ފުވައްމުލަކުގައި އިސްލާމީ މަރުކަޒެއް އަޅައިދޭނަން: ޑރ. ޝަހީމް

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުކޮށްދެއްވައިފި ކަމަށްވާނަމަ ފުވައްމުލަކު ސިޓީގައި އިސްލާމީ މަރުކަޒެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ފުވައްމުކު ސިޓީއަށް ވަޑައިގެން އެސިޓީގެ މެދު ދާއިރާގައި ޕީޕީއެމްގެ ކެމްޕޭން އޮފީހެއް ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ އެސިޓީގައި އިސްލާމީ މަރުކަޒެއް އަޅުއްވައި ދެއްވުމަށް ރައީސް ޔާމީން ނިންމެވީ އަރަބި އިސްލާމީ ތައުލީމާއި ޤުރުއާން ހިތުދަސް ކުރުމުގެ މަސައްކަތާއި އެފަދަ އެހެންކަންކަން ކުރެއްވުމަށް ކަމަށެވެ. އަދި އެސިޓީ އަކީ ޢިލްމުވެރިންނާއި، ހާފިޒުންނާއި، އިމާމުންނާއި އިސްލާމީ ލިޔުންތެރިންގެ ސިޓީއެއް ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ އެމަސައްކަތް ކުރައްވާނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އިސްލާމީ މަރުކަޒު ގާއިމްކުރައްވާނީ އެތަނުގައި އިސްލާމީ ތަފާތު ފޯރަމްތަކާއި ޖަލްސާތައް ވެސް ބޭއްވޭ ގޮތަށް ކަމަށެވެ.  "ކީރިތި ޤުރުއާން ހިތުދަސް ކުރުމާއީ ޤުރުއާނުގެ ޢލްމު ފެތުރުމުގެ މައިހަބަކަށް މިތަން (ފުވައްމުލަކު ސިޓީ) ވެގެންދާނެ" ޝަހީމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.