އިންސާފުވެރި އިންތިޚާބަކަށް އެންމެ މުހިންމީ ހުރިހާ ޕާޓީތަކުން ގަބޫލުކުރާ ކޮމިޝަނެއް: ޝާހިދު

ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ އަދުލުވެރި، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބަކަށް ހެދުމަށް އެންމެ މުހިންމު ކަމަކީ ސިޔާސީ ހުރިހާ ޕާތީތައް ގަބޫލުކުރާ އިލެކްޝަންސް ކޮމިޝަނެއް ގާއިމްވެފައި އޮތުން ކަމަށް ކުރީގެ ފޯރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އާފަތިހަށް ދެއްވި އިންޓަރވިއުއެއްގައެވެ. "އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ (ގަބޫލުކުރާ) އިލެކްޝަންސްސް ކޮމިޝަނެއް ގާއިމްވުން މިވަގުތު އެންމެ މުހިންމު ކަމަކީ،" ޝާހިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވީ މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގައި ސަރުކާރުން އަމަލު ކުރައްވާގޮތާއި އުސޫލު ފެންނަމުންދާ ކަމަށެވެ. "މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގައި ސަރުކާރުން އަމަލުކުރިގޮތް އެހެރީ ފެންނަން. އިލެޝަންސް ކޮމިޝަން އެކަންޏެއް ނޫން، ހުރިހާ މިނިވަން މުއައްސަސާތަކެއްވެސް އެހުރީ. ސަރުކާރުން ބޭނުންވާ ބައެއް ސަރުކާރުންލައިފައި އެހުރީ،" ޝާހިދު ވިދާޅުވިއެވެ.

މުއައްސަސާ ތަކަށް ސަރުކާރުން ބޭނުންވާ ބޭފުޅުން ލައްވައިފައިވާތީ އެތަންތަނުގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިތުބާރު ކުރެވޭ އިލެކްޝަންސް ކޮމިޝަނަކަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ވާންޖެހޭ ސަބަބަކީ އެއީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިކަހަލަ މުހިންމު އިންތިޚާބެއް ކުރިމަތިވެފައިވާ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަން އެއީ ހުރިހާ ޕާޓީތަކެއް ގަބޫލުކުރާ ކޮމިޝަނެއް ކަމުގައި ވުން އެއީ ލާޒިމް ކަމެއް،" ޝާހީދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބާމެދު ޝައްކު އުފެދޭނެ ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އިންތިޚާބުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ އިންތިޚާބާ ބެހޭ ގާނޫނާއި ގަވާއިދާއި ރާއްޖޭގެ އެހެނިހެން ވެސް ގާނޫނުތަކާ އެއްގޮތަށް ކަމަށް އެ ކޮމިޝަންގެ ރައީސް ވަނީ ވިދާޅުވެފައެވެ.

އެކަމާ ބެހޭގޮތުން ޝާހިދު ވިދާޅުވީ އެއީ ގަބޫލު ކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. "އިލެކްޝަންސްގެ އެ ބަސް އެއްވެސް އަގެއްނެތް ބަހެއްގެ ގޮތުގައި މިފެންނަނީ. އެއީ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިވާނެގޮތް (މަގާމް ހުސްވާނެގޮތް) ކަނޑައެޅި ބަޔާން ވެގެން އޮއްވައި އަދި ސްޕްރީމް ކޯޓުން އެކަމާބެހޭގޮތުން ސާފު އިބާރާތުން ވަކިގޮތަކަށް ވިދާޅުވެފައި އޮއްވައި އެކަން ކުރައްވަމުން ގެންދަވާ ގޮތުން އަޅުގަނޑުމެންނަށް އެބަ ސާފުވޭ އިލެކްޝަންސް ކޮމިޝަނަކީ އެ ކޮމިޝަނުގެ އަމިއްލަ ބަސް ބުނުމުގެ އިޚްތިޔާރުނެތް ތަނެއްކަން. ކޮމިޝަނުން ބުނާ ކޮންމެ ބަހެއް ބުނަމުންދަނީ ސަރުކާރުން ބޭނުންވާ ގޮތަށް،" ޝާހިދު ވިދާޅުވިއެވެ. އެމަނިކުފާނު އެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން ނިންމައިފައިވާތީ އެވާހަކައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހުއެވެ. އިންތިޚާބަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާ ކަމަށް އިލެކްޝަނުން ވަނީ ވިދާޅުވެފައެވެ. އެ ކޮމިޝަނުން މިހާރު ގެންދަނީ ވޯޓުލާ މަރުކަޒުތައް ސާވޭ ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.