ޓްރިޕޮލީއާ އެރަށުގެ ވަށައިގެންވާ ސަރަހައްދުގައި ކުއްލި ހާލަތު އިއުލާންކޮށްފި

ހަތިޔާރު އެޅި ޖަމާއަތެއްގެ ބަޔަކު ޓްރިޕޮލީ ކައިރީގައި ހަރަކާތްތެރި ވަނީ

ލީބިޔާގެ ވެރިރަށް ޓްރިޕޮލީ (ޠަރާބުލުސް) އާއި އެެރަށުގެ ދެކުނަށް އޮންނަ ސަރަހައްދުގައި ހަނގުރާވެރި ޖަމާއަތްތަކުގެ މެދުގައި ތަޅާފޮޅުން ކުރިއަށްދާތީ، އެ ސަރަަަހައްދުގައި ލީބިޔާގެ ރިޔާސީ މަޖިލީހުން ކުއްލި ހާލަތު އިއުލާންކޮށްފިއެވެ. މި ތަޅާފޮޅުންތަކުގައި ގިނަ އަދަަދެއްގެ މީހުން މަރުވެ، ގިނަ އަދަދެއްގެ މީހުން ޒަޚަމްވެފައި ވެއެވެ.

ރިޔާސީ މަޖިލީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ޓްރިޕޮލީއާއި އެރަށުގެ ވަށައިގެންވާ ސަރަހައްދަށް ކުރިމަތިވަމުން އަންނަ އުދުވާނަކީ ވެރިރަށާއި އެރަށުގައި ދިިރިއުޅޭ މީހުންގެ ސަލާމަތާ ކުޅުމެވެ. އެކަމާމެދު އަޅާނުލައި ތިބުމަކީ ވާނޭ ކަމެއް ނޫނެވެ." ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި "މި އުދުވާނުގެ ބޭނުމަކީ ސުލްހަވެރި ގޮތުގައި ސިޔާސީ ހާލަތު ބަދަލުކުރުމަށް ހުރަސް އެޅުމެވެ. އަދި ގައުމުގައި ހަމަޖެހުން ގާއިމުކުރުމަށް ގައުމީ ފެންވަރުގައްޔައި، ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހުއްޓުމަކަށް ގެނައުމެވެ."

ފާއިތުވި ހޯމަދުވަހުއްސުރެ ޓްރިޕޮލީގެ ދެކުނުގައި ހަނގުރާމަ ހިނގަމުން ދާއިރު، ހަތިޔާރު އެޅި އެތައް ޖަމާއަތެއް މިހަނގުރާމައިގައި ބައިވެރިވަމުން އެބަދެއެވެ. ހަނގުރާމަ ހުއްޓާލުމަށް އެތަައް ފަހަރަކު އެއްބަސްވެވުނު ނަަމަވެސް، އެއިން އެއްވެސް އެއްބަސްވުމެއް ދެމިގެން ގޮސްފައި ނުވެއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓަރޭޝް ވެސް ވަނީ ތަޅާފޮޅުން ހުއްޓާަލައި، ސުލްހަވުމަށް ހުރިހާ ޖަމާއަތްތަަކަށް ގޮވައިލައްވާފައެވެ. އޭނާ ނެރުުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ "އެއްވެސް ތަނެއް ދޮރެއް ނުބަލައި ރޮކެޓު ހަމަލަދިނުން ފަދަ އަމަލުތައް ހިމެނޭ ގޮތަށް އެކި ޖަމާއަތްތަކުން ތަޅާފޮޅު ކުރިއަށް ގެންދިއުމުން އާއްމުން ދަނީ މަރުވަމުންނެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ."

ހަނގުރާމައިގެ ސަބަބުން ޓްރިޕޮލީގައި ސަލާމަތުން އޮތް ހަމައެކަނި އެއާޕޯޓުވެސް ބަންދުކުރަން ޖެހިފައި ވާއިރު، ސިއްހީ ވުޒާރާއިން އެންމެ ފަހުން ނެރުނު އަދަދުތަކުން ހާމަވާ ގޮތުގައި، ހަނގުރާމައިގައި މިހާތަނަށް 40 އަށްވުރެ ގިނަ މީހުން ޒަޚަމްވެ 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައި ވެއެވެ.

އަނެއްކޮޅުން ޚަބަރު ލިބޭގޮތުގައި ލީބިޔާގެ ދެކުނުގައި ވާ ޖެލެއްގެ ކައިރީގައި ހަނގުރާމަ ހިނގަމުން ދަނިކޮށް އެޖަލުގެ މައި ދޮރާާށި ހަލާކުކޮށްލައި 400 ގައިދީން ވަނީ ފިލައިގެން ގޮސްފައި ކަމަށް ލީބިޔާގެ ފުލުހުން އިއްޔެ ވަނީ ހާމަކޮށްފައެވެ. ފިލައިގެން ދިޔައީ ކޮން ބާވަތެއްގެ މައްސަލަތަކެއްގައި ބަންދުކޮށްފައި ތިބި ގައިދީން ކަމެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ލީބިޔާގައި މިހާރު ވެރިކަން ކުރަމުން ދަނީ ގައުމީ އެއްބައިވަންތަ ސަރުކާރަކުން ކަމުގައި ވިޔަސް، ހަތިޔާރު އެޅި ޖަމާއަތްތައް ދަނީ ގައުމުގެ އެކި ސަރަހައްދުތައް ކޮންޓުރޯލުކުރަމުންނެެވެ. އަދި މި ޖަމާއަތްތަކުގެ މެދުގައި ހަނގުރާމަ ހިނގުން ވަނީ އާއްމުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.