ކޯލިޝަން ސަރުކާރުން ވެރިކަމާ ހަވާލުވެހެން އެންމެ ފުރަޔަމަކުރަން އޮތް އެއް ކަމަކީ ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް ވަޒީފާ ދެއްވުން ކަމަށް އިދިކޮޅު ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މ. ދިއްގަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ގެންދަވަނީ ވާޒީފާއަދާ ކުރާ ފަރާތްތަކަށް އެކިގޮތް ގޮތުން ފިއްތުންތައް ކުރިމަތި ކުރުވަމުން ކަމަށެވެ. އޭގެ ތެރޭގައި ވަޒީފާއިން ވަކިކުރުން ވެސް ހިމެނޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެގޮތަށް ވަޒީފާއިން ވަކިކުރާ މީހުންނަށް ވަޒީފާ އަލުންދީ ގާނޫނޫ އަސާސީން ކަށަވަރު ކޮށްދީފައިވާ ހުރިހާ ހައްގެއް ލިބިދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކޯލިޝަނުން ސަރުކާރު ހިންގަވާނީ އެއްވެސް ހާލެއްގައި ފިނިކޮޓަރީގައި ތިބެގެން ބޮޑާ ކަމާއި ކިބުރުވެރިކަމާއި ފޮނިކަމާއެކު ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތަށް "ދިވެހި ދައުލަތް ހިންގުމަކީ އެއީ އަޅުގަނޑުމެންގެ ކޯލިޝަންގެ ވިސްނުމަކަށް ވެސް އަންނާނެ ކަމެއްވެސް ނޫން. ވަކިރަށަކަށްވީތީ ކުޑަރަކަށްވީތީ ތަފާތު ކުރުމަކީ ކޯލިޝަނުން ގެންގުޅޭނެ ކަމެއް ނޫން. އަބަދުވެސް ބަލާނީ ﷲ އަންގަވާފައިވާ ގޮތަށް އިސްލާމީ ރީތި އުސޫލުން ކަންތައްތައް ކުރުމަށް،" ފައިސަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުން ބޭނުންވާ ނަތީޖާ 23 ސެޕްޓެންބަރުގައި ނުރެދީފިނަމަ ގައުމުވެގެންދާނީ އެހެން ބައެއްގެ އަޅުވެތި ގައުމަކަށް ކަމަށާއި، އެހެން ގައުމެއްގެ ބަޔަކު އަޅުގަނޑުމެންގެ މައްޗަށް ވެރިވެގަންނަން ދުވަހަކުވެސް ދިވެހިން ބޭނުންނުވާނެ ކަމަށެވެ. "މިފަސް ގަނޑުން އެހެން ބަޔަކަށް އެހެން ދީނަކަށް ޖާގަ ލިބިގެން ދޔުމަކީ ދުވަހަކުވެސް ދިވެހި ރައްޔިތުން ބޭނުންވާނެ ކަމެއްނޫން. ސަރުކާރުން ބޭރުކާރު ލޯނުތައް ނަގައި ދަރަނި ބޮޑުކުރުމަމީ އަޅުވެތިކަމަކަށް މަގުފަހިވުމަށް އޮތް ބިރެއް" ފައިސަލް ވިދާޅުވިއެވެ.