ފާއިތުވި އަހަރު ބޭއްވުނު އދ. ގެ އާއްމު މަޖިިލިސް (ޖެނެރަލް އެސެންބްލީ) ގެ ޖަލްސާގެ ތެރޭގައި އީރާނުގެ ރައީސު ޙަސަން ރޫޙާނީއާ ބައްދަލުކުރެއްވުމަށް އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް އަށް ފަހަރު އެދިވަޑައިގަތް ކަމުގައި ރައީސު ރޫޙާނީގެ ޗީފް އޮފް ސްޓާފް ވިދާޅުވެއްޖެއެވެ.
"އާއްމު މަޖިލިސްގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެންމެ ފަހުން ރޫޙާނީ ނިއުޔޯކަށް ވަޑައިގެން އުޅުއްވަނިކޮށް، ރައީސާއެކު ބައްދަލުވުމެއް ބޭއްވުމަށް އީރާނު ވަފުދުގެ ކިބައިން ޓްރަމްޕް އަށް ފަހަރު އެދިވަޑައިގަތް." ރޫޙާނީގެ ޗީފް އޮފް ސްޓާފް މަހްމޫދު ވާއިޒީ ވިދާޅުވިކަމަށް މެެެހެރް ނިއުސް އެޖެންސީން ޚަބަރުދީފައި ވެއެވެ.
އެކަން ހިނގާފައިވަނީ އީރާނާއެކު ވެފައިވާ ނިއުކުލިއާ އެެއްބަސްވުމުން އެމެރިކާ ވަކިވާން އުޅޭކަން ޓްރަމްޕް އިއުލާންކުރިތާ މާގިނަ ދުވަހެއް ނުވެ ކަމުގައި އޭނާ ވިދާާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޓްރަމްޕްގެ އެދިވަޑައިގަތުމަށް އީރާނުގެ ވަފުދުން އެއްވެސް ޖަވާބެއް ދީފައި ނުވެއެވެ.
"އެމެރިކާއާ ގުޅޭ ގޮތުން އަހަރުމެން ގެންގުޅެނީ ދެފުށް ފެންނަ ސިޔާސަތެއް.... އެއީ އަަހަރުމެން ފިއްތުންތަކަށް ބޯނުލަނބާނެކަން." ވާއިޒީ ވިދާޅުވިއެވެ.
އދ. ގެ ބައްދަލުވުމުގެ ތެރޭގައި ރޫޙާނީއާ ބައްދަލުކުރައްވަން ޓްރަމްޕް އެދިވަޑައިގަތް ކަމުގައި ފާއިތުވި އޮކްޓޯބަރު މަހު އީރާނުން ބުނެފައި ވެއެވެ. އެހެންނަަަމަވެސް، ތަކުރާރުކޮށް އެތައް ފަހަރަކު އެދިވަޑައިގަތްކަން ކުރިން ހާމަކޮށްފައި ނުވެއެވެ.
އީރާނުގެ ނިއުކުލިޔާ ޕްރޮގްރާމުގެ އިތުރަށް އީރާނުން އެ ސަރަހައްދުގައި ހަރަކާތެރިވާގޮތާއި، މިސައިލް ސިސްޓަމްތައް ތަރައްގީކުރުން ފަދަ މައްސަލަތައް ހިމެނޭގޮތަށް އީރާނާއެކު އެއްބަސްވުމެއް އެކުލަވާލުމާ ބެހޭ ވާހަކަތައް ފެއްޓެވުމަށް ތައްޔާރަށް ހުންނެވި ކަމުގައި ރައީސު ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
އެއްބަސްވުމަކަށް އަލުން ދިއުުމުގެ ފުރުސަތެއް ނެތް ކަމަށް ބުނެ އީރާނުން ދަނީ އެމެރިކާއިން އަލުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރުކުރާނެ ގޮތްތައް ހޯދުމަށް ޔޫރަޕާއި އޭޝިޔާގެ ގައުމުތަކާއެކު މަސައްކަތްކުރަމުންނެވެ.
ޓްރަމްޕް-ރޫޙާނީ ބައްދަލުވުމެެއް ބޭއްވުނުނަމަ އެ ބައްދަލުުވުން ވީހީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށް ފަހު ދެ ގައުމުގެ އެންމެ އިސް ވެރިންގެ މެދުގައި ބޭއްވޭ ފުރަތަމަ ބައްދަލުވުން ކަމުގައެވެ.