އިރު އުތުރު ނައިޖީރިޔާގެ ރަށަކަށް ބޯކޯ ހަރާމްގެ ހަނގުރާމަވެރިންކަމަށް ލަފާކުރެވޭ ބަަޔަކު އަމިއްލައަށް މަރުވެގެން ކައިރި ކައިރީގައި ގޮއްވާލި ދެ ބޮމެއްގެ ސަބަބުން 31 މީހުން މަރުވެއްޖެއެވެ.
ދެ މީހުން އަމިއްލަ އަށް މަރުވެގެން ބޮން ގޮއްވާލާފައި ވަނީ އިރު އުތުުރު ބޯނޯ ސްޓޭޓުގެ ޑަމްބޯއާގައި ފިޠުރު އީދު ފާހަގަކުރުމަށް ފަހު ހޮނިހިރު ދުވަހުގެރޭ ގެއަށް އެނބުރި އައުމުގެ މަގުމަތީގައި ތިބި ބައެއްގެ ތެރެއަށެވެ.
ދެ ބޮން ގޮެއްވާލުމަށް ފަހު ހަރުކަށި ހަނގުރާމަވެރިން ވަނީ ރޮކެޓް ގްރެނޭޑުންވެސް މީހުންނަށް ހަމަލާ ދީފައެވެ. މިިކަމުގެ ސަބަބުންވެސް މަރުވި މީހުން އިތުރުވެފައި ވެއެވެ.
"ރޭ ޑަމްބޯއާގައި ޖާނުން ފިދާވެގެން ދެވުނު ބޮމުގެ ދެ ހަމަލާގެ އިތުރަށް ރޮކެޓުން ފޮނުވާލެވޭ ގްރެނޭޑުންވެސް ހަމަލާދީފައިވޭ. އެކަމުގެ ސަބަބުން 31 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމުވެފައިވޭ." އެ ސަހަރައްދު އަސްކަރީ އިސްވެރިޔަކު ކަމުގައިވާ އަބޫބަކުރު ކޯލޯއާ ހަވާލާދީ އޭއެފްޕީން ބުނެފައި ވެއެވެ.
ހޮނިހިރު ދުވަހުގެރޭ 10:45 ހާއިރު ގާތްގަނޑަކަށް އެކުއެކީގައި ހެން ދެވުނު ދެ ހަމަލާއިން 8 މީހުން މަރުވެފައިވެއެވެ. ގިނަ މީހުން މަރުވެފައި ވަނީ ރަށް ބޭރުގައި ތިބި ހަނގުރާމަވެރިން މީހުންގެ ތެރެއަށް އަމާޒުކޮށް ދިން ރޮކެޓުން ފޮނުވާލެވޭ ގްރެނޭޑް ހަމަލާތަކުންނެވެ.
ހަރުކަށި ހަނގުރާމަވެރި ޖަމާާއަތް ބޯކޯ ހަރާމުން ވަނީ އިރު އުތުރު ނައިޖީރިއާގެ މާރުކޭޓުތަކާއި މިސްކިތްތަކާއި، މީހުން ގިނައިން ދިރިއުޅޭ ސަރަހައްދުތަކަށް ޖާނުން ފިދާވެގެން ހަމަލާދޭ މީހުން ފޮނުވުން އިތުރުކޮށްފައެވެ. މިފަދަ ހަމަލާތައް ގިނައިން ދޭކަމަށްވަނީ ޒުވާން އަންހެން ކުދިންނެވެ.
އަޑަމާވާ ސްޓޭޓުގެ މުބީ އަވަަށުގެ މިސްކިތަކަށާ މާރުކޭޓަކަށް އެެއްފަހަރާ ދެވުނު ދެ ބޮމުގެ ހަމަލާގައި 81 މީހުން މަރުވެފައި ވެއެވެ.
ނައިޖީރިޔާގެ ރައީސު މުހައްމަދޫ ބުހާރީ 2015 ވަނަ އަަަހަަރު ވެރިކަމަށް ވަޑައިގެންނެވީ ބޯކޯ ހަރާމް މައިތިރިކުރައްވާނެ ކަމުގެ ވައުދާއެކުގައެވެ. އެހެންނަމަވެސް، އެ ޖަމާއަތުން ދަނީ ޖާނުން ފިދާވުމުގެ ހަމަލާތައް ދިނުމާއި، މީހުން ރަހީނުކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ.