށް ގޮވާލައިފި

ގއ. ވިލިގިނލީގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން - ފޮޓޯ: ދަ ޕްރެސް

ޤާނޫނުއަސާސީއާއި ޤާނުނު ތަކުން ދިވެހި ރައްޔިތުންނަށް ލިބިދޭ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމާއި އިޙުތިޖާޖު ކުރުމުގެ ޙައްޤަށް ސަރުކާރުން އަރައިގަންނަމުންދާ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހެން ބުނީ ގއ. ވިލިނގިލީގައި ސުލްޙަވެރިކަމާއެކު، އިޙުތިޖާޖު ކުރަމުން ދިޔަ ފަރާތްތަކަށް ފުލުހުން މެދުވެރިކޮށް އަނިޔާކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާތީ އެކަން ކުށްވެރިކޮށް ނެރުނު ނޫސްބަޔާނުގައެވެ.

އެ ނޫސްބަޔާނުގައި ވަނީ ފުލުހުންގެ އެ އަމަލު ކުށްވެރިކުރާ ކަމަށާއި ޤާނުނުއަސާސީ އިން ލިބިދީފައިވާ އަސާސީ ޙައްޤަށް ހުރަސް ނޭޅުމަށް ގޮވާލާ ކަމަށެވެ.

"މި ކޯލިޝަންގެ ލީޑަރު، ޕީޕީއެމްގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ޢާއިލާއަށް ނުޙައްޤުން އަނިޔާވެރިވެ، ޖަލުގައި ބަންދުކޮށްފަ ބަހައްޓައިގެން އިބްރާހީމް މުޙައްމަދު ޞާލިޙު ގއ. ވިލިނގިއްޔަށް މިނިވަންކަމާއެކު ކެމްޕެއިން ދަތުރެއްގައި އަރާވަޑައިގަތުމުން އެކަމާއި ދެކޮޅަށް އަޑު އުފުލާ ސުލްޙަވެރިކަމާއެކު އިޙުތިޖާޖު ކުރަމުން ދިޔަ ގއ. ވިލިނގިލީގެ އެތައް ރައްޔިތުންނަކަށް ފުލުހުން މެދުވެރިކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އެރައްޔިތުންނަށް އަނިޔާކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." ނޫސްބަޔާނުގައި ބުންޏެވެ.

އެ ކޯލިޝަނުން ބުނީ އެ ކޯލިޝަންގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ގއ. ވިލިނގިލީގެ 3 ބޭފުޅަކު އަނިޔާވެރިކަމާއެކު ހައްޔަރުކުރި ކުރުން އެ ކޯލިޝަނުން ބަލައިނުގަންނަ ކަމަށާއި ސުލްޙަވެރިކަމާއެކު، ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމަކީ ޤާނޫނުއަސާސީ އިން ދިވެހިރައްޔތުންނަށް ކަށަވަރުކޮށްދޭ އަސާސީ ޙައްޤަކަށްވާއިރު، އެކަންކަމަށް ހުރަސް ނޭޅުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ޕްރިގްރެސިވް ކޯލިޝަނުން ބުނީ ސަރުކާރުގެ ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާނުވުމަށް ދިވެހި ފުލުހުންނަށް ގޮވާލާ ކަމަށާއި އެއާއެކު ރައީސް ޔާމީނާއި އެމަނިކުފާނުގެ ޢާއިލާއަށް ކުރަމުން ގެންދާ އަނިޔާ ހުއްޓާލައި އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.