އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ލޮނދީގައިޖެހި ސަރުކާރު ވެއްޓޭނެ: އަސްލަމް

މިނިސްޓަރ އަސްލަމް

އެމްޑީޕީގެ ރިޔާސީ ޓިކެޓަކީ އަތުގައި ހަރުނުލާހައި ލޮނދި ޓިކެޓެއް ކަމަށްވާނަމަ އެއީ ރަނގަޅު ފާލެއް ކަމަށާއި އޭގެ މައްޗަށް މި ސަރުކާރުން އެރި އަނގަވަތަށް ވެއްޓޭނެ ކަމާމެދު ޝައްކެއްނެތް ކަމަށް ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް ވިދާޅުވީ ސަރުކާރު ހިންގާ ފަރާތްތަކުން އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ވާހަކަ ދައްކައި އޭގެ ލޮނދި ކަމާމެދު ކަންބޮޑުވުމަކީ އެމްޑީޕީއަށް އޮތް ރަނގަޅެއް ކަމަށެވެ. އެފަދަ ވާކަތައް ސަރުކާރު ހިންގާ ފަރާތްތަކުން ދައްކަވަނީ ކަންބޮޑުވުންއޮތް މިވަރު ބޮޑު ކަމުން ކަމަށާއި ރިޔާސީ އިންތިޚާބު ސަރުކާރަށް ކާމިޔާބު ކުރެވުމާމެދު އަދިވެސް ވަރަށް ބޮޑަށް ޝައްކު ކުރެވޭތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެހެންނަމަވެސް އެމްޑީޕީން އެއޮތީ ވަރަށް ސާފު ނިންމެވުމަށް ނިންމަވާފައި. އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އިބްރާހީމް މުހައްމަދު ސާލިހު. އެމަނިކުފާނަށް ތާއިދު އެބައޮތް. ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ބޮޑުތަނުން ބަލިކުރާނެ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިހެން ވިދާޅުވިޔަސް މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް މި އިންތިޚާބު ކާމިޔާބު ކުރައްވާނީ 60 އިންސައްތައިން ކަމަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ޕީޕީއެމުން ރައީސް ޔާމީނާއި، އެމްޑީޕީން އިބޫ އާއި، އަމިއްލަގޮތުން އުމަރު ނަސީރާއި، ސުޖާއު ހުސައިނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.